English Edition
Dhivehi Edition

އިޖުތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީއަށް ވާސިލުވެވޭނީ، އަދި ބޭނުންވާ ރަނގަޅު ނަތީޖާ ހާސިލުކުރެވޭނީ، ކޮންމެ ކަމެއް ވެސް ހެޔޮ ނިޔަތާއެކުކޮށް އަދި އެކަމެއްގައި އިޚުލާސްތެރިކަން އިސްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިމޭރުވުން ވާހަކަފުޅު ދެއްކެވީ “ދަގެނާ،”ގެ ނަމުގައި ހުވަދުއަތޮޅު އުތުރުބުރީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސަރވިސަސް ހުޅުއްވައިދެއްވުމަށް ވިލިނގިލީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެ މަނިކުފާނު ވިދާޅުވީ، ޤައުމަށް ކުރިމަތިވެފައިވާ އިޖުތިމާޢީ އެކި ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ ކަމުގައެވެ. މި ގޮތުން، މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް ސޯޝަލް ކައުންސިލުގެ ނަމުގައި ވަކިން ޚާއްޞަ ކައުންސިލެއް އުފައްދަވައި، އެ ކަންކަން ވިލަރެސްކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލާ ހަވާލު ކުރައްވާފައި ވަނީ ވަރަށް މާތް މަޤްޞަދެއްގައި ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އިޖުތިމާޢީ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މި ކަމުން ވެސް ދޭހަކޮށްދޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ، މުޅި ސަރުކާރުން ވެސް މި މަސައްކަތާ ކުރިމަތިލައިގެން މަސައްކަތް ކުރަމުންދަނީ ހެޔޮ ނިޔަތާއި އިޚުލާސްތެރިކަން އިސްކޮށްގެން ކަމުގައެވެ. އިޖުތިމާޢީ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު އެންމެ ބޮޑަށް އަމާޒު ކުރައްވާފައި ވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށެވެ.

މި ގޮތުން، މިއަދު “ދަގެނާ،”ގެ ނަމުގައި ހުޅުއްވައިދެއްވި ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާކޮށް، އެ މީހުންނަށް މުޖުތަމަޢާ އަލުން ގުޅި، އެ މީހުންނަކީ މުޖުތަމަޢަށް ފައިދާކުރަނިވި ބިނާކުރަނިވި ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އަދި މިއީ، މިހާތަނަށް ދާއިމީ ހައްލެއް ހޯދުމުގައި ކާމިޔާބީ ލިބިފައިނެތް މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، އެ މަސައްކަތުގައި ކާމިޔާބީއާމހަމައަށް ވާޞިލުވުމަށް ލިބުނު އިތުރު ފުރުޞަތެއް ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ދަގެނާއާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މިއީ ކާމިޔާބު ޚިދުމަތަކަށް ހެދިއްޖެ ނަމަ، މިއީ މުޅި ރާއްޖެއަށްވެސް މަންފާ ލިބިގެންދާނެ ޚިދުމަތެއް ކަމުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި މި ފަދަ ޚިދުމަތްތައް ކުރިއަށް ގެންދިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން، ކަމަކާ ކުރިމަތިލައި އެކަމެއް ހައްލުކުރުމަށް ވަކި ސިޔާސަތަކާއި ނިޒާމުތަކެއް ކަނޑައަޅައި މަސައްކަތް ފެށި ނަމަވެސް، އެ ނިޒާމުގެ ދަށުން ރަނގަޅު ނަތީޖާ ނުނެރެވޭ ނަމަ، އެ ނިޒާމު ބަދަލުކޮށް، މުޅިން އައު ވިސްނުމެއް ކުރިއަށްނެރެގެން ނަމަވެސް، އެ މަސައްކަތެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ޚިދުމަތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއީ “ވަށައި ޖެހޭ” ފަދަ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމުގައެވެ. މި ގޮތުން، ފަރުވާގެ އިތުރުން، މި ޕްރޮގްރާމްގެ ބައިވެރިންނަށް މުޖުތަމަޢާ އަލުން ގުޅުމުގައި އެހީތެރިވެ ދިނުމުގެ ގޮތުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަމްރީނު ފޯރުކޮށްދެވޭނެކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖްތަޢުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށާޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމުގައި އުންމީދީ ވިސްނުމެއް އިސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުންނެވެ. މި ގޮތުން، މުޖުތަމަޢަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ، މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މި ކަމުގައި ހުރިހާ ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްވެސް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.