English Edition
Dhivehi Edition

ގއ. ދެއްވަދޫއަށް ދިމާވެފައިވާ ކޮވިޑްގެ ހިތާމައިގެ ދަނޑިވަޅުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ރަށުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިޖެނުއަރީމަހުގެ 7 ވަނަ ދުވަހު ދެއްވަދޫ އަށް ނެގި ކޮވިޑްގެ ބިޔަ ރާޅާއެކީ އެރަށުން ބޯފެން އަދި މަސް ލިބުން ހުއްޓި ރައްޔިތުން ނުތަނަވަސް ކަމެއްގައި ތިއްބާ މުޅި ހުވަދޫން ނަމޫނާ ދައްކާ ދެއްވަދޫއަށް އެހީތެރިވުމުގެ ފުުރުސަތު މިވަނީ ހުޅުވާލާފައެވެ.

އަތޮޅު ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އާމުކޮށްފައިވާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އެކައުންސިލްގެ ހޮޓްލައިން ނަންބަރަށް ( 7330028) ގުޅުއްވުމަށް ވަނީ އެދިފައެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން އަތޮޅުކައުންސިލްގެ ރައީސް އަހްމަދް ފުއާފް ވިދާޅުވީ މިއަދުވެސް އަތޮޅު ކައުންސިލުން 100 ކޭހުގެ ފެނާއި އެހެނިހެން ސާމާނު އަތޮޅު ކައުންސިލްގެ ލޯންޗުގައި އެރަށަށް ފޮނުވާފައިވާ ކަމަށާއި އަދި އެކިފަރާތްތަކުން އެރަށަށް ފޮނުވުމަށް ހަވާލުކޮށްފައިވާ ތަކެތި އެރަށަށް ފޮނުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން މިފްކޯގެ އެހީތެރިކަމާއިއެކީ ދެއްވަދޫ އައިސްޕްލާންޓްގައި ހުރި 50 މަސްދަޅުކޭސް ވެސް ވަނީ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ. މިއާއެކު MWSC އިން 300 ކޭހުގެ ފެން ހަމަޖެހި ދެއްވަދުއަށް ފޮނުވުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ފުއާދު ވިދާޅުވިއެވެ.

ހުވަދުއަތޮޅުގެ އެކި ރަށްރަށުންވެސް ދެއްވަދޫގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު މިނާޒުކު ހާލަތުގައި ހުވަދު އަތޮޅުގެ ރައްޔިތުން އެއްބައިވަންތަކަން ދައްކައި ދެއްވަދޫ ރައްޔިތުނަނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފުއާދުވަނީ އެދިލައްވަވާފައެވެ.

މިހާތަނަށް ދެއްވަދޫއިން 24 މީހަކުވަނީ ކޮވިޑްއަށް ފައްސިވެފައެވެ.

ދެއްވަދޫގެ ރައްޔިތުންގެ ދަތިތަކަށް ހައްލުހޯދުމަށްޓަކައި އެންމެންގުޅިގެން މިކުރާ މަސައްކަތުގައި އެރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ލިބިގެންދާނެކަމަށް ގިނަބަޔަކު ދެކެއެވެ.