English Edition
Dhivehi Edition

އައްޑޫ ސިޓީގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ލަތީފު އަށް އައްޑޫގެ މޭޔަރުކަން ލިބިއްޖެނަމަ، އައްޑޫގައި އިންޑިޔާއިން އަޅާފައިވާ ފުލުސް އެކަޑެމީ ސިޓީ ހޮޓަލަކަށް ބަދަލުކުރައްވައި ފަތުރުވެރިކަމަށް އެ އިމާރާތް ބޭނުންކުރަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.

މި ގޮތުން ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ތަނެއް ބިނާކޮށް ނިމި ހިދުމަތް ދޭން ފަށާ އިރަށް ވީރާނާކޮށް މުޅިން އެހެން ކަމަކަށް ބޭނުންކުރަން ފަށަނީ ގަސްތުގައި ރައްޔަތުންނަށް ޖެއްސުމަށްކަމަށެވެ. އަދި ބައެއް މަޝްރޫއު އަށް ކަނޑައަޅާފައިވާ ބަޖެޓް ކާލަންކަމަށްވެސް ނިހާދު ވަނީ ވިދާޅުވެފައެވެ. “ބޮޑު ކޮލެޖެއް އަޅާނަމޭ ބުނި ނަމަވެސް ތާހިރު” ނިހާދު ވިދާޅުވިއެވެ.

ނިހާދުގެ އިތުރުން އައްޑޫ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވީ ގަމުގެ ރަންވޭ ދުވާ ޓްރެކް އަކަށް ހަދަން ވައުދުވުމަކީވެސް ގާތްކަމެއް ކަމަށާއި މިބޭފުޅުންގެ ފިކުރަކީ މިއަދު ވީރާނާ ފިކުރެއްކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. ޕީޕީއެމް ގެ ސަރުކާރުގައި އީސީސީ، ސިޓީ ސްކޮއާ، ދޮންދީނާ މޮމެންޓް، ފޭދޫ އަދި މަރަދޫ ބޮޑު މަގަށް ހަދައިލި ގޮތް ބަލަންތިބީ އައްޑޫ ރައްޔިތުން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.

ލަތީފުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑެމީ އިމާރާތް ކޮށްފައިވަނީ ބިން ބޭނުން ކުރުމުގައި ނުވިސްނާ ކަމަށާއި މިހާރު އެތަނަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ވިދާޅުވެ ނަޝީދު ވަނީ ސުވާލުކުރައްވާފައެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ މުޅި ދުނިޔެއަށް ހުޅުވިގެން ދާނެކަމަށެވެ.