English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ، ދިވެހިރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމުގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ އަޑުން އިއްޔެ ހެނދުނު ގެނެސްދިން “ބާއްޖަވެރި ހެނދުނެއް” ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވައިފިއެވެ. އެ ޕްރޮގްރާމަކީ، އިއްޔެ ފާހަގަކުރި ދިވެހިރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީދުވަހުގެ މުނާސަބާގައި ގެނެސްދިން ޚާއްޞަ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ރޭޑިއޯގެ ޚަބަރާއި ޕްރޮގްރާމުތައް ވީހާ ވެސް މުއްސަނދިކޮށް ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވެ އެ މަނިކުފާނު ވަނީ، ރޭޑިއޯއަށް ޚާއްޞަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ޚަބަރާއި ޕްރޮގްރާމުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން، ލާމަރުކަޒުކުރުމުގެ ސިޔާސަތާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް ނިސްބަތްވާ ޕާޓީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ބައެއް ވާހަކަތައް ވެސް ޙިއްޞާކުރެއްވިއެވެ.

އެ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ މަނިކުފާނުގެ ބައެއް އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.