English Edition
Dhivehi Edition

ޒުވާން ފޮޓޯ ނެގުންތެރިޔާ ނައުޝަމް އޭނާގެ ފޮޓޯ ތަކަށް ހާއްސަ ފޭސްބުކް ސޯޝަލް މީޑިޔާ ޕޭޖް “ނައުޝަމް ފޮޓޯގްރަފީ” ޕޭޖްއަށް ދޫކޮށްލި ކިތަންމެ ހައިވެސް ފުރިހަމަވެފައި އަސަރު ގަދައެވެ. އެއީ ޖަޒްބާތުން ފުރިގެންވާ ފޮޓޯ އެކެވެ. ފޮޓޯ އާއި އެކު ލިޔެލާފައި ލިޔުން ކޮޅުން ކިޔައިދެނީ 50 އަހަރު ކުރިން ފެށުނު ލޯތްބެއްގެ ވާހަކަ އެކެވެ.

ކާބަފައިންގެ ޒަމާނަކީ ޅައިރު ކައިވެނި ކޮށް އުޅުނު ޒަމާނެއް ކަން ޔަގީނެވެ. ދޮންމަރިޔަމްގެ އަލަތު ކައިވެނީގެ ގޮށް ބެއްޔާ އާއި އެކު ޖެހުނު އިރު ބެއްޔާ ފަންސާސް ކައިވެނި ކޮށްފައިވުން އެއީ ކާބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާނަމަ ޙައިރާންވާންޖެހޭ ކަމެއްވެސް ނޫނެވެ. އިސްލާމްދީނުގައި އަންހެނާ އާއި ކައިވެނި ކުރާ ހިނދު ކައިވެނީގެ ރަނެއް، އިންނަން އުޅޭ ފިރިހެން މީހާ ދޭން ޖެހުމަކީ އިސްލާމްދީނުގައި އަނބިމީހާގެ ޤަދަރު އުފުލިފައިވާ ކަމުގެ ހެއްކެކެވެ. ދޮންމަރިޔަމް ކައިވެނީގެ ރަނެއް ގޮތުގައި ބެއްޔާ ދޭންޖެހުނީ އެންމެ ރުފިޔާ އެކެވެ. ވިހިވިއްސަށް ލޯ ހުޅުވި، ކައިވެންޏެއް ކުރަން ވިސްނާ ކޮންމެ ފިރިހެނަކު އެއް ރުފިޔާ ކައިވެނީގެ ރަނެއް ދެވޭނެ ނަމައޭ ހިތަށް އަރާނެކަން ޔަޤީނެވެ.

64 އަހަރުގެ ދޮން މަރިޔަމްގެ ކައިވެންޏަށް ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ނައުޝަމްގެ ޖަޒްބާތުން ފުރިގެންވާ އެ ފޮޓޯ އާއި އެކު ލިޔެފައިވާ ލިޔުން ކޮޅުން އެގެއެވެ. ފަންސާސް އަހަރަށް ވުރެ ގިނަ ދުވަސްވީ ކައިވެނީގައި މިއަދު ބެއްޔާގެ އުމުރަކީ ނުވަދިހަ ފަހެކެވެ. އާއެކެވެ! ކައިވެނީގެ ގޮށް ޖަހާލެވި ފަންސާސް އަހަރަށް ދިގު ދަންމާލެވޭ އިރު މަޝްޚޫރު ލަވަ ކިޔުންތެރިޔާ އަލްމަރްޙޫމް ދޮހޮއްކޮ ބެ ގެ ލަވައެއްގެ ކަޑީގައި ބުނާފަދައިން ދޮން މަރިޔަމް އާއި ބެއްޔާގެ ކައިވެންޏަކީވެސް ކަނޑު ގަދަ ތަޖުރިބާ ގިނަ ދަތުރެއްކަން އެގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކައިވެނީގެ ގޮށަށް ވާންވެ ހަތް ފަހަރު ކެނޑުނެވެ. އަށްވަނަ ފަހަރަށް ޖަހާލި ގޮށާއި އެކު މިއަދު ގުނަމުން ދަނީ ފަންސާސް އަހަރަށްވުރެ ގިނަ އަހަރެވެ. ދޫ މައްޗަށް ފަސޭހަ ދެ ލަފުޒުގެ “ވަރި” މިބަހަކީ ކޫސަނި ކުޑަ މައްސަލަ ތަކުގައިވެސް ވިސްނުމަކާއި ނުލާ ކާބަފައިން ބުނަމުން އައި ބަހެކެވެ. ދޮން މަރިޔަމްގެ ހަޔާތް ނައުޝަމް ކިޔާދިން އިރުވެސް ދޭހަވީ މިގޮތަށެވެ.

ޒަވާޖީ ހަޔާތުގެ ގޮށް ކޮންމެ ދެމަފިރި އެއްވެސް ޖަހާނީ ފޮނި އުންމީދަކާއި ލޯބި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ކަން ޔަގީނެވެ. ނަމަވެސް މިވަގުތީ ދުނިޔޭގައި އިމްތިޙާން ތަކަކީ ދިމާނުވެ ނުދާނެ ކަމެކެވެ. ތިމާ އެންމެ ލޯބިވާ އެއްޗަކުން ތިމާ އަބަދުވެސް އިމްތިހާން ކުރެވިގެން ދެއެވެ. ދިރިއުޅުން އާރާސްތު ކުރެވޭނީ ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ކޮށް ކުރެވޭ ކުށްތަކަށް މަޢާފް ކޮއްގެންކަން ވެސް ޔަޤީނެވެ.

ނައުޝަމްގެ ޖަޒްބާތުން ފުރިގެންވާ އެ ފޮޓޯ އާއި އެކު ލިޔެ ލައިފައިވާ ލިޔުން ކޮޅުން ދޮން މަރިޔަމް އާއި ބެއްޔާގެ ފަންސާހަށްވުރެ ގިނަ އަހަރުވީ ކައިވެންޏަށް ނުވަ ކުދިން ލިބި ހަތް ކުދިން ދުނިޔޭގައި އެބަތިބިކަން އެގެއެވެ. ނަމަވެސް ހަތް އަހަރު ކުރިން ބެއްޔާގެ ސިކުނޑިއަށް ލިބުނު ގެއްލުމަކާއި އެކު މިއަދު މިވަނީ ކަންކަން ހަނދާން ނުހުންނަ ހިސާބަށް ބެއްޔާ ބަލިވެފައެވެ.

ޒަވާޖީ ހަޔާތުގެ ގޮށް ޖަހާލަން ބޭނުންވާނީ ޔަޤީނުންވެސް ތިމާ ބަލި އެނދުގައި އޮށޯންނަ ހިނދު ތިމާ ދޫކޮށް ނުދާނެވަރުގެ އޯގާތެރި ބައިވެރި އަކާއި ނޫންތޯއެވެ؟ ބެއްޔާ އަކީ ޙަޤީޤަތުގައިވެސް ނަސީބުވެރިއެކެވެ. އެކަނި އަމިއްލަ ނަފުސު ބެލޭ ވަރަށް ވުރެ މިއަދު ބެއްޔާގެ ބަލި ހާލަތު ދަށެވެ. ނަމަވެސް 65 އަހަރުން މަތީ މުސްކުޅިންނަށް ސަރުކާރުން ހަވާލުކުރާ ފަސްހާސް ރުފިޔާގެ އެހީ އާއިއެކު ފަރުވާތެރި ކަމާއި އެކު ބެއްޔާގެ ހުރިހާ ކަމެއް ދޮންމަރިޔަމް ކޮށްދޭ ކަމީ އަންބެއްގެ ލޯތްބާއި އަޅާލުމުގެ ލާމަސީލް ކަމެއް ނޫން ތޯއެވެ.!

ނައުޝަމްގެ ޖަޒްބާތުން ފުރިގެންވާ އެ ފޮޓޯ އާއި އެކު ލިޔެ ލައިފައިވާ ލިޔުންކޮޅުގައި ފަންސާސް އަހަރަށްވުރެ ގިނަ ދުވަސްވީ ކައިވެނީގައި ދޮން މަރިޔަމްގެ ހިތުގައި ބެއްޔާ އަށްވާ ފުން ލޯބި ބަޔާންވެގެންދެއެވެ.

“މިއަދު ބަލި ހާލަތު ހުރިގޮތުން ބެއްޔާގެ ހަނދާނުގައި ދޮން މަރިޔަމް ނެތަސް، ދެމީހުން އެކުގައި ހޭދަ ކޮއްފައިވާ އުފާވެރި ވަގުތުތައް ނެތަސް ، ދޮންމަރިޔަމް ހިތުގައި ބެއްޔާއަށްވާ ލޯބި ބަދަލު ނުވާނެކަމެވެ . “