English Edition
Dhivehi Edition

ފާއިތުވި އަހަރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު(ޕީއެސްސީ) އިން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފިއެވެ.

މި ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު އެ ކޮމާންޑުގައި ބޭއްވި ރަސްމިއްޔާތުގައި މި ފޮތް ނެރެދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވި މި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، އެ ފޮތަކީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ ވަރަށް ރަނގަޅު މަސައްކަތެެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މުވައްޒަފުން މަދުކަމުގައި ވީނަމަވެސް މިދިޔަ އަހަރު ހުށަހެޅުނު ގިނަ މައްސަލަތައް ބަލައި ނިންމުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައިވާއިރު ފާއިތުވި އަހަރު ޕީއެސްސީން ތައްޔާރުކޮށްފައިވާ އަހުލު ޕޯޓަލް އަކީވެސް މުވައްޒަފުން ހޭލުންތެރިކުރުމަށް ކުރެވުނު ވަރަށް ރަނގަޅު ބިނާކުރަނިވި އުފެއްދުމެއްކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ފާއިތުވި އަހަރަކީ އެ ކޮމާނޑުން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ބަލާފައިވާ އަހަރުކަން ފާހަގަކުރައްވާފައެވެ އަދި ކޮވިޑް 19 އިގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް ކޮމާންޑުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވިފައިވަނީ ވިސްނުންތެރިކަމާއެކު މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުން ކަން ފާހަގަކޮށް އެކަމަށްޓަކައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން އަލީ ޝުއާއުވަނީ މިއަހަރަށް ކޮމާންޑުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްވެސް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލައްވާފައެވެ

ފާއިތުވި އަހަރު ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބަލާލައި ތައްޔާރުކޮށްފައިވާ ފޮތުގައި، ވޭތުވެދިޔަ ފަސް އަހަރު އެ ކޮމާންޑުން ބަލާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބާއި، މައްސަލައެއް ހުށަހަޅާ ހިސާބުން ފެށިގެން އެ މައްސަލައެއް ނިންމައި ފައިލު ކުރުމާ ހަމައަށް އަމަލުކުރެވެމުންދާ ގޮތުގެ މައުލޫމާތު ހިމަނާފައިވެއެވެ