English Edition
Dhivehi Edition

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ، ފުވައްމުލަކު ޖަމާލުއްދީނު ނައިބުތުއްތު މަގުގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު ފުވައްމުލަކު ރުޚާމުގޭ އަބުދުﷲ ނާޒިމްގެ ހާލު އަދިވެސް ސީރިއަސް ކަމަށް އާއިލާއިން ބުނެފިއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން އާއިލާއިން ބުނީ އެކްސިޑެންޓުގައި ލިބުނު އަނިޔާގައި އިތުރުފަރުވާ ހޯދުމަށް ނާޒިމް މާލެ ފޮނުވި އިރުވެސް ހޭނާރާ ކަމަށާއި މާލެ ގެންގޮސް އޭޑީކޭގައި ވެލްޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަ އިރު އަދި ވެސް ހޭނާރާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނެފައިވަނީ ނާޒިމް ފުރުވާލީވެސް ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

“ލޮލަށް ގެއްލުން ލިބިފައިވާތީ ލޮލުގެ އޮޕަރޭޝަނެއް ކޮށްފަ މިހާރުވަނީ. ޑޮކްޓަރުން ބުނެފަ ވަނީ އެ އޮޕަރޭޝަން ކާމިޔާބު ކަމަށް.. އެއީ ލޮލަށް އަލި ކުރީމަ ކަޅި ދެފަރާތަށް ހިންގާތީ ކަމަށް ޑޮކްޓަރުން ބުނީ. އަދި ސިކުނޑިއަށް ގެއްލުން ލިބިފައިވަނީ ކިހާ ވަރަކަށް ތޯ ބެލުމަށް މިއަދު ސީޓީ ސްކޭނެއް ހަދާ ގޮތަށް އޮތީ. އޭގެ ނަތީޖާ އަށް ފަހުކަމަށް ބުނީ ވަކި އެއްޗެއް ބުނެވޭނީ. އަދިވެސް ގެނައި ގޮތަށް އޮތީ. ޑޮކްޓަރުން ބުނަނީ ކޮންމެވެސް ވަރަކަށް ރެސްޕޮންޑް ކުރާ ކަމަށް” އާއިލާއިން ކިޔައިދިނެވެ.

ދެސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ފުނާޑު ޕާކް ކަންމަތިން ނައިބު ތުއްތު މަހުގައެވެ. އެކްސިޑެންޓް ހިނގީ ޕާކް ތެރެއިން ނިކުތް ސައިކަލަކާއި ނައިބުތުއްތު ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. ސީރިއަސް އަނިޔާތަކެއް ވެފައި ވަނީ ނައިބުތުއްތު މަގުން ސައިކަލް ދުއްވާފައި ދިޔަ މީހާއަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަނެއް ސައިކަލުގައި އިނީ 20 އަހަރުގެ ޒުވާނާވެސް ވަނީ އިތުރު ފަރުވާ އަށް އިއްޔެ މާލެ ފޮނުވާލާފައެވެ.

ފުވައްމުލަކުގައި ތާރު އަޅައިގެން ފެންވަރު ރަނގަޅު ގިނަ މަގުތަކެއް ހަދަމުން އަންނަ އިރު ރަށުގައި ހިނގާ އެކްސިޑެންޓްތައް ގިނަވެ ސީރިއަސް އަނިޔާ ލިބޭ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. މިކަމާއި ގުޅިގެން ރަށުގެ ގިނަ ބަޔަކު ބުނަމުން ދަނީ ފުވައްމުލަކުގެ ތާރު މަގުތަކުގައި ވެސް ހެލްމެޓް އެޅުން އެއީ މުހިއްމު ކަމަކަށް ހަދަން ވެއްޖެ ކަމަށެވެ.