English Edition
Dhivehi Edition

ތޫފާން އިރްމާ އެމެރިކާގެ ފްލޮރިޑާއަށް އަރާ ފަސް މީހަކު މަރުވެ، ކަރަންޓު ލައިންތަކަށް ގެއްލުން ލިބުމުގެ ސަބަބުން 4 މިލިއަން މީހުންނަށް ކަރަންޓު ޙިދުމަތް ކެނޑިއްޖެއެވެ.

ފްލޮރިޑާގެ އެކި ހިސާބުތަކުން އަންނަ ރިޕޯޓުތަކަށް ބަލާއިރު، މޮންރޯއި ކައުންޓީއިން ދެ މީހަކު މަރުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ހާޑީ ކައުންޓީވެސް ވަނީ ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮއްފައެވެ. މީގެ އިތުރުން އޮރެެންޖު ކައުންޓީގައި ކާރެއްގައި މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މީގެ އިތުރުން ފްލޮރިޑާގެ 4 މިލިއަނަށް ވުރެ ގިނަ މީހުންވަނީ ކަރަންޓު ޙިދުމަތް ކެނޑިފައެވެ. ކަރަންޓު ޙިދުމަތް ކެނޑުނީ ވައި ބާރުވެެ ކަރަންޓު ލައިން ތަކަށް ގެއްލުން ލިބުމުންނެވެ.

ފުޅާ މިނުގައި 400 މޭލު ހުރި މި ތޫފާން އެމެރިކާގެ ފްލޮރިޑާއަށް އަރާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފްލޮރިޑާ އަށް ތޫފާން އެރީ ކެޓަގަރީ 2 ގެ ތޫފަނެއްގެ ގޮތުގައެވެ. ނަމަވެސް ތޫފާން އެތެރެއަށް ދަތުރު ކުރަމުން ދިޔަވަރަކަށް ދަނީ ބާރު ދައްވަމުންނެވެ. ތޫފަން އެރުމުގެ ސަބަބުން މައިއާމީގެ ބޮޑު ބައެއްގައި ފެންބޮޑުވެ އަދި ވައި ބާރު ވުމުގެ ސަބަބުންވަނީ ބޮޑު ކޮންސްޓްރަކްޝަން ކެރޭނެއްވެސް ވައްޓާލާފައެވެ.

އިރްމާގެ ސަބަބުން އެންމެ ގިނަމީހުންނަށް ފެނުނު ބޮޑު އާދަޔާ ޙިލާފް ކަމަކީ ޓެމްޕާ ބޭއިގެ ބަހާމާސްއިންނާއި ނޭޕްލްސްއިން، މޫދުގެ ލޮނުގަނޑު ހިކިގެން ވަރަށް ދުރަށް ދިއުމެވެ. ގިނަމީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެތަނުގައި ގަޑިއރުތަކެށް ކުރިން ރާޅު ނަގަ ނަގާ އޮތްކަމަށެވެ. މިކަމާ ގުޅިގެން ގޮވަނަރު ރިކް ސްކޮޓް ވަނީ މޫދާ ވީހާވެސް ދުރުން އުޅުމަށް އިރުޝާދު ދީފައެވެ. އޭނާ ވިދާޅުވިގޮތުގައި ލޮނުގަނޑު އަންބުރާ އަންނާނީ ބޮޑެތި އުދަ ބާނި ތަކެއްގެ ގޮތުގައި ކަމަށެވެ. އަދި އަންނަ ވަގުތު މީހުންނަށް ސަލާމަތް ވުން އުންދަގޫ ވާނެ ކަމުގައެވެ. މީޑިއާ ރިޕޯޓު ތައް ބުނި ގޮތުގައި އެ ސަރަހައްދުން ފުލުހުން ވަނީ މީހުން ދުރުކޮއްފައެވެ.

އިރްމާގެ ބާރު ދައްވެފައި ވާނަމަވެސް އުދަ އެރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން މޫސުންދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ 10 ފޫޓު ނުވަތަ 15 ފޫޓުގެ ރާޅުތަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. އިރްމާގެގެ ބާރު ދައްވިނަމަވެސް ތޫފާނު ނިސްބަތުން ވަރަށް ބޮޑެވެ. އެހެންކަމުން ސިދާ އަސަރު ނުކުރިނަމަވެސް ކައިރީގައި ތިބި އަވަށްތަކަށް ދަނީ މޫސޫންވަރަށް ގޯސްވެފައެވެ.