English Edition
Dhivehi Edition

މެންދުރުގެ ކެއުމަށްފަހު އިމްޖާދު އޭނާގެ ރޫމަށް ގޮސް ކުޑަކޮށް ޖައްސާލިއެވެ. އޭނާ ކިއާރާގާތުގައި ވައުދުވީ ހަވީރު 4 ޖަހާއިރަށް ކުޑަކޮށް ރަށުތެރެ ބަލާލުމަށް ބޭރަށް ދިއުމަށެވެ. އެހެންކަމުން މިވަގުތު އެކަނި އައިސް ރޫމުގައި މަޑުކޮށްލީއެވެ.

އެނދުގައި އޮށޯވެ ތަނުގެ ހަމަހިމޭންކަމުގެ ތެރެއިން ގަޑީގެ ޓިކްޓިކް އަޑު އަހަމުން ދިޔައިރު އިމްޖާދުގެ ހިތަށް އަރަމުންދިޔައީ ކުއްލިއަކަށް އޭނާގެ ޙަޔާތަށް މިއައި ބަދަލާމެދުގައެވެ. އޭނާ އައްޑޫއަށް އައީ ޙަޔާތުގެ ކުޅިފަސްގެއްލި ކުޅިވަރަކުން ބަލިވެފައިވާ ކުޅުންތެރިއެއް ފަދައިންނެވެ. ހިތާއި މޭ ޒަޚަމްވެފައިވާ ހަނގުރާމަވެރިއެއްފަދައިންނެވެ. ނަމަވެސް އޭނާގެ ޒަޚަމްތަކުގައި މަލަން އަޅައިދިނީ ކިއާރާއެވެ. ކިއާރާގެ ދުލުން އޭނާ ދެކެ ލޯބިވެއޭ އަދި އޭނާގެ ޙަޔާތަށް އަންނާނަމޭ ބުނެ އެއްބަސް އަދި ނުވިޔަސް އެއީ ކިއާރާވެސް އެދޭގޮތްކަން އޭނާގެ އަމަލުތަކުން ސާފުކޮށް އެނގެއެވެ. މިރޭ އޭނާ ކިއާރާ ލައްވާ އެކަމަށް އެއްބަސް ކުރުވާނެއެވެ. އައްޑޫ އިން ފުރާއިރު އެ ޔަގީން ކަން އޭނާއަށް ވަރަށް މުހިއްމެވެ. އައިޝާގެ ކުރިމައްޗަށް ކާމިޔާބީގެ ހިނިތުންވުމާއެކު މަތިހަށިނަގައިގެން އޭނާއަށް ދެވޭނީ އޭރުންނެވެ. ކިއާރާ ކަހަލަ ކިޔަވައިގެން އިން ރީތި އަދި ވިސްނުންތެރި އަންހެނަކު އޭނާގެ ޙަޔާތަށް މިވަގުތު ވަރަށް މުހިއްމެވެ. ނަމަވެސް ދެތިން ދުވަހެއްގެ ބައްދަލުވުންތަކަކަށް ފަހު އޭނާ ބޭނުންވާ ގޮތަކީ ކިއާރާވެސް ބޭނުންވާ ގޮތްކަމަށް ނިންމަން އަދި މާ އަވަހެވެ. މިޒަމާނުގެ އަންހެންކުދިންގެ ގޮތެއް ނޭނގޭނެއެވެ. އައިޝާއަށް ވެސް އޭނާ އިތުބާރުކުރިއެވެ. ހިތާ ރޫހުން ލޯބިވިއެވެ. ޖިސްމާއި ނަފްސު އައިޝާއަށް ހަދިޔާކުރިއެވެ. ނަމަވެސް އޭނާއަށް ދުވެވުނީ ހަމަ މުޅިން އަވާމެންދުރެއްގެ ފަހަތުންނެވެ!

ބަރާބަރު ގަޑިއަށް ކިއާރާ ހުރީ ތައްޔާރުވެގެން އިމްޖާދުގެ އިންތިޒާރުގައެވެ. އޭނާގެ ދޮން މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ވަށްވަށްކޮށް ހުރި ބޮޑު ދެލޮލުގެ ވިދުން ގަދައެވެ. ތުންފަތް މަތީގައި އޭނާގެ ޚާއްޞަ ހިނިތުންވުން ފެންނަން ހުއްޓެވެ. ހަވީރީ ހެދުމެއްގައި އޭނާ ފެންނަގޮތް ވަރަށް ރީއްޗެވެ. އިމްޖާދު ކަޅިޖަހައި ނުލައި މިރީތި އަންހެންކުއްޖާއަށް ބަލަން ހުއްޓެވެ. އޭނާއަށް ވާނެ ނަމަ މިހާރުވެސް މި ކުއްޖާ އޭނާގެ އަންބަކަށް ހެދީހެވެ. ނަމަވެސް އެކަމަށް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.

ކިއާރާއާއި އިމްޖާދު އައްޑޫ ލިންކު ރޯޑުގައި ޚިޔާލެއް ފިކުރެއް ނެތި ސައިކަލް ދުއްވަމުން ދިޔައެވެ. އެމީހުން އައްޑޫއަށް އައީ ބަރު ހިތަކާާއި ހިތްދަތިކަމާއި މާޔޫސް ކަމާއެކުގައި ނަމަވެސް އައްޑޫގެ ވައިފެން އެމީހުންގެ މިސްރާބު ބަދަލުކޮށްދީފިއެވެ. އީކުއޭޓަރ ވިލެޖްގެ ހިތްގައިމު މާހައުލުގައި ތިބެ އެމީހުންގެ އަތުގެ ޗާޓުގެ ކުރެހުން ބަދަލުކޮށްފިއެވެ. ފުރާވަރުގެ ހުސްހަށިބައި ދެކުދިންނެކޭ އެއްފަދައިން އެމީހުން މަޖާކުރަމުން ދިޔައެވެ. އުފަލުގައި ތިބެ އައްޑޫގެ ގުދުރަތީ ރީތިކަމުގެ އުފާލިބިގަންނަމުން ދިޔައެވެ. ލިންކުރޯޑުގައި ސައިކަލުގައި ދުއްވުމުން އެލިބޭ އުފާ މާލޭގައި ދިރިއުޅޭ ބަޔަކަށް އިޙްސާސްކުރަން އުނދަގޫވާނެ ކަން އެމީހުންނަށް އެނގުނީ މި ތަޖްރިބާކުރުމަށް ފަހުގައެވެ. އައްޑޫގެ އީދިގަލި ކިޅީގެ ރީތިމަންޒަރުތަކުގެ ތެރޭގައި ތިބެގެން ފޯނު ފުރެންދެން ސެލްފީނެގިއެވެ. ބަލައި ފޫހި ނުވާނޭ ރީތި ގިނަ މަންޒަރުތަކެވެ. އެމަންޒަރުތަކަށް އިތުރު ކުލައާއި ދިރުން ގެނެސްދިނީ އެ ދެ ހިތުގައި އުފެދިފައިވާ އަލަތު ލޯތްބެވެ.

އެމީހުން އެނބުރި އީކުއޭޓަރ ވިލެޖަށް އައީ އިރުއޮއްސުނު ފަހުންނެވެ. އިމްޖާދު ބޭނުންވީ ފެންވަރާ ތައްޔާރުވެލައިގެން ރޭގެ ޑިނާރ އަށް ދިއުމަށެވެ. ގަޑި ކިއުމަށް ފަހު އެމީހަކު އެމީހެއްގެ ރޫމަށް ދިޔައީ ޑިނާރ ގަޑީގައި ބައްދަލު ކުރުމަށް ވައުދުވަމުންނެވެ.

ލޯގަނޑުގެ ކުރިމަތީގައި ހުރެގެން އިމްޖާދު ތައްޔާރުވަމުން ދިޔައިރު އޭނާގެ ހިތް ތެޅެމުން ދިޔައެވެ. މިރޭގެ ޑިނާރ އޭނާވަނީ ކިއާރާއަށް ޚާއްޞަކޮށްފައެވެ. އެއީ ކިއާރާއަށް ސަޕްރައިޒެކެވެ. މިރޭ އޭނާ ކިއާރާއަށް ރަސްމީކޮށް ލޯބިހުށަހަޅާނެއެވެ. ކިއާރާ ހަދާނެ ގޮތެއް އޭނާއަށް މުޅިން ޔަގީނެއް ނޫނެވެ. ކިތަންމެ ގާތްކޮށް އުޅުނު ކަމުގައި ވިޔަސް އަންހެންކުދިންގެ މިފަދަ ކަންކަމުގައި އިމްޖާދުގެ މައުލޫމާތު ވަރަށް މަދެވެ.

ގަދަ ނޫކުލައިގެ އަތްކުރު ޓީޝާޓެއް ލުމަށްފަހު އޭނާގެ ބޯ ރީތި ގޮތަކަށް ސްޓައިލް ކޮށްލިއެވެ. ތުނިތުނިކޮށް ތަރުތީބު ކޮށްފައިވާ އޭނާގެ ތުނބުޅީގެ ސަބަބުން އެ ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ޑްރެސިންގ ޓޭބަލް މަތީގައި ހުރި ޖޯޖް އަރުމާނީ ސެންޓުފުޅިން ވަސް މީރުކޮށްލަމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އޭނާގެ ސިފައަށް ބަލައިލިއެވެ. ވަރަށް ގިނަ އަންހެންކުދިން އޭނާ ރީއްޗޭ ބުނެއެވެ. ބައެއްފަހަރު އެކަމަށްޓަކައި ފަޚުރުވެރިވީ ނަމަވެސް އެ ރީތި ކަމުން އޭނާގެ ޙަޔާތަށް ލިބުނު ވަކި އިތުރު މޮޅެއް ނެތޭ އިމްޖާދުގެ ހިތަށް އެރިއެވެ.

އިމްޖާދު އޭނާގެ ރޫމުން ބޭރަށް ނިކުތްއިރު ކިއާރާވެސް ތައްޔާރުވެގެން ނިކުންނަނީއެވެ.

“ހަމަ ބަރާބަރު އޮން ޓައިމް ދޯ” އިމްޖާދު ކިއާރާއާއި ދިމާއަށް ބަލާލަމުން ބުންޏެވެ.

“އާން..ދޯ..ތީ ވަރަށް ސަޅި ޓީޝާޓެއް. ވަރަށް ގުޅޭ” ފުރަތަމަ ފަހަރަށް ކިއާރާ އޭނާގެ ސިފައަށް ކޮމެންޓެއް ކޮށްލިއެވެ.

“ޓީޝާޓްތަ؟ ނޫނީ ޓީޝާޓް ލައިގެން ހުރި މީހާތަ؟ ” ލާނެތް ގޮތަކަށް އިމްޖާދު ބުނެލިއެވެ.

“މިހާވެސް ރީތިވީމަތާ ޓީޝާޓްގެ ވެސް ރީތިކަން ފެންނާނީ” ނުސީދާގޮތަކަށް ކިއާރާ ޖަވާބުދިނެވެ.

“އޯހް..އޭގެ މާނައަކީ އަހަރެންވެސް ރީތީއޭ ދޯ” ލާނެތް ހިނިތުންވެލުމަކާއެކު ސީދާ ކިއާރާގެ ދެލޮލަށް ބަލަމުން އިމްޖާދު ސުވާލުކޮށްލިއެވެ.

“އާނ. މީހަކު ބުނީތަ ހުތުރޭ. ދެން އެހާ ފޮނިވާނީއެއްނޫން އިނގޭ” ކިއާރާ އިމްޖާދުގެ ސުވާލަށް މަޖާވެފައި ހުރެ ޖަވާބު ދިނެވެ.

“އެހެންވިއްޔާ ތި ކޮމެންޓަށް ޓަކައި މިރޭ އަހަރެން ޚާއްޞަ ޑިނަރ އެއް ކިއާރާގެ ޝަރަފްގައި ދޭނަން” ކިއާރާގެ އަތުގައި ފުރަތަމަ ފަހަރަށް ހިފާލަމުން އިމްޖާދު ބުނެލިއެވެ.

“ކުޑަ ކުޑަ ކޮމެންޓަކަށް މިހާވަރުވާނެ ކަން ކުރިން އެނގުނުނަމަ ކޮންމެ ދުވަހަކު ކޮމެންޓް ކުރީމުސް” ހީނލަމުން އޭނާގެ އަތް އިމްޖާދުގެ އަތުގެ ތެރެއަށް ދޫކޮށްލިއިރު އެބީހުމުގައި އުފެދުނު ކަރަންޓް ރާޅުބާނިގެ އަސަރު އޭނަގެ ފައިން ފެށިގެން މޫނާހަމައަށް ކުރިއެވެ.

“އަހަރެން ބުނާ ދިމާއަކަށް މިރޭ ދާންވާނީ. މިރޭގެ ޑިނާރ އަހަރެމެން ނަގާނީ ރެސްޓޯރެންޓްގައެއްނޫން” ކިއާރާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އިމްޖާދު ބުންޏެވެ.

“އާދެ މަސާހިބު” ހެމުންހެމުން ކިއާރާ ޖަވާބު ދިނެވެ.

އިމްޖާދުގެ މިސްރާބު ހުރީ ރެސްޓޯރެންޓާވީ ފަޅި ނޫން އަނެއް ދިމާއަށެވެ. ފަނޑު އަލިކަމުގެ ތެރެގައި ކިއާރާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރެ އިމްޖާދު ހިނގަމުން ދިޔައެވެ.

“ކޮންތާކަށް މިދަނީ” އަދިރިކަމުގެ ތެރެއިން ވަށައިގެން ހޯދާލަމުން ކިއާރާ އަހާލިއެވެ.

“އަހަރެން ބޭނުން ތަނަކަށް” ކިއާރާގެ އަތަށް ފިތާލަމުން އިމްޖާދު ޖަވާބު ދިނެވެ.

ހިނގަމުން ހިނގަމުން ގޮސް އެމީހުން ނިކުތީ އަނެއް ފަރާތުގައި އުނދޯލި ބަހައްޓާފައި ހުރި ސަރަހައްދަށެވެ. މިތަނުގައި 4 ވަރަކަށް ދުވަސް ހޭދަވީއިރުވެސް ކިއާރާއަކަށް އަދި މިތަން ނޭނގެއެވެ.

“މިއީ ހާދަ ސަޅިތަނެކޭ. ކުރިން ނުހުންނަތަނެއް ދޯ މިއީ” ކިއާރާ ވަށައިގެން ހޯދާލިއެވެ.

“އާނ. މިއީ މިރެއަށް ޚާއްޞަކޮށް ގެން އަހަރެން ހެދިތަނެއް” ކިއާރާގެ ކަންފަތްދޮށުގައި ސިއްރުން އިމްޖާދު ބުނެލިއެވެ.

“ފޮނިކަނޑަން ވެސް ވަރަށް މޮޅު ދޯ..” އިމްޖާދާއި ދިމާއަށް ބަލަމުން ކިއާރާ ބުންޏެވެ.

“ވާއު…މީ..މީ ކޮންކަމެއް” އަނގަމަތީގައި ދެއަތް އަޅަމުން ހައިރާން ވެފައި ހުރެ ކިއާރާ އިމްޖާދަށް ބަލާލއެވެ.

އަތިރިމަތީގައި ރާޅުތަކުގެ ނާނާގެ އަޑުއިވޭހައި ކައިރީގައި ތައްޔާރުކޮށްފައި ހުރި ރީތި އުނދޯލި ގޭގެ އެތެރޭގައި އޮތީ ރަތްކުލައިގެ ހާޓް ފުއްޕާހަމުން ޒީނަތްތެރިކޮށްފައެވެ. އުނދޯލިގޭގެ ކުޑަތަންކޮޅެއް ދުރުގައި ހިތެއްގެ ސިފައިގައި ދޮންވެލިން ހަދާފައިވާ ތަނުގައި ކާތަކެތި ބަހައްޓާފައި ހުރި މޭޒެއް ހުއްޓެވެ. މޭޒުގެ ދެފަރާތުގައި ދެ ގޮނޑި ބަހައްޓާފައި ހުރި އިރު މުޅިތަނަށް ވެރިވެފައިވަނީ މަޑުމަޑު އިނގިރޭސި ލަވައެއްގެ އަޑެވެ. އެއަޑާއެކު އައްސޭރިފަށަށް ބީއްސާލާ ރާޅުތަކުގެ މިޔުޒިކްގެ އަޑު އެކުވުމުން މާހައުލު ނުހަނު ރޮމޭންޓިކްއެވެ.

“މީ ހަމަ ކިއާރާގެ ޝަރަފްގައި” އުނދޯއްޔާއި ދިމާއަށް ހިނގައިގަންނަމުން އިމްޖާދު ބުނެލިއެވެ.

“ތޭންސް” ކިއާރާ އުފަލުން ހުރެ ބުންޏެވެ.

“އަހަރެން ކިއާރާގެ ލޯބި ބޭނުން…ވިލް ޔޫ ބީ މައިގާލް؟” އުނދޯލި މަތީގައި އޮތް ރަތްކުލައިގެ ތާޒާ ފިނިފެންމަލެއް ކިއާރާއަށް ދިއްކޮށްލަމުން އިމްޖާދު ކިއާރާގެ ލޯތްބަށް ރަސްމީކޮށް އެދުނެވެ.

ބަސްހުއްޓިފައި ބުނަންވާ އެއްޗެއް ނޭނގިފައި ކިއާރާ ހުއްޓެވެ. އޭނާއަކީ މީހަކު މިހާވަރަށް ލޯބިވާން ކާކުބާވައޭ ހިތަށް އެރިއެވެ. އިމްޖާދު ފަދަ ރީތި ފިރިހެނަކު އޭނާގެ ލޯތްބަށް މިފަދައިން އެދުމުން އަމިއްލަ ނަފްސަށް ފަޚުރުވެރިވެވުނެވެ.

“ހިތާއި ރޫހުން…ތިޔަފަދަ ޝަރަފެއް އަހަރެން ކަހަލަ މީހަކަށް ލިބިދާނެ ކަމަކަށް ހިއްޔެއްވެސް ނުކުރަން” އިމްޖާދުގެ އަތުގައި އޮތް ފިނިފެންމަލާއެކު އިމްޖާދުގެ އަތުގެ މުލައްދަނޑީގައި ކިއާރާ ހިފާލިއެވެ. އެ މުލައްދަނޑީގެ ޙިމާޔަތް މިވަގުތު އޭނަށް ވަރަށް މުހިއްމެވެ. އެވަގުތު ގޮނޑުދޮށަށް ބީއްސާލި ތަންކޮޅެއް ބިޔަ ރާޅެއްގެ އަޑު މާހައުލުގެ ހަމަހިމޭންކަން ނަގާލިއެވެ. އެ ރާޅުވެސް އެމީހުންގެ ލޯބީގެ ފެށުން ފާހަގަކުރުމުގައި ބައިވެރިވީކަހަލައެވެ.

“ތޭންކްސް…! ” ފުންނޭވާއެއް ދޫކޮށްލަމުން ހެވި ދިލިފައި ހުރެ އިމްޖާދު ކިއާރާއޭނަގެ ގަޔާ ކާރިކޮށްލިއެވެ.

“އަހަރެން ބަނޑުހައިވެެއްޖެ” މި މާހައުލުގައި އެގޮތަށް އޮޔާބެހިގެން ދިއުމަށް ކިއާރާ ބޭނުންނުވާތީ އަވަސް އަވަހަށް މައުޟޫ ބަދަލުކޮށްލިއެވެ. ކޮންމެ ގޮތަކަށް ވިޔަސް އޭނާއަކީ މީހެއްގެ އިއްދައިގައި ހުރި އެހެން މީހެއްގެ މިލެކެކެވެ. އެކަން އޭނާ ދަންނަން ޖެހޭނެއެވެ. ޖަޒްބާތުގައި ޖެހި ކުށެއް ކުރެވުމަކަށް އޭނާގެ ޒަމީރު ގަބޫލެއް ނުވާނެއެވެ.

-ނުނިމޭ-