English Edition
Dhivehi Edition

ކިތަންމެ ބޭނުންވިއަސް ވެސް އެކުގައި ވުމަށްއެދި އާދޭސް ނުކުރާނަމެވެ. އެމީހަކު ވަގުތު ނުދޭވަރަކުން އެމީހަކާއެކު ވަގުތު ހޭދަކުރުމަށް މަސައްކަތެއްވެސް ނުކުރާނަމެވެ. އެގޮތަށް ކަންތައް ކުރަން ޖެހޭނަމަ އެއީ ލޯތްބެއް ނޫނެވެ.

އަޅާލުމާއި އޯގާތެރިކަމަށް ކޮންމެ ފަހަރަކު އެދި ދަންނަވާކަށް ނުޖެހޭނެއެވެ. ލޯބިވާ މީހަކު ނަމަ ހާލަތު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް އެމީހެއްގެ ވަގުތާއި ލޯތްބަށް އެދި އާދޭސްކުރާކަށް ނުޖައްސާނެއެވެ. ކޮންމެހެން ބުނެކިޔައިގެން އާދޭސް ނުކުރި ނަމަވެސް ލޯބި ދޭނެއެވެ. ތިބާއަށްޓަކައި ވަގުތު ހުސްކުރާނެއެވެ. ދޫކޮށްލާފައި ނުދާނެއެވެ.

އަހަރެންގެ ދިރިއުޅުމަށް އޭނާ އައީ އަހަރެން ހީވެސްނުކުރާފަދަ ގޮތަކަށެވެ. އަހަންނަކީ އޭނަގެ މިލްކަކަށް ހެދުމަށްފަހު އޭނާ އަހަރެން ގެންގުޅުނީ ގަނޑުވަރުގެ ރާނީއެއް ފަދައިންނެވެ. އަޅާލާ ލޯބިދީގެންނެވެ. އަހަންނަކީ ކިހާ ބޮޑު ނަސީބުވެރިއެކޭ އެދުވަހު އަހަރެންގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އިންސާނާގެ ހިތަކީ އެބުރޭ ވަހުތާނެއް ކަމެއް ހަދާންނެތުނީއެވެ. ލޯތްބަކީ ކަނު އެއްޗަކަށްވުމުން ކަންތައްވަމުން ދިޔަގޮތް ނޭގުނީއެވެ. އަހަރެންގެ ލޯމަތިން ފަރުދާ ކެހި މަންޒަރު ފެންނަން އަހަރުތަކެއް ނެގިއެވެ. ހަޤީީޤަތް ވެގެން ދިޔައީ އަހަންނަށް ވަރަށް ހިތި އެއްޗަކަށެވެ. އަހަރެންގެ ހިތާއި ސިކުނޑިވެސް އެއީ ހަޤީގަތެއް ކަމަށް ޤަބޫލުނުކުރިއެވެ. އެހެންނަމަވެސް ލޯމަތިން ފެނިގެން ދިޔަ މަންޒަރުތަކުން އަހަރެންގެ ހިތް ކަތިލައފިއެވެ. ބިއްލޫރި ތައްޓެއް ވެއްޓި ތަޅައިގެން ދާ މިސާލުން އަހަރެންގެ ނަފްސު ކުދިކުދި ވެގެން ދިޔައެވެ.

އެހިސާބުން ފެށިގެންދިޔައީ ހިތާއި ސިކުނޑީގެ ވަރުގަދަ ހަގުރާމައެކެވެ. ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކުން ސިކުނޑި ސުމަކަށް ދިޔައީއެވެ.

އޭނާ އަހަރެން ދޫކޮށް ދިޔައީ ކީއްވެ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟

އަހަރެން ދުވަހަކުވެސް އޭނައަށް ބޭވަފާތެރިނުވަން. އަހަރެން އޭނަދެކެވީ ތެދުވެރި، ވަފާތެރި، ސާފް ލޯތްބެއް. އަހަރެންގެ ބަލިިފަޔަކަށް ވެގެން ދިޔައީ އޭނަގެ ކަރުނަ. އޭނަގެ ލޮލުން އެންމެ ކަރުނަތިކެއްވެސް އަހަންނާ ހެދި އަންނާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން އޭނާ ގެންގުޅުނީ އަހަރެންގެ ދެލޮލުގެ ނޫރު ފަދައިން. ބުނިއްޔާ ބުނި ކޮންމެ ކަމެއް ކޮށްދީގެން. އެހެނަސް!

އާހް! އަހަރެންގެ ހިތަށް މިއަޅާ ވޭނަށް އަހަރެން ކެތްކުރާނީ ކިހިނެއްބާ! ކިތަންމެ ފަހަރަކު އަމިއްލައަށް މަރުވާން ހިތަށް އެރިޔަސް ހަދާންވަނީ އަހަރެން އޭނަކައިރީ ވެފައި އޮތް ވައުދެއްގެ މަތިން. އަހަރެން ދުވަހަކުވެސް އަމިއްލަ ނަފްސަށް އަނިޔާ ނުކުރުމަށް އަހަރެން ވަނީ އޭނަ ކައިރީ ވައުދުވެފައެވެ.

އެހެންނަމަވެސް އޭނަގެ މަތިން ހަދާންނުވާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އޭނަގެ ފަރާތުން އަހަންނަށް ލިބުނު ލޯތްބާއި އަޅާލުމުގެ އިތުރުން އޭނަގެ ކެހިވެރިކަމާއި މަކަރުވެރިކަން ހަދާންވާ ކޮންމެ ފަހަރަކު އަޑުން އަޑު ނަގާ ރޮވެއެވެ. އެކަހަލަ ބޭވަފާތެރިއެއްގެ ހަދާނުގައި ރޯން ނަފްސު ކިތަންމެ ބޭނުންނުވިޔަސް މަޖްބޫރު ހިތް އެއްބާރުލުން ނުދެއެވެ.

އޭނާ އަހަރެން ދޫކޮށްފައި ދިޔުމުން އަހަރެން އޭނަގެ ލޯތްބަށް އެދި ސަލާން ޖެހީމެވެ. ރޮއި އާދޭސްކުރީމެވެ. ރޭގަނޑުގެ ނިދިވެސް އަހަންނާ ރުޅިވީ ކަހަލައެވެ. ދުވާލުގެ ހިތްހަމަޖެހުން އަހަރެންދެކެ ނަފްރަތްވީއެވެ. ހިތްހަމަޖެހުމެއް، ނިންޖެއް އަރާމެއް އަހަންނަކަށް ނުލިބެއެވެ. އަހަންނަށް ހީވި ކަހަލައެވެ. އޭނަ އެދިޔައީ އަހަރެންގެ ހަށިގަނޑުން އެއްބައި ހިފައިގެންނެވެ.

އަޖައިބު އަންތަރީސް ފަހެ ނުވާނެ ހެއްޔެވެ. އޭނަ ދެކެ އެވަރަށް ލޯބި ވިޔަކަސް މިހާރު އަހަރެންގެ ހިތް އޭނަ ދެކިލަންވެސް ބޭނުމެއް ނޫނެވެ. އޭނައަކި އަމިއްލަ އެދުމުން ފޯވެފައިވާ މީހެއްކަން އެގުނު ދުވަހުން ފެށިގެން އަހަރެންގެ ހިތް އޭނައަށް ނަފްރަތްކުރެއެވެ. އަހަރެންގެ ހިތާއި ސިކުނޑި އަދި ނަފްސުވެސް މިހާރު ބުނަމުންދަނީ އެފަދަ ކެހިވެރިޔަކަށް ދުވަހަކުވެސް މާފްނުކުރާށެވެ. އެފަދަ ދެފުށް ކެހެރި ލޯތްބަކަށް އެދި ސަލާން ނުޖެހުމަށެވެ. ދުނިޔޭގައިވާ ކޮންމެ ގަލަކަށް މަހެއް ލައްވާފައިވާ ފަދައިން އަހަންނަށްވެސް މީހަކު ވެދާނެއެވެ. ތެދުވެރި ލޯތްބެއް އަދިވެސް އަހަންނަށް ލިބިދާނެއެވެ. އެކަމަކު ލޯތްބަށްޓަކައި އާދޭސްކޮށް ސަލާން ނުޖަހާނަމެވެ. އެއީ އެއްވެސް މާނައެއް އޮތްކަމެއް ނޫނެވެ.

އެކަމުން އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގު ވެއްޓި މާޔޫސްވުން ނޫންކަމެއް ނުވާނެއެވެ. ހަނދާން ކުރާށެވެ. ކިތަންމެ ލޯބިވާ މީހަކު ވެސް އާދޭސް ކުރަންޖެހޭ ހިސާބަށް ދިއުމުން އެހިސާބުން އެމީހަކު ދޫކޮށްލަން ވީއެވެ. އެހެނީ ލޯތްބަށް އެދި އާދޭސް ކުރަންޖެހޭ ވަރުގެ މީހަކު ހަގީގަތުގައި ނުހުންނާނެއެވެ. ހަދާންކުރާށެވެ. އެއް ފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުންމާލާނެއެވެ. ތިމާގެ ދިރިއުޅުން ބަރުބާދުކުރަން އެހެން މީހުންނަށް ފުރުސަތު ނުދޭށެވެ. ލޯތްބަށް އެދި ސަލާން ނުޖަހާށެވެ!

 

1 ކޮމެންޓް
ލޯބި
ފެބުރުއަރީ 25, 2021
އަސްލު ވަރަށް ފުރިހަމަ. ރަނގަޅު ވާހަކަ އެއް.