English Edition
Dhivehi Edition

ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް މި އަހަރުގެ ކުރީކޮޅު މަރުވި އިންޑިއާގެ އެކްޓަރު އިރުފާން ޚާން ކުޅުނު ފިލްމުތަކުގެ ތެރެއިން ރިލީޒްނުވެ އޮތް ހަމައެކަނި ފިލްމު “މަންތުރާ:ދަ ސޯންގް އޮފް ސްކޯޕިއަންސް” އަންނަ އަހަރު ސިނަމާތަކުގައި ދައްކަން ނިންމައިފި އެވެ.

އިންޑިއާ އާއި ބޭރުގެ މަސްހުނި ކާސްޓެއް އެކުލެވޭ މި ފިލްމަކީ ސްވިޒްލެންޑްގެ ރަށްވެހިކަން އޮންނަ އިންޑިއާ ދަރިކޮޅުގެ ޑައިރެކްޓަރު އަނޫޕް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ވަނީ 2017 ގައި ބޭއްވި 70 ވަނަ ލޮކާނޯ އިންޓަނެޝަނަލް ފިލްމު ފެސްޓިވަލްގައި ވެސް ޕްރިމިއާކޮށްފަ އެވެ. އެކަމަކު އިރުފާން މަރުވި އިރު ވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައެއް ނުވާއިރު ފިލްމުގެ ޕޯސްޓަރުގައިވާ ގޮތުން އަންނަ އަހަރު ކުރީކޮޅު ފިލްމު ރިލީޒްކުރާނެކަމަށް ލަފާކުރެވެއެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފައިވާ އެކްޓަރު އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ މާޗްގައި ރިލީޒްކުރި ހިންދީ ފިލްމު “އަނގްރޭޒީ މީޑިއަމް” އިންނެވެ.