English Edition
Dhivehi Edition
ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެމްޕީއެލް އިން މާލޭގެ ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭ މިހާރު އައުޓް ސޯސްކޮށް ބިދޭސީ މުވައްޒަފުންނަނާއެކު ހިންގާތީ، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެތަނުގެ ފޮޓޯއާއެކު ޖުނައިދު އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ސީއީއޯކަމުގެ ދުވަސްވަރުގައި ގާއިމްކުރި އެ ކެފޭއަކީ އެ ކުންފުޏަށް ފައިދާވާ ގޮތަށް ގައިމްކުރި ކެފޭއެއް ކަމަށާއި އަދި އެ ދުވަސްވަރު އެތަން ހިންގީ 100 ޕަސަންޓް ދިވެހި މުވައްޒަފުންނާއެކުކަމަށެވެ. އެހެންނަމަވެސް ވަރަށް ގިނަ ދުވަސްތަކަކަށްފަހު އެތަނަށް ވަޑައިގެންނެވިއިރު ފެނުނު މަންޒަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖުނައިދު ވިދާޅުވީ މިއަދު އެ ކެފޭ ހިންގަމުން ދަނީ ބިދޭސީ މުވައްޒަފުންނާއެކު، ކުންފުނިން ބޭރުން ބަޔަކާ ހަވާލުކޮށް ކުންފުންނަށް ފައިދާ ނުވާ ގޮތަަށްކަމަށެވެ.

މިއަދު ގައުމުގައި ވަޒީފާ ނެތް ދިވެހިންގެ ނިސްބަތް އިތުރުވެފައިވާކަމާއި މި ގައުމުގައި މިފަދަ ކަންތައްތައް ހިނގުން އާންމުވެފައިވާކަން ފާހަގަކޮށް ޖުނައިދު ވަނީ އެކަމުގައި ޒިންމާވާނެ ފަރާތްތެއް ނެތްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

އެމްޕީއެލްގެ ކެފޭ ކުރިން ހިންގަމުން އައީ އެ ކުންފުނިންކަމުގައިވިޔަސް، 2016 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ކެފޭއަށް މަހަކު 400،000ރ. ގެ ބޮޑު ގެއްލުމެއްވާ ކަމަށް ބުނެ 2017 ވަނަ އަހަރުގެ މެއި މަހު އެތަން ވަނީ ބަންދުކޮށްފައެވެ. އަދި 2018 ވަނަ އަހަރު އެ ކެފޭ އެހެން ބަޔަކާ ހަވާލުކޮށް، “ފީސްޓް ކެފޭ ބިސްޓްރޯ” ގެ ނަމުގައިވަނީ ހުޅުވާފައެވެ.