2020 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް މުޅި ދުނިޔެއަށް ހިތާމަވެރި، ބިރުވެރި އަދި ގިނަ އިމްތިހާނުތަކަކާއި ދިމާވި އަހަރެކެވެ. ބޮޑެތި ވިޔަފާރިތަކުން ފެށިގެން އެންމެ އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ މީހުންގެ ދިރިއުޅުމަށްވެސް ބޮޑެތި އަސަރުތަކެއް ކުރުވި އަހަރެކެވެ.މި އަހަރަކީ ކޮވިޑް19 ގެ ބަރުވެރިކަމާއެކު އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައިރު މުއަސަންދި މަހުޖަނުން ހަމަ ބިމަށް ތިރިވެ ފައިސާވެރިން މަގުމަތީގައި ސަލާންޖަހާ ހިސާބަށް ކަންތައް ދިޔަ އަހަރެކެވެ. މި ގޮތުން ބޮލީވުޑަށް ކޮވިޑް19 ގެ ސަބަބުން ކުރި އަސަރު ވަރަށް ބޮޑެވެ، ޓީވީ ތަރިން މަގުމަތިވެ، ބޮލީވުޑްގެ ގިނަ ފިލްމުތައް އަޅުަވަން ނިންމި ތާރީހުގައި ރިލީޒްނުކުރެވި މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައިރު މި އަހަރު ވެގެން ދިޔައީ މަޝްހޫރު ގިނަ ތަރިންތަކެއް ވަކިވެގެން ދިޔަ އަހަރަކަށެވެ. އިރުފާން ހާން، ސުޝާންތު ސިންގު، ރިޝީ ކަޕޫރު ފަދަ މަޝްހޫރު ތަރިންގެ ކުއްލި މަރާއެކު މިއަހަރަކީ ހުރިހާ ގޮތަކުންވެސް ބޮލީވުޑަށް ބަނައަހަރެކެވެ.
ސުޝާންތު ސިންގް ރާޖްޕުތް: މި އަހަރު ގިނަ ބަޔަކަށް އެންމެ ބޮޑު ހައިރާންކަމަކާއި ހިތާމައެއް ލިބިގެން ދިޔަ އެއް ހަބަރަކީ ބޮލީވުޑްގެ ޒުވާން ތަރި ސުޝާންތު އަމިއްލައަށް ދަންޖެހިގެން މަރުވި ހަބަރެވެ. މިއަހަރު ޖޫން މަހު 14 ވަނަ ދުވަހު މަރުވި ހަބަރާއެކު މުޅި ބޮލީވުޑަށްވެސް އެކަމުގެ އަސަރުވަނީ ކޮށްފައެވެ. ރާބްތާ، ޗިޗޯރޭ އަދި ކެދާރުނާތު ފަދަ ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނިފައިވަނީ މުމްބާއީގެ ބަންޑްރާގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ. ސުޝާންތުގެ މަރާއެކު ބޮލީވުޑްގެ ގިނަ އަދިރި ސިއްރުތަކެއް ހާމަވެ، މަސްތުވާތަކެތީގެ މައްސަލައިގައި ބޮލީވުޑްގެ ގިނަ ތަރިންތަކަކާއި ވަނީ ސުވާލުކޮށްފައެވެ.
ސަރޯޖް ޙާން: އިންޑިއާގެ މަޝްހޫރު ކޮރެއޮގްރާ ސަރޯޖް ހާން މަރުވީ އުމުރުން 71 އަހަރުގައި ހިތްހުއްޓިގެންނެވެ. މިއަހަރު ޖުލައި މަހުގެ 03 ވަނަ ދުވަހު މަރުވި ސަރޯޖަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގައި ފެނިގެން ގޮސްފައިވާ ނެށުންތައް ދަސްކޮށްދީފައިވާ ކޮރެއޮގްރާފާ އެކެވެ،
ވާޖިދު ހާން: އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ވާޖިދް ހާން ކޯވިޑް-19 ޖެހިގެން މަރުވީ ޖޫން އެއްވަނަ ދުވަހު އެވެ. ވާޖިދަކީ އޭނާގެ ކޮއްކޮ ސާޖިދާ ގުޅިގެން މިއުޒިކް ހަދަމުން ދިޔަ ފަންނާނެކެވެ. އެގޮތުން އެ ދެ މީހުން މަޝްހޫރުވެފިއު ވަނީ މިއުޒިކް ޑުއޯ ސާޖިދު-ވާޖިދުގެ ގޮތުގަ އެވެ.
މޯހިތު ބަގެލް: މޯހިތުގެ ފިލްމީ ކެރިއަރު ފެށީފައިވަނީ ޓީވީ ޝޯ ތަކުގައި ކޮމެޑީ ރޯލުތަކުންނެވެ. ފަހުން ބައެއް ހިންދީ ފިލްމުތަކުގައި ވެސް މަޖާ ރޯލުތައް ކުޅެފައިވާ މޯހިތު ގިނަ ބަޔަކަށް އެންމެ ބޮޑަށް ފާހަގަ ކުރެވިގެން ދިޔައީ ސަލްމާން ޚާންގެ “ރެޑީ” އިންނެވެ. މި ފިލްމުގައި މޯހިތު ކުޅުނީ ޗޯޓޭ އަމަރް ޗައުދަރީގެ ރޯލެވެ. އުމުރުން 27 އަހަރުގެ މޯހިތު މަރުވީ މެއި މަހުގެ 23 ވަނަ ދުވަހު ކެންސަރު ބަލީގަ އެވެ.
ރިޝީ ކަޕޫރު: ކާމިޔާބް ގިނަ ފިލްމްތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ރިޝީ ކަޕޫރުގެ ވަކިވެދިއުން ވެގެން ދިޔައީ މުޅި އިންޑަސްޓްރީއަށްވެސް ލިބުނު ބޮޑު ހިތާމައަކަށެވެ. ރިޝީ މަރުވެފައިވަނީ އެޕްރީލް 30 ވަނަ ދުވަހު ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށެވެ.
އިރުފާން ހާން: ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް އިރުފާން ޙާން މަރުވީ އެޕްރީލް 29 ވަނަ ދުވަހުއެވެ. މްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި އިރުފާންވަނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމުތައްވެސް ކުޅެފައެވެ.