English Edition
Dhivehi Edition

އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލަށް ނަރުހުންނާއި އެކިދާއިރާ ތަކުގެ ޑޮކްޓަރުން ހޯދަން އިޢުލާން ކޮށްފިއެވެ. އިއްޔެ އެ ހޮސްޕިޓަލުން އިޢުލާން ކޮށްފައިވާ ގޮތުން އީއެންޓީ ޑޮކްޓަރަކާއި ، އޮޕްތެލްމޮލޮޖީ ޑޮކްޓަރަކާއި ، ޕީޑިއެޓްރިކްސް އިން 1 ޑޮކްޓަރ ، ސީނިއަރ މެޑިކަލް އޮފިސަރުންގެ 5 ޑޮކްޓަރުން ، އިންޓާނަލް މެޑިސިން ގެ 3 ޑޮކްޓަރުންނާއި ރޭޑިއޮލޮޖީގެ 2 ޑޮކްޓަރުންގެ އިތުރުން 10 ނަރުހުން ހޯދަން އިޢުލާން ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެންމެ ޒަމާނީ ވަސީލަތްތަކާއެކު މުޅިން އަލަށް ހުޅުވި މި ހޮސްޕިލުން އައްޑޫސިޓީއާއި ދެކުނުގެ ގިނަ ޢަދަދެއްގެ މީހުން ޚިދުމަތްހޯދާއިރު ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަންވަނީ އިންތިހާއަށް ބޮޑުވެފައެވެ. އިޢުލާން ކުރެވިގެން މިދިޔަ 23 މަޤާމާ އެކު ހޮސްޕިޓަލުގެ މަސައްކަތް ރަނގަޅުވެ ޚިދުމަތަށް އެދިގެން އަންނަ މީހުންނާއި އެޕޮއިންޓް މެންޓްތަކަށް އެދޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ކިއުގައި ނުޖެހި އަވަސް ޚިދުމަތެއް ދެވޭނެ ކަމަށް ހޮސްޕިޓަލްގެ ސީއީއޯ ޑރ. މުހައްމަދު ސާލިޙު ވިދާޅުވެފައިވެއެވެ.

އައްޑޫގައިވެސް ކިޔަވައިގެން ތިބި ޑޮކްޓަރުން ނިސްބަތުން ގިނަ ނަމަވެސް އެކިއެކި ސަބަބުތަކާހެދި ގިނަ ޑޮކްޓަރުން ވަޒީފާއަދާކޮށް ދިރިއުޅުން ބިނާ ކުރަމުން މިހާތަނަށް އައީ މާލޭގައެވެ. އައްޑޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހުޅުވި ޑޮކްޓަރުންނަށް ފުރުސަތު ލިބިގެން ދިއުމަކީ ޒަމާންތަކަކަށް ރަށުން ބޭރުގައި އުޅެމުން އައި މިދެންނެވި ރަށު ޑޮކްޓަރުންނަށް ރަށަށް ހިޖުރަ ކޮށްލުމަށް ލިބިގެންދާނެ ފުރުސަތެކެވެ.