English Edition
Dhivehi Edition

ކުނި ނެގުމުގައި މައްސަލަތަކެއް ދިމާވެފައި ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން (ވެމްކޯ)ގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ހަތަރު ކޮމްޕެކްޓަރާއި ލޮރީ، ކުއްލި ގޮތަކަށް ހަލާކުވުމާއި ގުޅިގެންކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ގުޅިފައިވާ ރަށްތަކުން ކުނި ނެގުމުގައި މައްސަލަތައް ދިމާވާކަމުގެ ޝަކުވާތައް އަވަށު އޮފީސްތަކަށް ލިބެމުންދާތީ، މި މައްސަލަތައް މެދުވެރިވާ ސަބަބުތައް ދެނެގަނެ، މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ،

މިއަދު މެންދުރުފަހު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ވެމްކޯގެ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޓީމާއި، އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކޮށް އެ ކުންފުންޏަށް ދިމާވާ މައްސަލަތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މިގޮތުން މި ބައްދަލުކުރެއްވުމުގައި ވެމްކޯގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި ކުނި ނެގުމުގައި މައްސަލަތަކެއް ދިމާވެފައި ވަނީ އެ ކުންފުނިން ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ހަތަރު ކޮމްޕެކްޓަރާއި ލޮރީ، ކުއްލި ގޮތަކަށް ހަލާކުވުމާއި ގުޅިގެންކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން ދެ ކޮމްޕެކްޓަރު މަރާމާތުކޮށް މިހާރު އޮޕަރޭޓްކުރަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބާކީ ހުރި ދެ ކޮމްޕެކްޓަރުވެސް މަރާމާތުކޮށްގެން މަސައްކަތަށް ނެރެވޭނެ ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ލޮރީވެސް މަރާމާތު ކުރެވި، އަލުން އޮޕަރޭޓްކުރަން ފެށޭނެ ކަމުގައި އެ ކުންފުނިން ވަނީ ބުނެފައެވެ

މި ބައްދަލުކުރެއްވުމުގައި އައްޑޫގެ ޢާންމު ސަރަޙައްދުތަކުން ކުނި ނެގުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، ކުނި ނަގާ ދުވަހުވެސް އަނެއްކާވެސް ޢާންމު ސަރަޙައްދުތަކުގައި ހުންނަ ޑަސްބިންތައް ފުރި، ޢާންމު ސަރަޙައްދުތަކަށް ކުނި އެޅުމުގެ މައްސަލަ ކުރިމަތިވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ހިތަދޫ މެދެއާރި ކިޅި އާއި ހަންކެޑެ ފަދަ މީހުން ޢާންމުކޮށް އެއްވެ އުޅޭ ސަރަޙައްދުތަކުގައި އިތުރު ޑަސްބިންތައް ބެހެއްޓުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ވެމްކޯ އިން މި އަހަރަށް ކުރިއަށް ރާވާފައިވާ ކަންތައްތަކާއި، ކުނި ނެގުމުގައި އެ ކުންފުންޏަށް ދިމާވާ ދަތިތައްވެސް އެ ކުންފުނިން މި ބައްދަލުކުރެއްވުމުގައި ކައުންސިލާ ޙިއްޞާކޮށްފައިވާއިރު އައްޑޫ ސިޓީގެ އަވަށްތަކުން ކުނި ނެގުމުގައި ދިމާވާ މައްސަލަތައް ވީ އެންމެ އަވަހަށް ޙައްލުކޮށް، ޚިދުމަތްތައް ދިނުން ފަށާނެ ކަމުގެ ޔަޤީންކަންވެސް ވެމްކޯގެ ޓީމުން ވަނީ ދީފައެވެ

ޓެގު