English Edition
Dhivehi Edition

އިނގިރޭސި ވިލާތުން އަލަށް ފެނުނު ކޮވިޑް 19 ވައިރަހުގެ އާ ވޭރިއެންޓް ރާއްޖެއިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ. އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ ބަދަލު އައިސްފައިވާ ކޮވިޑް ވައިރަހުގެ އާ ވައްތަރު ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތްކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުމަތީ ދެމި ތިބުން ބުއްދިވެރިކަމަށެވެ.

“މިހާތަނަށް ދުނިޔޭގެ 21 ޤައުމަކުން އާވޭރިއެންޓް ފެނިފައިވާއިރު، މިބަލި ރާއްޖެއަށް ނާންނާނެކަމަށް ބެލުމަކީ ރަނގަޅު ކަމެއް ނޫން. ހަރުދަނާ ކަމާއެކު ރައްކާތެރި ކަމުގެ ފިޔަވަޅުމަތީ ދެމި ތިބުން ބުއްދިވެރީ.” ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއަކީ ދުނިޔޭގެ އެކި ޤައުމުތަކުން ގިނަ ޢަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު އަންނަ ޤައުމަކަށްވެފައި، އެހާ އަވަހަށް އެހާ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ދުނިޔޭގައި ފެތުރެމުން އަންނަ އިރު ރާއްޖެއަށްވެސް މިބަލި އައުމަކީ ގާތްކަމެއްކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިކަމުގައި ރައްކާތެރިކަމުގެ ގޮތުން އެޅެން އޮތީ އެއް ފިޔަވަޅު ތަކެއް ކަމަށާއި، އެހެންނަމަވެސް މިހާ ހަލުވިކޮށް ފެތުރޭ ވައިރަހަކަށް ވުމުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ. ރާއްޖެއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާ ބަލާއިރު، ވަސީލަތް މަދު ޤައުމަކަށް ވުމުން، ބަލީގެ ނުރައްކާ ބޮޑުވެ ބަލި ޖެހޭ މީހުން ގިނަވެއްޖެނަމަ މިބަލި ކޮންޓްރޯލް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެތީ އެކަމުގެ ކަންބޮޑުވުން ޑރ.ނަޒްލާ ވަނީ ފާޅުކުރައްވައި އިތުރަށް ސަމާލުވުމަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ.

މިމަހުގެ މެދުތެރޭ އިނގިރޭސި ވިލާތުން ކޮވިޑް 19 ގެ އައު ވޭރިއެންޓެއް ފެނިފައިވާއިރު އެޤައުމު ވެފައިވަނީ މިބަލީގެ އެންމެ ނުރައްކާ ބޮޑުވެފައިވާ އެއް ޤައުމަށެވެ. މިހާތަނަށް 2 މިލިއަން މީހުންނަށް ކޮވިޑް 19 ޖެހިފައިވާ އިރު އޭގެތެރެއިން 72000 މީހުންވަނީ އެޤައުމުގައި މަރުވެފައެވެ.

އަލަށް ފެނުނު ކޮވިޑް ގެ އާ ވައްތަރު ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު ބުދަ ދުވަހަކީވެސް އިނގިރޭސިވިލާތަށް ނުރައްކާ ބޮޑުވި ދުވަހެކެވެ. މިއަދު އެކަނި 981 މީހުންމަރުވިއިރު މިއީ އޭޕްރީލްގެ ފަހުންވެސް އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވި ދުވަހެވެ. ބަލިވާމީހުން ގިނަވެ އެޤައުމުގެ ހޮސްޕިޓާތައް ފުރި ގެދޮރު ނެތި ނިކަމެތި ވެ އެތައް ބަޔަކު މަގުމަތި ވެފައި ތިބިއިރު ދެވަނަ ޓާމްގެ ކިޔެވުންވެސް މިއަދު ފަސްކޮށްފައިވެއެވެ. އިނގިރޭސިވިލާތުގައިވަނީ ކޮވިޑް 19 ގެ ވެކްސިންދޭން ވެސް ފަށާފައެވެ. އެގޮތުން 6 ލައްކަ މީހުންނަށް މިހާތަނަށް އެޤައުމުގައި ބޭނުން ކުރުމުގެ ހުއްދަ ލިބިފައިވާ ފައިޒާ އަދި ބަޔޮއެންޓެކްގެ ފުރަތަމަ ޑޯޒް ދެވިފައިވާ ކަން ހެލްތު ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.