English Edition
Dhivehi Edition

ދިރިއުޅުން މާނަ ކުރާގޮތާއި ދިރިއުޅުމުގެ ޙާލަތަކީ އެކި މީހުންގެ މެދުގައި ތަފާތު އެއްޗެކެވެ. ކޮންމެ މީހެއްގެވެސް ދިރިއުޅުމަކީ ތަފާތު އެއްޗެކެވެ. އެހެން މީހުންގެ ދިރިއުޅުމުގައި ހިނގާ ކަންކަމާއި އުޅޭ ހާލާއި ތަޙައްމަލު ކުރާކަންކަން ތިބާ އަށް ނޭގޭ ހާލު އެހެންމީހުންގެ ދިރިއުޅުމުގެ ވާހަކަ ދައްކާ އެވާހަކަތައް ފެތުރުން ހުއްޓާލާށެވެ.

ދިރިއުޅުމުގައި އަނެކާގެ ކާމިޔާބީގައި އަތްޖަހަން ދަސްކުރާށެވެ. އެ ކާމިޔާބީ އާއި ހަމަޔަށް ވާސިލްވުމަށް އޭނާ އުފުލި ބުރަ ތިބާއަކަށް އިޙްސާސް ނުކުރެވޭނެއެވެ. ދިރިއުޅުމުގައި އަނެކާގެ ނާކާމިޔާބީގައި ހިތްވަރުދޭށެވެ. ތިބާދޭ ހިތްވަރަކީ އޭނާއަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވެދާނެއެވެ. ދިރިއުޅުމުގެ ދަތުރަކީ އެންމެނަށް ފަސޭހަ ދަތުރެއް ނޫނެވެ. ހިތްދަތި އެތައް ކަމެއް ތަޖުރިބާކޮށް ގަދަ އެތައް ކަނޑެއް ހުރަސްކޮށް ދިރިއުޅެވޭތޯ އަނެކާ އަޒުމް ކަނޑައަޅާއިރު އެކަމަށް ތިބާ މަލާމާތްކޮށް ފާޑުކިޔުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ފާޑު ކިޔުމުގެ ބަދަލުގައި ހިތްވަރުދޭށެވެ. އެކަމުން ތިބާއަށް މަދުވާނެ ހަމަ އެކައްޗެއްވެސް ނެތްކަން ޔަގީނެވެ.

އަނެކާގެ ޒާތީ ކަންކަމާއި ބެހި ހުންނަ ސިފަޔަށް ފާޑުކިޔުމުގައި ތިބާގެ އޮތީ ކޮން ހައްޤެއް ހެއްޔެވެ؟ އެމީހަކީ ފަލަ މީހަކަށް ނުވަތަ ހިކި މީހަކަށްވެގެން ތިބާއަށް އޭގެން ގެއްލުމެއް ނުވާނެކަން ގައިމެވެ. މީހަކު ކަޅުވެގެން ނުވަތަ ދޮންވެގެން އެކަމުން ވެސް ތިބާ އަށްވާ ގެއްލުމެއް ނުވަތަ ވާ ފައިދާއެއްވެސް ނެތްކަން ގައިމެވެ. ވީ އިރު ތިބާ އަނެކާ އަށް ފާޑު ކިޔުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ހައްދަވާފައިވަނީ އެންމެ ރިވެތި ސިފައިގައެވެ.

މީހަކު މާގިނައިން މީހުންނާ އިންނާތީ ނުވަތަ މީހަކު ކައިވެނި ނުކޮށް ހުންނާތީ އެކަމަށް ހަޖޫ ޖަހާ މަލާމަތްކޮށް ބަސްބުނެ ހެދުމުން ތިބާއަށް ވާ ފައިދާއަކީ ކޮބާހެއްޔެވެ؟ ދިރިއުޅުމުގައި އެމީހާ ކުރާ ހަނގުރާމަ ތިބާއަށް އިހްސާސް ނުވާނަމަ ހަނުހުރުން ބުއްދިވެރިއެވެ. މީހަކު މާގިނައިން ވިހާތީ ނުވަތަ ދެމަފިރިޔަކު އިނދެގެން އެއްއަހަރު، ދެއަހަރު ނުވަތަ ދިހަ އަހަރުވިޔަސް ދަރިޔަކު ނުހޯދަނީ ކީއްވެތޯ ތިބާ ސުވާލު އުފައްދާ ވާހަކަ ދައްކާ ހަދަނީ ކޮން މަޤްޞަދެއް އޮވެގެން ހެއްޔެވެ؟ ދަރިން ހޯދާނެ އަދަދާއި ވަގުތު އެނގޭނީ އެ ދެމަފިރިންނަކަށް ނޫންހެއްޔެވެ؟ އެއީ އެހެން މީހުންނަށް އެނގެންޖެހޭ އަދި އެހެންމީހުން ބެހެން ޖެހޭ ކަންތައްތަކެއް ނޫނެވެ. މިދުނިޔޭގައި އެކި މީހުންނަށް ކަންކަން ދިމާވާނީ އެކި ގޮތަށެވެ.

އަނެކާ ދަރިން ތަރުބިއްޔަތު ކުރާ ގޮތާއި ތިމާ ދަރިން ތަރުބިއްޔަތު ކުރާ ގޮތާއި އަޅާ ނުކިޔާށެވެ. ހެދިބޮޑުވުމުގައި ކުއްޖާ ހުންނަ ސިފަޔަށް ރޫފައަށް ބަސްބުނުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކޮންމެ މަޔަކު ނުވަތަ ބަފަޔަކުވެސް އެދޭނީ ތިމާގެ ދަރިޔަށް އެންމެ ރަނގަޅުގޮތް ވުމަށެވެ. ބައެއްގެ ފުދުން ތެރި ދިރިއުޅުމަށް ނުވަތަ ނިކަމެތި ދިރިއުޅުމަށް ތިބާ ގޮތް ކިޔާ ބަސްބުނެ ވާހަކަ ދައްކާ ހަދަނީ ކޮންބޭނުމަކު ހެއްޔެވެ؟ އެބައެއްގެ ދިރިއުޅުމަކީ އެބައެއްގެ އަމިއްލަ މިލްކެކެވެ. ހުރިހާ ބުރަތަކާއި ވޭނެއް ތަޙައްމަލު ކުރަނީ ހުދު އެބައެކެވެ.

ވީއިރު ތިބާ އެހެން މީހުންގެ ދިރިއުޅުން ހޯދާ ބަލައި ދިރާސާ ކުރުމަށްވުރެން އަމިއްލަ ދިރިއުޅުމާއި މެދު ވިސްނާ ފިކުރުކުރުން ބުއްދިވެރިއެވެ. މީހުންގެ ދިރިއުޅުމަށް ފާޑުކިޔުމުގެ ބަދަލުގައި ތިމާގެ ދިރިއުޅުން އާރާސްތުކޮށް ދެމެހެއްޓޭތޯ ބަލާށެވެ. މީހުންނަށް ފާޑުކިޔުމުގެ ބަދަލުގައި އަމިއްލަ ނަފަސުގެ މައްޗަށް ފާޑުކިޔާ އިސްލާހު ކުރާށެވެ. ނުބެހޭ ކަންކަމާއި ނުބެހޭށެވެ.