English Edition
Dhivehi Edition

“ދަ ރީޑިންގ ރޫމް”ގެ ހޮލިޑޭ ޗެލެންޖު، ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގެ މަރިޔަމް ޒަފްރީން އިނާޒު އަދި ގާޒީ ސްކޫލުގެ މިންހާ އަޙުމަދު ނިމާލް ކާމިޔާބުކޮށްފިއެވެ.

ވާހަކަ ފޮތް ކިޔުމަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށާއި ފޮތް ކިޔުން ޕްރޮމޯޓްކުރުމުގެ މަގްސަދުގައި އުފައްދާފައިވާ “ރީޑިންގ ރޫމް” އިން ޑިސެމްބަރު މަހުގައި ކުރިއަށްގެންދިޔަ ހޮލިޑޭ ޗެލެންޖުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ނަމަވެސް ހުރިހާ ބައިތަކެއް ފުރިހަމަކޮށް ރީޑިންގ އެކްޓިވިޓީ ލޮގް ހުށަހަޅާފައިވަނީ ޒަފްރީން އަދި މިންހާއެވެ.

“ދަ ރީޑިންގ ރޫމް” އާއި ބެހޭގޮތުން އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ރީޑިންގ ރޫމްގެ ފައުންޑަރ އާމިނަތު ނިހާން ވިދާޅުވީ އެ ބޭފުޅުންގެ ފުރަތަމަ ޕްރޮގްރާމް އެކި އުމުރުފުރާތަކަށް ބަހާލައިގެން 03 ހަފްތާގެ މުއްދަތަކަށް “ރީޑް އެންޑް ނެރޭޓް”ގެ ނަމުގައި ހިންގުމަށްފަހު ހޮލިޑޭ ޗެލެންޖުގެ ނަމުގައި ފެއްޓި ޗެލެންޖުގައި ބެލެނެވެރިން އީމެއިލް މެދުވެރިކޮށް ރީޑިންގ އެކްޓިވިޓީ ލޮގަށް އެދިލެއްވުމުގެ ފުރުސަތު ހުޅުވާލެވުނު ކަމަށެވެ.

މީގެ އިތުރުން ސްޓޯރީ ޓައިމްގެ ނަމުގައި 04 އަހަރާއި 05 އަހަރާއި ދެމެދުގެ ދަރިވަރުންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައިވެސް ގޫގަލް ކްލާސްރޫމް މެދުވެރިކޮށް މަސައްކަތްތައް ދަރިވަރުންނާއި ހަވާލުކުރެވުނު ކަމަށާއި ދަރިވަރުން މުދައްރިސުންނާއި ވާހަކަދައްކާ މުޢާމަލާތުކުރާނެ ފުރުސަތު ދިނުމުގެ ގޮތުން 06 ނުވަތަ 08 ދަރިވަރުންގެ ގްރޫޕް ތަކަކަށް ބަހާލައިގެން ކްލާސްތައް ކުރިއަށްގެންދާ ކަމަށް ނިހާން ވިދާޅުވިއެވެ. ކޮންމެ ޕްރޮގްރާމެއްގައިވެސް 06 ވާހަކަ ފޮތް ދަރިވަރުން ޝައުގުވެރިވާ ފަދަ ގޮތަކަށް ހުށަހަޅައި ދަރިވަރުން އަމިއްލައަށް ކިޔުމަށް އެކި އެކްޓިވިޓީތައް ކުރިއަށްގެންދެއެވެ.

ޖުމްލަ 55 ދަރިވަރުން “ދަ ރީޑިންގ ރޫމް”ގެ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ އިރު، އިތުރު 02 ޕްރޮގްރާމަކަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްތަކުގެ އިތުރު މަޢުލޫމާތު “ދަ ރީޑިންގ ރޫމް”ގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.