English Edition
Dhivehi Edition

“ހަވަރު ސްޕޯރޓްސް”އިން ތިނަދޫ ސްޓޭޑިއަމާއި ގުޅިގެން ހުވަދުއަތޮޅަށް ހުޅުވާލައިގެން ބޭއްވި ހަވަރު ޔޫތު ކަޕް 2020 ގެ ޗެމްޕިއަންކަން “އެފްސީ ނޯޗޮއިސް” ހޯދައިފިއެވެ.

މިއަދު ހަވީރު ގދ. ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު ހަވަރު ޔޫތު ކަޕް 2020 ގެ .ފައިނަލް މެޗުގައި “އެފްސީ ނޯޗޮއިސް” ޗެމްޕިއަންކަން ހޯދީ 1-1 އަކުން އެއްވަރުވެ ޕެނެލްޓީ ޖަހައި 3-5 ގެ ނަތީޖާއަކުން “ކާޑެެއްދޫ އެފް. ސީ.”ގެ މައްޗަށް ކުރިހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް އެޓޭކަށް ކުޅެ ގިނަ ފުރުސަތުތަކެއް ހޯދާފައިވީ ނަމަވެސް އެއްވެސް ޓީމަކުން ގޯލެއް ޖަހާފައި ނުވެއެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން 48 ވަނަ މިނިޓުގައި މުޙައްމަދު ޝާހިދު (ޝާޑު) އޭރިއާ ބޭރުން “ކާނޑެއްދޫ އެފްސީ”ގެ ގޯލް ކީޕަރު ވިފާއު (ވާއު) އަތްމަތިން ފޮނުވާލި ބޯޅައެއް ގޯލަށަް ވައްދައިގެން މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ “އެފްސީ ނޯޗޮއިސް” އެވެ. 63 ވަނަ މިނިޓުގައި “ކާޑެެއްދޫ އެފް. ސީ.”ގެ އާދަމް ލަރީފް (ރޮނާ) އޭރިއާ ބޭރުން ޖެހި ފްރީކިކެއް ގޯލް ކީޕަރު ހުސައިން ފިރާހު (ޕެޗޭ) ގައިގަޖެހިފައި ގޮސް ގޯލަށް ވަދެގެން މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމާއެކު ޕެނެލްޓީގައި “ކާޑެެއްދޫ އެފް. ސީ.”އިން ފުރަތަމަ ޖެހި ޕެނެލްޓީއާއި ހަތަރުވަނައަށް ޖެހި ޕެނެލްޓީ ބޭރަށް ދިއުމާއެކު 3-5 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކުރީ “އެފްސީ ނޯޗޮއިސް”އެވެ.

“ކާޑެއްދޫ އެފްސީ” އަށް ގޯލު ޖަހައި ފައިނަލް މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދި ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ ރޮނާ ވަނީ މި މުބާރާތުގައި ޖުމްލަ 04 މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދައި 02 ހެޓްރިކް ހަދާފައެވެ. ރޮނާ ވަނީ މި މުބާރާތުގައި ކުޅޭ ކޮންމެ ޓީމެއްގެ ކޮޅަށް މަދުވެގެން އެއް ގޯލު ކާމިޔާބުކޮށް މުޅި މުބާރާތުގައި ޖުމްލަ 11 ގޯލު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި “ފީނިކްސް” ސިއްސުވާލި “އެފްސީ ނޯޗޮއިސް” ޓީމުގައި އެއް ކުޅުންތެރިއެއް ފިޔަވާ ދެންތިބީ ތިނަދޫ އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ގްރޫޕް އެއްވަނަ ޓީމު ގޮތުގައި ސެމީ ފައިނަލް ކުޅެ “ހޯނޑެެއްދޫ އެފްސީ” ޓީމް ބަލިކުރި ވަރުގަދަ “ކާނޑެއްދޫ އެފްސީ” ޓީމުގައި ކުޅެނީ ކާޑެއްދޫ އެއާޕޯޓުގައި މަސައްކަތްކުރާ މަޑަވެލި އަދި ހޯނޑެއްދޫ ކުޅުންތެރިން ގެ މައްޗަށެވެ.

ޒުވާނުންގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފު ޝަރަފްވެރި ކޮށްދެއްވި މި މެޗަށް ޑެޕިއުޓީ މިންސްޓަރ އޮފް ޔޫތު، ނާޞިޙް އަޙްމަދުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މްމްބަރު އަދި ހަވަރު ސްޕޯރޓްސްގެ ރައީސް އަބްދުލް މުޢުނީ އާއި މަޑަވެލީ ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން ފިރުޝާން ވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. މީގެ އިތުރުން ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިން މި މެޗު ބެއްލެވުމަށް ތިނަދޫ ރަސްމީ ބޯޅަ ދަނޑަށް ހާޒިރުވެ ވަޑައިގެންފައިވާ ކަން ފާހަގަކުރެވެއެވެ.