English Edition
Dhivehi Edition

އެއީ 2013 ވަނަ އަހަރުގެ މެއި މަހުގެ 05 ވަނަ ދުވަހެވެ. މާލޭ މަގުމަތީގައި ނިވާކަން ކުޑަ ހެދުމެއް ލައިގެން އުޅުނު 16 އަހަރުގެ ކުއްޖަކު ޗާންދަނީ މަގު ފިހާރައެއްގެ ތެރޭގައި ހުއްޓާ، އެ ކުއްޖާ ގޮވައިގެން ފުލުހުން ދިޔައީ ފުލުހުންގެ ކޯޓެއް ލައްވައިގެންނެވެ. އެ ކުއްޖާ ލައިގެން ހުރި ނިވާކަން ކުޑަ ހެދުމުގެ ސަބަބުން ގިނަ ބަޔަކު އެ ކުއްޖާ އާއި އެ ކުއްޖާގެ މައިންބަފައިން އަދި އާއިލާއަށްވެސް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްކަން ހަނދާންކޮށްދިނެވެ.

މީއީ އޭގެ 08 އަހަރު ފަހެވެ. ދިވެހިންގެ ގިނަ ކަންތައްތައް ހުޅަގުގެ ވައްޓަފާޅިއަށް ފެތި ނިމިފައިވާއިރު ދިވެހިންގެ ދީނީ ރީތި އާދަކާދަތައްވެސް މިހާރު އަންނަނީ މަޑުމަޑުން ނެތެމުންނެވެ. ކުރިން ނިވާކަން ކުޑަ ހެދުން އެޅުން ބޮޑު މައްސަލައެއްގެ ގޮތުގައި ދެކުނު ގިނަ މީހުންވެސް މިއަދު ތިބީ ފެންނަ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެންނެވެ. ސޯޝަލް މީޑިއާގައި ހާއްސަކޮށް ޓިކްޓޮކްގައި ޒުވާނުން ނިވާ ކަން ކުޑަ ހެދުންތަކާއެކު، ބޭއަދަބީ މަންޒަރުތައް ކުޅެ އިޝްތިހާރުވަމުން އަންނައިރު މިހާރު އެކަމާއި ބަސްބުނާ މީހުން ވަރަށްވެސް މަދެވެ. ނުވަތަ އެ މަންޒަރު ‘ފެނި’ ކަންބޮޑުވާ މީހުން ވަރަށްވެސް މަދެވެ،

މައިންބަފައިންނަށް، އެމީހުންގެ ދަރިން ސޯޝަލްމީޑިއާގައި ބަރަހާނާ ވަމުންދާއިރު އެކަން ‘އެނގޭ’ ކަމަކަށްވެސް ނުވެއެވެ.ކައިވެނިކޮށް ރަގަޅު މުޖްތަމައުއެއް ބިނާ ކުރުމުގެ ޒިންމާ ކޮޑުގައި އަޅައިގެން ތިބި ފިރިންނާއި އަނބިން ހިލޭ މީހުންނާއެކު ގައިގޯޅި މަންޒަރުތައް ކުޅެމުން އަންނައިރު އެއީ މާ ބޮޑުކަމެއްހެން ހީވެސް ނުވެއެވެ. ގައުމުގެ ޒުވާނުން ސޯޝަލް މީޑިއާ އާއި މަގުމަތީގައި ނިވާކަން ކުޑަ ހެދުން އަޅައިގެން އިޝްތިހާރުވަމުން އަންނައިރު އެކަން ބަލާ ސުވާލުކުރާނެ މުއައްސަސާއެއް ނެތެވެ. ކޮންމެ މީހަކުވެސް އެމީހަކު އުޅެން ބޭނުން ގޮތަކަށް އުޅެންވީއެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެފަދަ ވާހަކަތައް ދެއްކެމުގެ ބޭނުމެއް ނެތެވެ. ގައުމުގެ ހާލަތު މި އޮތީ ދެން އިސްލާހުނުވާ ހާލާތަށް ގޮސްފައެވެ.

އެހެންނަމަވެސް މިއީ މިކަން ވާންޖެހޭ ގޮތެއް ނޫންކަން ޔަގީނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْؤولٌ عَنْ رَعِيَّتِهِ، فَالأَمِيرُ رَاعٍ وَهُوَ مَسْؤُولٌ، وَالرَّجُلُ رَاعٍ عَلَى أَهْلِهِ وَهُوَ مَسْؤُولٌ، وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ زَوْجِهَا وَهِيَ مَسْؤُولَةٌ. (سنن أبي داود 2928)

މާނަ: ”ތިޔަބައިމީހުންކުރެ ކޮންމެ މީހަކީ ބެލެހެއްޓުން ތެރިއެކެވެ. އަދި ކޮންމެ މީހަކުމެ އޭނާ ބަލަހައްޓަން ޖެހިފައިފާ ފަރާތްތަކާމެދު ސުވާލުކުރެވޭނެއެވެ. އަމީރަކީ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާއާ،( އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާ މެދު) ސުވާލު ކުރެވޭނެއެވެ. އަދި ފިރިމީހާ އަކީ އޭނާގެ އަނބިދަރިންގެ މައްޗަށް ވާ ބެލެހެއްޓުން ތެރިއެކެވެ. އަދި އޭނާއާ،( އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާ މެދު) ސުވާލު ކުރެވޭނެއެވެ. އަދި އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެމައްޗަށްވާ ބެލެހެއްޓުންތެރިއެކެވެ. އަދި އޭނާއާ،( އޭނާ ބަލަހައްޓަން ޖެހިފައިވާ ކަންތަކާ މެދު) ސުވާލު ކުރެވޭނެއެވެ.“

ބަލާލި ކޮންމެ މުންކަރާތްތަކާއި ފާފަތަކަށް މަގުފަހިވާ ކަންކަން ފެންނަ މިފަދަ ޒަމާނެއްގައި ކޮންމެ މީހަކުވެސް ތިމާގެ ބޮލުގައި އެޅިފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަންޖެހެއެވެ. ކިތަންމެ ނުރުހުންވި ނަމަވެސް ހެޔޮގޮތް ބުނެދީ ހެޔޮ މަގަށް ރުޖޫއަވުމަށް ބާރު އަޅަންޖެހެއެވެ. ނިވާކަން ކުޑަ ހެދުންތަކާއި ފާހިޝް އަމަލުތަކަކީ ފެޝަނަކަށް ހެދުމުގެ ކުރިން ވެރިންނާއި މުޅި މުޖްތަމައުން މިކަން ހުއްޓުވަން އެބަޖެހެއެވެ. ނޭގި ނަމަވެސް ‘މަޝްހޫރު’ވުމަށްޓަކައި ޒުވާނުން ކުރަމުންދާ މިފަދަ އަމަލުތަކަށް ތަރުހީބުދިނުން ހުއްޓާލަންޖެހެއެވެ،