English Edition
Dhivehi Edition

ގއ. ވިލިނގިލީ ގައި މިއަދު ހުޅުވި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ އަށް ” ގއ. ދަގެނާ ” ނަންދީ އެ ސެންޓަރު މިއަދު ހުޅުވައިފިއެވެ.

ދަގެނާ ހުޅުއްވައި ދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ޢިއްޒަތްތެރި ނާއިބް ރައީސް ފައިސަލް ނަސީމެވެ.

ދަގެނާ ޚިދުމަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަންމުގެ އިތުރުން އެ ފަރާތްތަކާއި ގުޅިފައިވާ ހުރިހާ ކަމަކަށް ރިޢާޔަތްކޮށް މުޅި މައްސަލައަށް ޙައްލުހޯދުމަށް ފަރުމާކޮށްފައިވާ ވަށާޖެހޭ ނިޒާމެކެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދޭ އެހީތެރިކަމުގެ އިތުރުން އެފަދަ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި މުޖްތަޢުގެ ތެރެއިން އެ ފަރާތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަކީވެސް ދަގަނާގެ ވަށާޖެހޭ ނިޒާމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިސެންޓަރަށް ހުވަނދޫ ބަހުން ކިޔާނެ ރީތި ނަމެއް ހޮވުމަށް މި ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގައި ގއ. އަތޮޅު ކައުންސިލް ފޭސްބުކް ޕޭޖްގައި ޢިޢުލާންކޮށް، ރައްޔިތުންގެ ޚިޔާލު ހޮވުމަށް ޢާންމުކޮށް ހުޅުވައި، މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރީތި ނަންތަކެއް ކޮމެންޓްގެ ގޮތުގައި ހުށަހަޅަންވަނީ އެދިފައެވެ.

“ދަގެނާ” މި ނަމާ ގުޅޭ ގޮތުން އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ފުވާދު ވިދާޅުވީ ހުވަދު އަތޮޅުގައި ގާއިމު ކުރި ސެންޓަރަށް ހުވަދޫ ނަމެއް ދިނުމުން އެކަމުން ދޭހަކޮށްދެނީ ސަރުކާރުން ކައުންސިލް ތަކަށް މިފަދަ ކަންކަން ކުރުމުގައި ބާރުދީފައިވާ މިންވަރާއި އެ ރަށެއްގެ ކަންކަމުގައި ގޮތް ނިންމުމަށް ރަށުގެ ރައްޔިތުންނަށް ދޫކޮށްފައިވާ މިންވަރުކަމަށެވެ. ކުރީގައި ނަމަ މިފަދަ ތަންތަނަށް ކިޔާނެ ނަން ނަން ފާސްކޮށް ނިންމާނީ މިނިސްޓްރީ ތެރެއިން ކަމަށް ވިޔަސް މިހާރު މިއީ ކައުންސިލް ތަކަށް އަމިއްލަ އިޚްތިޔާރު ލިބިފައިވާ ކަން ކަން ކަމަށެވެ.

ދަގެނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.