English Edition
Dhivehi Edition

ރާއްޖެއިން ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ރެ މެންދަމު 02:03 ގައި މަރުވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 49 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 41 ދިވެހިންނާއި އަށް ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13،967 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ދިވެހިން ކަމަށްވާއިރު، ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ.

މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 13،225 މީހުން ވަނީ ރަނގަޅުވެފައެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، އިއްޔެ 18:00 އާއި ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 2،444 ސާމްޕަލް ނަގާފައިވެއެވެ. އަދި މިވަގުތު 687 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 40 މީހަކަށެވެ.