English Edition
Dhivehi Edition

މައުނަވީ ގޮތެއްގައި ކައުންސިލުތަކަށް ބާރުނުދެނީސް ކައުންސިލުތައް އޮޕަރޭޓެއް ނުވާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސުލް އިންތިހާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް “ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު”ގެ އިބްތިދާއީ ބަހުސް ގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ މިހާރު އެއްވެސް ކައުންސިލެއް އޮޕަރޭޓް ނުވާ ކަމަށާއި ލާމަރުކަޒީ އުސޫލުން ކައުންސިލުތައް އޮޕަރޭޓުކޮށް ރަށްރަށް ތަރައްޤީކުރަން ޖެހޭ ކަމަށެވެ.

Advt

Advertisement

“އަޅުގަނޑު މި އައީ ރާއްޖޭގެ ތުރާކުނުން ފުރައިގެން މިއަދު، އައްޑޫ އަތޮޅުން ފެށި ދަތުރު. މި ދަތުރުގައި އަޅުގަނޑަށް ފާހަގަކުރެވުނީ، މި އިންތިޚާބު ބާއްވަންޖެހިއްޖެ ކަމަށް. އެއީ އެއްވެސް ކަ އުންސިލަކުން އޮޕަރޭޓެއް ނުވޭ. އިންތިޚާބު ބާއްވައި ގެން ކައުންސިލުތައް އޮޕަރޭޓު ކުރުން، މައުނަވީ ގޮތެއްގައި ކައުންސިލުތަކަށް ބާރުނުދެނީސް ކައުންސިލު އޮޕަރޭޓެއް ނުވާނެ . ވޭސްޓް އޮފް ޓައިމް އެހެންނޫނިއްޔާ ވާނީ. ގާނޫނުން އުފަންކުރަނީ ކީއްވެގެންތޯ؟ ލާމަރުކަޒީ އުސޫލުން ކައުންސިލުތައް އޮޕަރޭޓުކޮށް ރަށްރަށް ތަރައްޤީކުރަން އެބަޖެހޭ” ޖާބިރު ވިދާޅުވިއެވެ.

ބަހުސް ގައި ވާހަކަ ދައްކަވަމުން އިތުރަށް ޖާބިރު ވިދާޅުވީ މި ގާނޫނު އަވަސްވީ ގޮތަކަށް މިއަދުން މިއަދަށް ފާސްކުރަން ފެންނަ ކަމަށާއި ކޮމިޓީ އޮފް ހޯލް ހައުސް ނަގައިގެން ވެސް އޮޕަރޭޓުކުރަން ވެއްޖެ ކަމަށެވެ. އަދި މިހާރުން މިހާރަށް އިންތިޚާބު ބާއްވާފައި ވަގުތުން ވަގުތަށް ދިވެހިރާއްޖޭގެ ކައުންސިލުތަކަށް އިންތިޚާބުކުރަންޖެހޭ ފަރާތްތައް އިންތިޚާބުކުރަން ވެއްޖެ ކަމަށެވެ.
“މިހާރު ކައުންސިލުގެ އިދާރާއަށް ދިޔައިމާ ކައުންސިލުން ވިދާޅުވަނީ، އައު ކައުންސިލު އައިސްގެންނޭ ކަމެއް ކުރެވޭނީ. ކިހާ ހިތާމަވެރިތޯ. މި ގޮތުގައިތޯ
އަޅުގަނޑުމެން ތިބެންޖެހޭނީ؟ ” ބަހުސް ގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވިއެވެ.

މަޖިލިހުގައި މެމްބަރު ޖާބިރު މިގޮތަށް ވިދާޅުވެފައިވާ އިރު ރަށް ރަށާއި އަދި ސިޓީ ކައުންސިލް ތަކުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށާއި ކަންތައް ތައް ނިންމުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ބުނެ ރައްޔިތުން ވެސް ދަނީ އިންތިޚާބު އަވަސް ކުރުމަށް އެދެމުންނެވެ. ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން އިންތިޚާބު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ފަސް ކުރަމުންނެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ. އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ. އެހެން ނަމަވެސް މިހާރު ބިލު ހުށަހެޅާފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ.

މިހާރު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މިއަހަރުގެ އެޕްރީލްމަހުގެ 7 ވަނަ ދުވަހުގައެވެ.