English Edition
Dhivehi Edition

ގއ .ގެމަނަފުށީ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ދޫކުރުމަށް އިއުލާނުކޮއްފިއެވެ.
މިކަމާ ގުޅިގެން އެ ރަށު ކައުންސިލް އިދާރާއިން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ 3 ޖެނުއަރީ 2021 ވާ އާދީއްތަ ދުވަހުގެ 2:00 ގެ ކުރިން ދަނޑުބިމަށް އެދި ހުށަހަޅާ ފޯމް ކައުންސިލަށް ފޮނުވަން ވާނެކަމުގައެވެ. އަދި ދަނޑުބިމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާގެ ފީއަކާއި އެކުގައި ކަމަށްވެސް އެ އިއުލާނުގައިވެއެވެ.
ކައުންސިލުން ހާމަކޮއްފައި ވާގޮތުގައި މި ބިންތަކަކީ އަންނަ ރަމްޟާން މަހަށް ދަނޑު ހެއްދުމަށް ގެމަނަފުށީގެ ރައްޔިތުންނަށް ދޫކުރާ ވަގުތީ ބިންތަކެއް ކަމަށެވެ.
ކޮންމެ އަހަރެއްގައި ވެސް ގެމަނަފުށީ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް ދަނޑުވެރިކަން ކުރުމަށް ބިންދޫކުރާ ކަމަށް ގެމަނަފުށީގެ ކައުންސިލް އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ކޮވިޑްގެ މިހާލަތުގައިވެސް ދަނޑުވެރިކަން ކުރާ ފަރާތްތައް ބިކަވިޔަ ނުދިނުމައްޓަކައި ގެމަނަފުށީ ކައުންސިލުން ވަނީ ދަނޑުވެރިންނަށް ސަރުކާރުންދޭ އެލެވެންސުވެސް ހޯދައި ދީފައެވެ. އަދި ދާދި ފަހުން މައުލޫމާތު ދިނުމުގެ ޕުރޮގުރާމެއްވެސް ގެމަނަފުށީގެ ދަނޑުވެރިންނަށް ވަނީ ހިންގާފައި ކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.