English Edition
Dhivehi Edition
ހައިކޯޓުގައި ބޭއްވި ހުކުމް ކުރުމުގެ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.

ކްރިމިނަލްކޯޓްގެ ނިންމުން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފުކުރި މައްސަލަ ނިންމާ ދަށުކޯޓްގެ ހުކުމް ދަމަހައްޓަން ނިންމެވި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގްލަބިއްޔަތުންނެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ދަށުކޯޓްގެ ނިންމުން ބާތިލުކުރަންޖެހޭކަމަށް ނިންމެވީ ފަނޑިޔާރު ޝަހީދެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019 ގަ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމުންނެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތު ކުރަން ކުށުގެ ދެ އުންސުރެއް ސާބިތުވާން ޖެހެ އެވެ. އެއީ ވަކި މުދަލަކީ ކުށްކޮށްގެން ހޯދާ މުދަލެއްކަމަށް އެނގި ހުރެ ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ޝައްކު ކުރެވޭ ހާލަތެއް އޮވެ، އެ މުދަލެއް އަތުގައި ބެހެއްޓުން، ބޭނުން ކުރުން، ފޮރުުވުން، ނުވަތަ އަސްލު އޮޅުވާލުމެވެ.

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން މިހާރުވެސް އަންނަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދައުވާތަކެއް ކުރަމުންނެވެ. މިގޮތުން ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގައި އަޑުއެހުންތައް މިހާރުވަނީ ކޯޓުގައި ފަށާފައެވެ.

މިއަދުގެ ހުކުމް ކުރުމުގެ މަޖިލިސް ފަސް ގަޑިއިރަށް ވުރެ ދިގު ދެމިގެން ދިޔަ އެވެ. އަޑުއެހުމުގެ ބޮޑުބައި ހޭދަވީ ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވުމަށެވެ.