English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް

ތ.ވިލުފުށީ ރެހެންދި އެކުވެރިންގެ ގުޅުމުން ބާއްވާ 21 އަހަރުންދަށުގެ ފުޓްސަލް ޗެލެންޖް 2021 ގައި ބައިވެރިވާ އެންލިވެންސް ސްޕޯރޓްސް ކްލަބުގައި، ލ.ގަން، ތުނޑި ޙަސަން ސާމިދު ހިމަނައި ކްލަބްގެ ސްކޮޑް ވަރުގަދަކޮށްފި އެވެ.

ތ.ވިލުފުށީ ހުނަރުވެރި ޒުވާނުންތަކަކަށް ނިސްބަތްވާ އެންލިވެންސް ސްޕޯރޓްސް ކްލަބުން މިކަން އިޢުލާންކޮށްފައިވަނީ ފޭސްބުކް ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ. އެ ކްލަބުން ބުނާގޮތުގައި، ލާމު އަތޮޅުން ހުނަރުވެރި ކުޅުންތެރިން ބައިވެރިކުރުވައި، މުބާރާތުގެ ސްކޮޑް ވަރުގަދަކުރުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭއޯ އަށް ދެއްވި ބަސްދީގަތުމެއްގައި މީގެ ކުރިން ގޯޅި ސްޕޯރޓްސް ކްލަބަށް ކުޅެމުން އައި ސާމިދު ބުނީ، މިއީ އަތޮޅާއި ރަށުގެ ފުޓްބޯޅަ އަދި ފުޓްސަލް ކުރިއަރުވަން ލިބުނު ފަހި ފުރުސަތެއް ކަމަށާއި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ. އަދި ވިލުފުށީ ކްލަބަކަށް ކުޅެން ލިބުމަކީ ފަޚުރެއްކަމަށް ސާމިދު ބުންޏެވެ.

“އެންލިވެންސްއާ ބެހޭ ގޮތުން އެނގުނީ ރައްޓެހިން މެދުވެރިވެގެން. އަޅުގަނޑު ހުނަރާއި ޤާބިލިއްޔަތުކަމަށް ބަލައި އެ ކްލަބާ ގުޅުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުމުން އަޅުގަނޑު އެ ކްލަބާ ގުޅުނީ” ސާމިދު ބުންޏެވެ.

އެންލިވެންސް އަކީ ޒުވާން ފުޓްސަލް ކުޅުންތެރިން މި މައިދާނަށް ނެރުމަށްޓަކައި މަސައްކަތްކުރާ ކްލަބެކެވެ. 2019ވަނަ އަހަރު ވުޖޫދަށް އައި އެންލިވެންސްއިން ވަނީ، 2019 ވަނަ އަހަރު އޮތް 21 އަހަރުންދަށުގެ ފުޓްސަލް މުބާރާތެއްގެ ރަނަރއަޕްކަންވެސް ހޯދާފައެވެ.