English Edition
Dhivehi Edition

ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) އެކެޑަމީގެ 11 އަހަރުން ދަށުގެ ޓީމާއި ފަރެސްމާތޮޑާގެ 11 އަހަރުން ދަށުގެ ޓީމު ބައްދަލުކުރުރި ފުޓްބޯޅަ މެޗު ފަރެސްމާތޮޑާ ޓީމުން ކާމިޔާބުކޮށްފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް)ގެ ދެ ރެފްރީން ރެފްރީކަން ކޮށްދެއްވި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ފަރެސްމާތޮޑާ ޓީމުން މެޗު ކާމިޔާބު ކޮށްފައިވަނީ 01 ގޯލު ޖަހައިގެންނެވެ. ފަރެސްމާތޮޑާ ދާއިރާގައި ފުޓްބޯޅަ ކުޅެން ޝައުގުވެރިކަން ހުންނަ ކުދިންގެ ހިތްތަކުގައި ފުޓްބޯޅައަށް އިތުރަށް ލޯބި ޖައްސައި، ހުނަރުވެރި ކުދިންތަކެއް އެ ދާއިރާގައި އުފެއްދުމުގެ މަގްސަދުގައި ފޭސް އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި މެޗު ކުޅެފައިވަނީ ގދ. ފިޔޯރީ ފުޓްސަލް ދަނޑުގައެވެ.

ފޮޓޯ – އަޙުމަދު އާސިފް

ފިޔޯރީ ސްކޫލުގެ ބާނީ މުޙައްމަދު ސައީދު ޝަރަފްވެރިކޮށްދެއްވީ މި މެޗު ބެއްލެވުމަށް ފިޔޯރީ އަދި ފަރެސްމާތޮޑާ ކައުންސިލުގެ މެމްބަރުންގެ އިތުރުން އެ ރަށުގެ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާއި ދެ ރަށުގެ ރައްޔިތުން ދަނޑަށް ހާޒިރުވެފައިވެއެވެ.

މެޗާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފޭސް ޖަމިއްޔާގެ ނައިބު ރައީސް ސުރުހާން މުޙައްމަދު ވިދާޅުވީ މިއީ ޖަމިއްޔާގެ ދަށުން ހިންގާ ފޭސް އެކެޑަމީގެ ފަރާތުން ތަމްރީނު ކުރަމުން އަންނަ 11 އަހަރުން ދަށުގެ ޓީމު މި ގޮތަށް ވާދަވެރިކޮށް ކުޅުނު ފުރަތަމަ މެޗު ކަމަށާއި މީގެ އިތުރުން 9 އަހަރުން ދަށުގެ ޓީމެއްވެސް ތަމްރީނު ކުރަމުން އަންނަ ކަމަށެވެ. މިއީ ފެށުމެއް ކަމަށާއި މިފަދަ ފުރުސަތުތައް ފޭސް އެކެޑަމީގެ ޓީމުތަކަށް ހޯދައި އެ ޓީމުތަކުގެ ތެރެއިން ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެދިގެންދާ ތަން ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެކަމަށް ސުރުހާން ވަނީ ވިދާޅުވެފައެވެ. ސުރުހާން އަކީ އޭ.އެފް.ސީ.ގެ ސީ ލައިސަންސް ކޯސް ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ.

ފޮޓޯ – އަޙުމަދު އާސިފް

ފޭސް ޖަމިއްޔާ އަކީ ކުޅިވަރުގެ އިތުރުން ފިޔޯރީގެ އެހެނިހެން ކަންކަމުގައި ވެސް ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން ފިޔޯރީ މިސްކިތް ބެލެހެއްޓުމާއި ޤުރުއާން ކްލާހެއް ހިންގުމާއި އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ ފޭސް ޖަމިއްޔާއިންނެވެ.