English Edition
Dhivehi Edition

ގއ. ދެއްވަދޫ ކޮވިޑް ކޭސް އާއި ގުޅިގެން ގެމަނަފުށިން ކޮވިޑް ސާމްޕަލް ނެގުމަށް ތައްޔާރުވަމުންދާކަމަށް ގެމަނަފުށީ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އަހުމަދު ޒަރީރު ވިދާޅުވިއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަވަމުން ޒަރީރު ވިދާޅުވީ މިއީ އެއްވެސް ހާލެއްގައި ބަލީގެ އަލާމާތެއް ފެނިގެން ނެގެވޭ ސާމްޕަލް ތަކެއް ނޫން ކަމަށާއި، އަދި މިއީ ދެއްވަދޫއިން ޕޮސިޓިވް ވި ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ.

ނަމަވެސް ރަށުގެ ރައްކާތެރިކަމަށްޓަކައި ދެއްވަދޫ ރައްޔިތަކާއި ކަނޑައެޅިފައިވާ މުއްދަތުގައި ދިމާވެފައިވާ ފަރާތްތަށް ބަލައި ޗެކުކޮށް އެފަރާތްތަށް އެކަހެރި ކުރެވިފައިވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ. އިތުރަށް މައުލޫމާތު ދެއްވަމުން ޒަރީރު ވިދާޅުވީ މިގޮތުގެ މަތިން މާދަމާ ހެނދުނު 10 ފަރާތެއްގެ ސާމްޕަލް ނެގިގެންދާނެ ކަމަށާއި، މީގެ ތެރެއިން އެއްވެސް ފަރާތެއް ކޮވިޑް 19 އަށް ފައްސިވެއްޖެނަމަ ރެންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައިވާ ކަމަށެވެ.

ދެއްވަދޫއިން މިހާތަނަށް 163 މީހުންގެ ސާމްޕަލް ނަގާފައި ވާނެ ކަމަށާއި އޭގެތެރެއިން 73 ފަރާތެއްގެ ނަތީޖާ މިހާރު ލިބިފައިވާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. އަދި އިތުރު ނަތީޖާތައް މިރޭ ލިބޭނެ ކަމަށް ވެސް އެޗްއީއޯސީ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަދުވަހުގެ ފަހުން ދެއްވަދޫއިން އެހެން ރަށަކަށް ފުރި މީހުން ކަރަންޓީން ވުމަށާއި، ނޮވެމްބަރ 3 ގެ ފަހުން ދެއްވަދޫއިން އެހެން ރަށަކަށް ފުރާފައިވާ މީހެއްނަމަ ވީއެންމެ އަވަހަކަށް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަކަށް އެންގުމަށާއި، ސާމްޕަލް ނެގި ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.