English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

މާލެއަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ އެސްޓީއޯ ހެޑް އޮފީސް ކުރިމަތިން، ކަނބާ އައިސަރަނި ހިނގުމުގައި ބޮޑުވާ ފެންގަނޑު ދެން ބޮޑުނުވާނެ ކަމަށް އެމަގު ހެދުމުގެ މަސައްކަތް ކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނާއި މާލޭ ސިޓީ ކައުންސިލުން ބުނަމުން ގެންދަނިކޮށް މިއަދު ހެނދުނު އެމަގުގައި ފެންބޮޑުވެއްޖެއެވެ.

މާލޭގެ މަގުތައް އަލުން ހެދުމުގެ ބޮޑު މަޝްރޫއުގެ ފުރަތަމަ މަގު ނިންމައި، މި މަހު ހުޅުވާލި ފަހުން އިއްޔެ ކުރި، ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވިއިރު ކަނބާ އައިސަރަނި ހިނގުމުގައި ފެންބޮޑުވެފައެއް ނުވެއެވެ. މި މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ އާރުޑީސީ ގެ ސީނިއަ މެނޭޖާ ޕްރޮޖެކްޓްސް، އިސްމާއިލް މިއުރާޖު ވިދާޅުވީ ކަނބާއައިސަރަނި ހިނގުމުގައި ފެން ބޮޑުނުވަނީ އަލަށް މަގު ހަދާއިރު ގާއިމްކުރާ ފެން ހިންގާ ނިޒާމް ފުރިހަމަވުމުން ކަމަށެވެ.

މަގުތަކަށް ވެހޭ ފެން ބޭރުކުރަން އެ މަގުގައި އަލުން ސެޓްލްމެންޓް ޓޭންކްތައް ބަހައްޓައި، އެ ނިޒާމް ވަރަށް ރަނގަޅަށް ގާއިމްކޮށްފައި ވާނެކަމަށް އާރުޑީސީ އިން ބުނެފައިވަނިކޮށް މިއަދު ކަނބާ އައިސަރަނި ހިނގުމުގައި ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއިއެކު ގިނަ ބަޔަކު ދަނީ ސަރުކާރަށާއި މާލޭ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި މި މަޝްރޫއު ކުރިއަށް ގެންދާ އާރުޑީސީގެ ބަހެއް އަދި ލިބިފައިނުވާއިރު ގިނަ ބަޔަކު އަންނަނީ ފެން ހިންދާ ނިޒާމު އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރާކަމާއި މެދުވެސް ސުވާލު އުފައްދަމުންނެވެ.

މަގު ހެދުމުގެ ޕްރޮޖެކްޓް އެއްކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން މީގެ ކުރިން އާރުޑީސީން ދީފައިވާއިރު 26 ޖެނުއަރީ 2020 ގައި މާލެ ސިޓީ ކައުންސިލުން ފެށި މާލޭގެ މަގުތައް އަލުން ހެދުމުގެ މަޝްރޫއުއަށް 462 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.