English Edition
Dhivehi Edition

 

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އިން 2021 ވަނައަހަރު ނެރުނު ކަލަންޑަރާއި އެކު “ވައިލްޑް ލައިފް ކޮންވަޒޭޝަން” ކުރެހުމުގެ ހުނަރު ދައްކާލައިގެން ބޮޑެތި އިނާމްތަކެއް ހޯދުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ކޮންމެ މީހަކަށްވެސް ކުރެހުމުގެ ހުނަރާއި، ކުލަ ޖެއްސުމުގެ ހުނަރާއި ޑިޖިޓަލް އާރޓް ބޭނުން ކޮށްގެން ހުނަރު ދައްކާލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައިއެވެ.
މި ޖެނުއަރީ މަހަށް ޙާއްސަ ކުރެވިފައިވަނީ “މާކަނާ” އެކެވެ. މިގޮތުން މިމަހުގެ ކުރެހުންތައް ހުށަހަޅަންވާނީ މާކަނާ އުޅޭ ވެށި ހިމަނައިގެންނެވެ. މިކުރެހުންތަކުގައި އެސް.ޓީ.އޯ ޓެގްކޮށް #DhivehiDirumaaiSTO ހޭޝްޓެކް ބޭނުން ކުރުމަށްފަހު ފޭސްބުކް ނުވަތަ ޓުވިޓަރ ގައި ޝާއިއު ކުރަންޖެހެއެވެ.


ސޯޝަލް މީޑިއާ ގައި ޝާއިއު ކުރާ ކުރެހުންތަކުގެ ތެރެއިން ކޮންމެ މަހަކު އެންމެ ފާހަގަ ކޮށްލެވޭ 3 ކުރެހުމެއް ހޮވާނެއެވެ. ވަނަ ވަނަ އަށް އަންނަ ކުރެހުންތައް ހޮވާނީ ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ޕެނަލަކުންނެވެ. އަދި ކޮންމެ މަހަކު ވަނަ ވަނަ އަށް އަންނަ ފަރާތްތައް ހޮވާ އިނާމް ދިނުމަށްވެސް ވަނީ ހަމަޖެހިފައިއެވެ.
އެސް.ޓީ.އޯ އިން އަންނަނީ ކޮންމެ އަހަރަކުވެސް ތަފާތު ކޮންސެޕްޓްތަކުގެ ކަލަންޑަރު ނެރެމުންނެވެ. މިގޮތުން މިފަހަރުގެ ކަލަންޑަރުގައި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބައެއް ދޫންޏާއި ކަނޑުގެ ދިރުންތައް ދައްކުވައިދީފައިވެއެވެ. ދެމެހެއްޓެނިވި ތަރައްޤީއަށް އަމާޒުކޮށް ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކައް ކަލަންޑަރު ހާއްސަކުރަން ނިންމީ ޒުވާނުން މިކަންކަމަށް ހޭލުންތެރިކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ގިނަ ބަޔަކު އަހުލުވެރި ކުރުމަށްޓަކައި ކަމަށް އެސް.ޓީ.އޯ އިންހާމަކުރެއެވެ.
ރާއްޖޭގެ ވެށީގައި އުޅޭ ޖަނަވާރުތައް ދައްކުވައިދީފައިވަނީ ޑިޖިޓަލް ކުރެހުމެއް ކަމަށްވާ “ޒެންޓޭންގަލް” ސްޓައިލްގެ އަތު ކުރެހުންތަކުންނެވެ. މިހާއްސަ ކުރެހުންތައް ކުރަހާފައިވަނީ އެސްޓީއޯގެ ގްރެފިކް ޑިޒައިނާ އައްފާން ފާރުގެވެ.