English Edition
Dhivehi Edition

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް ރެޖިސްޓްރީ ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީ ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ޤައުމީ ވެކްސިން ޕްރޮގްރާމުގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފިޤު ވިދާޅުވީ ކޮވިޑްގެ ވެކްސިނަށް ރަޖީސްޓްރީ ކުރާ ޕޯޓަލްގައި ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނީ ސިއްޙީ ޚިދުމަތްތެރިންނަށާއި ސޯޝަލް ކެއަރ ވޯކަރުންނަށްކަމަށެވެ.

“އެންމެ ފުރަތަމަ އަޅުގަނޑުމެން ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް،” ޑރ. ނަޒްލާ ވިދާޅުވި އެވެ.

ފުރަތަމަ މި ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލިނަމަވެސް ވީ އެންމެ އަވަހަކަށް އެހެން މީހުންނަށްވެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް ޚާއްސަ ޕޯޓަލެއް ތައްޔާރުކޮށްފައިވާކަމަށެވެ. ކޯވިޑްގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ ޕޯޓަލްއަކީ my.health.mv އެވެ.

މިއަދުން ފެށިގެން ހުރިހާ ސިއްހީ ހިދުމަތްތެރިން ޕޯޓަލްގައި ރެޖިސްޓްރީ ވުމަށް އެެޗްއީއޯސީ އިން ވަނީ އެދިފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި، އެލޮކޭޝަން ފްރޭމްވޯކް ތަރުތީބުން އިތުރު ފަރާތްތަކަށް، ވެކްސިނަށް ރެޖިސްޓާ ވާން ހުޅުވާލާނެއެވެ.

ވެކްސިން އާ ގުޅޭގޮތުން ރޭގެ ޕްރެސްގައި މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިޔުނައިޒޭޝަން ގެ ޗެއާ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ބަލި ކޮންޓްރޯލު ކުރުމަށް ވެކްސިނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށާއި، ކޮވިޑަކީ ވެސް ވެކްސިންގެ ޒަރިއްޔާ އިން ކޮންޓްރޯލު ކުރެވޭނެ ބައްޔެއް ކަމަށެވެ.

ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން މިމަހުގެ 26ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަން އެޗްއީއޯސީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީ އޮފް ފިނޭސްއިން ވިދާޅުވެފައިވަނީ ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ސަރުކާރުން ވެކްސިން ގަތުމަށް ނިންމާފައިވާކަމަށެވެ. ރާއްޖެއިން މި ވެކްސިން ގަތުމަށް ނިންމާފައިވަނީ މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރާތީކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ %3 ޚާއްޞަކޮށްފައިވާނީ ކޯވިޑްގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.