English Edition
Dhivehi Edition
ގެމަނަފުއްޓަށް އެއިމްސް ކްލިނިކް ގެ ޓީމު ކުރި ޒިޔާރަތުގެ ތެރެއިން

ޗުއްޓީ ހޭދަކޮށްލުމަށް އެންމެ ހިތްފަސޭހަ މަންޒިލަކަށް ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ދިވެހިރާއްޖެ މަޝްހޫރުވެފައިވާއިރު ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކުގެ ތެރެއިން ކ. މާފުށި ,ތުލުސްދޫ މީގެ އިތުރުން އއ. ތޮއްޑޫއަކީ ލޯކަލް ޓުއަރިޒަމުން ނަފާ ހޯދަމުންދާ ރާއްޖޭގެ އެއްވަނަ ދަރަޖަ ދެވޭ ރަށް ތަކެވެ. ނަމަވެސް މިފަހަރު ދައްކާލަން މިއުޅެނީ ދެންމެ ފާހަގަ މިކުރި ރަށްތަކުގެ ވާހަކަތަކެއް ނޫނެވެ. ލޯކަލް ޓޫރިޒަމް މުޅިން އަލަށް ދޮންވެ ފައްކާވަމުން އަންނަ ހުވަދުއަތޮޅު އުތުރުބުރީ ގއ. ގެމަނަފުށީގެ ވާހަކައެވެ.

ގެމަނަފުށްޓަށް ލޯކަލް ޓުއަރިޒަމް އިން ނަފާ ފާގަތިކަން ލިބިގެންދިޔުމަކީ ގެމަނަފުށީގެ ކައުންސިލާއި އަދި ގެމަނަފުށީގެ ރައްޔިތުން ކުރީއްސުރެ ދެކެމުން އައި ހުވަފެނެކެވެ. ގެމަނަފުށީގެ ރައްޔިތުންނަށް ލޯކަލް ޓުއަރިޒަމުން ފޮނިމީރުކަން ހޯދަދިނުމަށްޓަކައި ކައުންސިލްގެ އިސްނެންގެވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަޖުރިބާގެ ދަތުރުތައް ކޮށް، ލިބުނު ތަޖުރިބާ ތަކުގެ އަލީގައި އަމިއްލަ ރަށަށް ކުރިއެރުން ހޯދައިދީފައެވެ.

މިގޮތުން ކުރެވުނު މިންނެތް މަސައްކަތުން ގެމަނަފުށްޓަކީ ކޮބައިކަމާއި ގެމަނަފުށީގެ ހުރި ތަފާތުކަން ދެއްކުމަށް ކުރި މަސައްކަތް ނުހަނު ކާމިޔާބުވެފައި ފުރިހަމައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ރަށްރަށުގެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ތަނަކަށް ގެމަނަފުށި ވެ، އެކި ކަންކޮޅުތަކުން ގެމަނަފުއްޓަށް ޒިޔާރަތް ކުރަން ފެށުމެވެ. ހަމަ އެއާއެކު ގެމަނަފުއްޓާއި އެ ރަށުގެ ފަޅުތެރެއާއި ކައިރީގައި ހުރި ފަޅުރައްތަކުން ހިތްއުފާހޯދުމަށް އަންނަ މީހުން ގިނަވުމެވެ.

މީގެ އިތުރުން، ދެކުނުގެ 4 އަތޮޅު ގުޅުވާލަދިން ރިލެކްސް ފެރީ ސަރވިސްގެ ދަތުރުތަކާއެކު ލ.އަތޮޅާއި އައްޑު އަތޮޅުގެ އިތުރުން ޏ.ފުވައްމުލަކުން ގިނަ ބަޔަކު ރަށަށް އަރައި ރަށް ތިޔާގިވިއެވެ. ގެސްޓް ހައުސްތައް ފުރި ބާރުވެ ރަށުގެ އިގްތިސާދު ކުރިއެރިއެވެ. ވިޔަފާރިވެރިންނާއި އަދިވެސް އެހެނިހެން މަސައްކަތް ތެރީންގެ ލޯ އެދިމާއަށް އަމާޒުވިއެވެ.

ގެމަނަފުށީ ކައުންސިލް ރައީސް އަބްދުﷲ ޝިޔާން ވިދާޅުވީ ނިމިގެން ދިޔަ 2020 ވަނަ އަހަރު 3887 ފަތުރުވެރިން ގެމަނަފުއްޓަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި ފުވައްމުލަށް ސިޓީއާއި އައްޑޫ ސިޓީއިން ގިނަ ބަޔަކު ގެމަނަފުއްޓަށް ޒިޔާރަތް ކުރިއިރު ރާއްޖޭގެ އެހެނިހެން ރަށްތަކުންވެސް ގެމަނަފުއްޓަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތް ކުރި މީހުން މަދު ނޫން ކަމަށެވެ.
“ގެމަނަފުށި އުފާވެރި މަންޒިލަކަށް ވުމުގެ އަސްލަކީ ގެމަނަފުށީގެ ރީތިކަމަށްވުރެ ރަށުގެ ރައްޔިތުންގެ އޯގާތެރިކަމާއި ހިތްހެޔޮކަން. . ލާމަސީލު ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށް ވުން. ކުށުގެ ވެށިން ދުރުވެ ތިބި ދީލަތި ބަޔަކު އުޅޭ ރަށަކަށް ވުން. އުންމީދަކީ އެއްބައިވަންތަ އެކުވެރި ބައެއްގެ ގޮތުގައި ގެމަނަފުށީގެ ރައްޔިތުން އަބަދުމެ ދެމިތިބުން” ޝިޔާން ވިދާޅުވިއެވެ.

ގެމަނަފުށީ ރަށު ކައުންސިލުންނާއި ރައްޔިތުން ކުރި އަގުނުކުރެވޭނެ މިންނެތް މަސައްކަތުން ފާއިތުވެގެން ޑިސެންބަރު މަހު އެކަނިވެސް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޗުއްޓީ ހޭދަކުރުމަށް ގެމަނަފުއްޓަށް ޒިޔާރަތްކޮށްފައެވެ. މީގެ ސަބަބުން ގެމަނަފުށީގެ ވިޔަފާރިވެރިންނަށާއި އަމިއްލަ ގެސްޓުހައުސް ހިންގާ ފަރާތްތަކަށް ދަނީ ބޮޑެތި ފައިދާ ލިބެމުންނެވެ. ގެމަނަފުށީގެ ގެސްޓު ހައުސްގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނެފައިވަނީ މި ޗުއްޓީގައި ވެސް އެގެސްޓް ހައުސްތަކަސް ފުދޭ ވަރަކަށް ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދީފައިވާނޭ ކަމަށާއި، އަދި ގެސްޓު ހައުސްގެ ކޮޓަރިތައް ފުލްވުމުގެ ސަބަބުން ގިނަ ބަޔެއްގެ ބުކިންތައް ކެންސަލް ކުރަންޖެހުނު ކަމަށެވެ.

ގެމަނަފުށްޓަކީ “ދަ އައިލެންޑު އޮފް ހޮސްޕިޓާލިޓީ”ގެ ނަމުން މަޝްހޫރު ވެފައިވާ ރަށަަކަށް ވާއިރު މި ނަމުންވެސް ގެމަނަފުއްޓަކީ މެހެމާންދާރީ އާއި އެކުލުންތެރި ބައެއްކަން އަންގައިދެއެވެ.. ގެމަނަފުށީގެ “މާރެހާ ވިއު” ބީޗުން ފެށިގެންގޮސް “ޒީރޯ ބީޗާއި “ކުލޮކްޓަވާރ”ގެ އިތުރުން “ސަންރައިޒް” ބީޗްގެ ޖާދޫގައި ނުޖެހޭ ފަރާތެއް ގެމަނަފުށްޓައް ޒިޔާރަތް ނުކުރާ ކަމުގައި ގެމަނަފުށީގެ ރައްޔިތުން ބުނަނީ ފަޙުރުވެރި ކަމާއެކުގައެވެ.

ކޮވިޑް ނަވާރައިގެ މި ފުރަބަންދުގައި ރާއްޖޭން ބޭރަށް ނުދެވި ތިބި އެތަކެއް ބަޔަކު ގެމަނަފުއްޓަށް ޒިޔާރަތް ކުރި ސަބަބަކީ ގެމަނަފުއްޓަކީ ރީތި ހިތްގައިމު މީހުންގެ ހިތްތައް ލެނބިގެންދާނެ ފަދަ ތަނަކަށް ހެދުމަށް ގެމަނަފުށީގެ ޒުވާނުން ހިމެނޭހެން މުޅި ގެމަނަފުށީގެ ރައްޔިތުން ކުރަމުންގެންދާ މިންނެތް މަސައްކަތުގެ ނަތީޖާއެވެ. ހަމަ މިއާއެކު ކުރިއަށް އޮތް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ގެމަނަފުށީގެ ލޭންޑްސްކޭޕް ޕުލޭނެއް ހެދި ފަތުރުވެރިކަމަށް ބިންތައް ދޫކުރެވިގެން ދާނޭކަމުގެ އުފާވެރި ޚަބަރުވެސް ކައުންސިލްގެ ރައީސް ޝިޔާންވަނީ ދެއްވާފައެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރުން ވެސް ގެމަނަފުށްޓައް އަންނަން ބޭނުންވާ ފަރާތްތަކަށް ދަތިކަމަކާއި ނުލައި އާދެވޭނޭއެވެ.

ލޯކަލް ޓުއަރިޒަމް ރަސްމީ ސިފައެއްގައި ގެމަނަފުށްޓައް ތައާރަފް ވެގެން ގޮސްފިނަމަ ރަށުގެ ތަރައްގީޔަށް ހީނުކުރާހާ ހެޔޮބަދަލުތަކެއް އައިސްގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ލޯކަލް ޓުއަރިޒަމް އެދެވޭގޮތެއްގައި ކުރުމަށް ފަށާ ހިސާބުން ރަށުގެ ގެސްޓު ހައުސް ހިންގާ ފަރާތްތަކަށާއި ލޯންޗު ދަތުރުކުރާ ބޭފުޅުންނަށާއި ކެފޭ ރެސްޓޯރެންޓުގެ އިތުރުން އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ގިނަގުނަ މަންފާތަކެއް ލިބިގެންދާނެއެވެ.

ހުވަދު އަތޮޅުގެ ގެމަނަފުށްޓައް ޒިޔާރަތްކުރާ ފަރާތްތަކުން މިތަން ފާހަގަ ކޮއްލަނީ މެހެމާންދާރީ އަށް ރަން މެޑަލް ދެވޭ، ރަށުގެ ޗާލޫކަމާއި ނަލަކަމަށް އެއްވަނަ ދަރަޖަ ދެވޭ ތަނެއްގެ ގޮތުގައެވެ. ގެމަނަފުށްޓަކީ ގިނަބަޔަކު ޒިޔާރަތްކުރަން ބޭނުންވާ ރަށެއްކަން އަންގައިދޭ ހެއްކަކީ ސޯޝަލް މީޑިޔާގައި ދައުރުވާ ގެމަނަފުށީގެ ހިތްގައިމު ފޮޓޯތަކަށް ހާހުން އޮހޭ ކޮމެންޓުތަކާއި ލައިކްސްތަކެވެ. ގެމަނަފުށީގެ ހަދާފައިވާ ހިތްގައިމު މަންޒިލްތަކައް އައުމަށް މީހުން އުޅޭމިންވަރެވެ.