English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން އައްޑޫ ސިޓީގައި ހިންގާ އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލުގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ފްލައިން ސްކޫލުގެ ދަރިވަރުންގެ ޝަކުވާތަކާއި، އަދި ފްލައިން ސްކޫލަށް ހިނގުމުގައި މިވަގުތު ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވަނީ ސުވާލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ފްލައިން ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ސުރަންޖަން ޑި ސިލްވާ އެތަނަށް ދިމާވެފައިވާ ގޮންޖެހުންތަށް ތަފްސީލު ދެއްވަމުން ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މާޗް މަހުން ފެށިގެން ފަސް މަސް ވަންދެން ކިޔެވުން މެދު ކެނޑިގެން ދިޔަކަމަށާއި އަދި ދަތުރުފަތުރުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެ ސްކޫލުގެ އުޅަނދުތަކަށް އަހަރުން އަހަރަށް ބޭނުންވާ ސްޕެއާ ނުލިބި ގިނަ ދުވަސްވިކަމަށެވެ. ސްކޫލުގެ ދަރިވަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް އުދުހުމުގެ ފުރުސަތު ނުދެވޭކަން ގަބޫލުކުރަމުން ސުރަންޖަން ބުނީ މިވަގުތު 12 އުޅަނދު އޮތްއިރު، މިވަގުތު އުދުހެނީ 4 ކުޑަ އެއާކްރާފްޓާއި، އެއް މަލްޓި އިންޖީން އެއަރ ކްރާފްޓެއްކަމަށެވެ،

އައްޑޫ ފްލައިން ސްކޫލުގައި މިވަގުތު 173 ދަރިވަރުން ލިސްޓު ކުރެވިފައިވީ ނަމަވެސް، އެކްޓިވްކޮށް އުޅޭނީ ފަސްދޮޅަހެއްހައި ދަރިވަރުންކަމަށް ފްލައިން ސްކޫލުން ވަނީ ބުނެފައެވެ. އަދި މިވަގުތު އެތަނުގައި 12 އިންސްޓަރަކްޓަރުން ތިބިކަން ފާހަގަކޮށް ފްލައިން ސްކޫލުން ބުނީ މިއީ މިންގަނޑުތަކާއި ނުބައްދަލު އަދަދެއްކަމަށެވެ. އެހެން ކަމުން 100 އެއްހާ ދަރިވަރުން ވަކިކުރަންޖެހިދާނެކަން ފާހަގަކޮށް ފްލައިން ސްކޫލުން ބުނީ އެންމެ އެކަށީގެންވާ ގޮތަށް ކިޔަވައި ދެވެން އޮތީ އިންސްޓްރަކްޓަރުން ތިބި ނިސްބަތުން 72 ދަރިވަރުންނަށްކަމަށެވެ. ދަރިވަރުން ވަކި ކުރާނީ ދަރިވަރުންގެ ޕާފޯމެންސްއާ އެހެނިހެން ކަންކަމަށް ބަލާފައި، އެކަށީގެންވާވަރަށް މަސައްކަތް ނުކުރާ ދަރިވަރުންކަންވެސް ފްލައިން ސްކޫލުން ވަނީ ފާހަގަކޮށްފައެވެ.

ސްކޫލުގެ އިންސްޓްރަކްޓަރުންނާއި ނުބައްދަލު ވަރަށް ދަރިވަރުން ސްކޫލަށް ނެގީ ކީއްވެތޯ މެންބަރުން ކުރި ސުވާލަށް ޖަވާބުދެމުން ސުރަންޖަން ބުނީ 2018 ވަނަ އަހަރު ކުރީކޮޅު ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަންއިން މަޖުބޫރުކޮށްގެން 71 ދަރިވަރުން ސްކޫލަށް ވައްދާފައިވާކަމަށެވެ. މިއީ އޭރުގެ ސަރުކާރުން އިންތިހާބާއި ގުޅުވައިގެން ކުދިންނަށް ޖާގަ ހޯދައިދީ ވޯޓު ހޯދުމުގެ ނިޔަތުގައި ކުރިކަމެއްކަމަށް ސުރަންޖަން ބުނެފައިވާއިރު މިކަމަށް ހަޔާ އެޑިއުކޭޝަނުން މަޖުބޫރުކުރީ ކޮން ބައެއްކަން ނޭގޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ދަރިވަރުންގެ ކޯސް ނިންމަން ދީފައިވާ މުއްދަތަށް ވުރެ ދިގުލައިގެން ގޮސް، ކޯސް ނުނިމި ލަސްވާ މައްސަލަ އާއި ގުޅިގެން ފްލައިން ސްކޫލުން ބުނީ ސްކޫލަށް އަންނަ ދަރިވަރުން ކޯހުގެ މެދުތެރެއިން ސްކޫލަށް އެނގުމަކާއި ނުލައި ސްކޫލަށް ގެއްލޭ ކަމަށާއި އަދި ބައެއް ފަހަރު ފައިސާގެ ދަތިތައް ހުރި ކަމަށް ބުނެ ކޯސް މެދު ކަނޑާލާކަަމަށެވެ. އިމްތިހާނުތައް އޮންނަ މުއްދަތަށް ނިންމާ އަދި ޤަވާއިދުން ލާރި ދައްކާ ދަރިވަރުންނަށް އުދުހުމުގެ ގަޑިތައް ލިބޭނެ ކަން ފާހަގަކޮށް ފްލައިން ސްކޫލުން ބުނީ ވަކިވަކި ދަރިވަރުންގެ މައްސަލަ ބުނެދެވޭނީ ދަރިވަރުންގެ ނަންތައް ހާމަ ކުރުމުން ކަމަށެވެ. މީގެ އިތުރުން ފްލައިން ސްކޫލުން ވަނީ ގިނަ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތި ކުރާ ތުހުމަތުތައްކަމަށް ބުނެފައެވެ.

ފްލައިން ސްކޫލުގެ މައްސަލަ އާއި މެދު މަޝްވަރާކުރެއްވުމަށް އައްޑޫއަށް ވަޑައިގެންނެވި މެމްބަރުންނަކީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްއާއި މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫނާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) އާއި، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމްއެވެ،