English Edition
Dhivehi Edition
ފުވައްމުލަކު ހޮސްޕިޓަލް މެނޭޖަރ އަޙްމަދު ސައީދު އޭއޯ ނިއުސް އަށް އިންޓަވިއު ދެއްވަނީ
ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ބޭނުންވާ ސެޓަޕް ފުވައްމުލަކު ހޮސްޕިޓަލްގައި ހުރީ ތައްޔާރަށް ކަމަށާއި މިނިސްޓްރީގެ ހުއްދަ ލިބުމާއެކު ޓެސްޓް ހެދެން ފެށޭނެ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.
“އޭއޯ ނިއުސް” އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއު އެއްގައި ސައީދު މިއަދު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލަށް ލިބިފައިވަނީ ޖީންއެކްސްޕާޓް މެޝިނެއް ކަމަށާއި މިދިޔަ އަހަރު ލިބުނު މި މެޝިނުން ޕީސީއާރު ޓެސްޓް ހެދޭނެކަމަށެވެ.
“ފުރަތަމަ މެޝިން ފޮނުވުމުގައި ވެސް މިނިސްޓްރީ އިން އެރަރ އެއް ވަނީ އަރާފައި. މިދިޔަ އަހަރު ނިމެން އުޅެނިކޮށް މެޝިން ލިބިފައި މިވަނީ. މެޝިން ލިބި ސްޓާފުންވެސް ތަމްރީނު ކޮށް ނިމުނު ތަނާ މިނިސްޓްރީން އެންގީ އިތުރަށް ޔޫޕީއެސް ކީއެއް ބޭނުންވާނެ ކަމަށް، އެ ޑިވައިސް ލިބުމުގައި ދެން އައި ޑިލޭ އެއް އައީ. ގަބޫލު ކުރެވޭ އެއީ ފައިނެންސް އިޝޫ ތަކެއް ހުރެގެން އައި ޑިލޭ އެއް ކަމަށް. ނިމިގެން ދިޔަ އަހަރަކީ ހުރިހާ މުވައްސަސާ ތަކަށް ފައިސާގެ ގޮތުން ދަތި އަހަރެއް. އަދި އެފަދަ އެއްޗެއް ހޯދާނަމަ ހޯދަން ޖެހެނީ މި ހޮސްޕިޓަލަށް އެކަންޏެއް ވެސް ނޫން. ހުރިހާ ހޮސްޕިޓަލް ތަކަކަށް ސާމާނު ހޯދަން ޖެހޭ، އެހެންވީމާ އައި ޑިލޭއެއް އެއީ. އެކަމަކު މިހާރު ހުރިހާ ސާމާނެއް ހަމަވެ، ސެޓަޕް ވެސް ހެދި މިނިސްޓްރީން ފަށާށޭ ބުނަން ދެން އިންތިޒާރު މި ކުރަނީ ” ސައީދު ވިދާޅުވިއެވެ.
އިތުރަށް ސައީދު ވިދާޅުވީ އެތަނަށް ލިބިފައިވަނީ އެންމެ މެޝިނެއް ކަމުން އެ މެޝިނުން ހެދޭނީ ފަހަރަކު 4 ސާމްޕަލް ކަމަށެވެ. އަދި ކޮންމެ ފަހަރަކު ނަގާ 4 ސާމްޕަލްގެ ޓެސްޓް ހެދުމަށް 2 ގަޑި އިރު ހޭދަވާއިރު ޓެސްޓް ހެދެން އޮންނާނީ އެގޮތަށް ބަހާލައިގެން ކަމަށެވެ.
.
“ކޮވިޑަށް ޓެސްޓް ކުރުމަކީ ނޯމަލް ލެބޯޓްރީއެއްގައި ކުރެވޭ ކަމެއް ނޫން. އެ ޓެސްޓް ތައް ހަދަން މި ޖެހެނީ އެޗްޕީއޭގެ ވަކި ގައިޑް ލައިނެއްގެ ދަށުން އެޗްޕީއޭގެ ހުއްދަ ލިބިގެން . އަދި އެ ގައިޑްލައިން ވެސް ނުލިބޭ. މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ކުރުމަށް ފަހު ކަމަށް ބެލެވެނީ ހުއްދަ ދޭނީ” ޓެސްޓް ހެދުމުގައި ލަސްވާ ސަބަބު ހާމަކުރައްވަމުން ސައީދު ވިދާޅުވިއެވެ.
ފުވައްމުލަކުން މިހާ ހިސާބަށް ގާތްގަނޑަކަށް 2000 ސާމްޕަލް ނަގައި އައްޑޫ އަދި މާލެއަށް ފޮނުވައިގެން ޓެސްޓް ހެދިފައިވާނެ ކަމަށާއި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 30 ވަރަކަށް ސާމްޕަލް މިހާރު ނަގަން ޖެހޭ ކަމަށް ވެސް މެނޭޖަރ ވިދާޅުވިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް ޓެސްޓް ކުރެވޭނެ މެޝިނެއް ހުރެ ޓެސްޓް ކުރުން ލަސްވާތީ އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ވަކިން ޚާއްޞަކޮށް ހުވަދު އަތޮޅުގެ ރަށްތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު ފުވައްމުލަކުގައި އެފަދަ ހާލަތެއް އަތުވެއްޖެނަމަ ބަލީމީހުންގެ ޓެސްޓް ހެދޭނެ ކަމާއި މެދު ރައްޔިތުން ސުވާލު އުފައްދައެވެ.
.