English Edition
Dhivehi Edition

މިއަދު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ، އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން ސަލާމަތްވެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަދާވާތްތެރިކަމާއި ނަފްރަތުން ދުރުހެލިވެގެން ކަމުގައި ވިދާޅުވެ، އެކުގައި މަސައްކަތް ކުރުމުގެ ރޫޙު ކުރިއަށް ނެރުމަށް ކޮންމެ ދިވެހި ރައްޔިތަކު ވެސް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.

އެ މަނިކުފާނު މި ކަމަށް ގޮވާލައްވައި ވާހަކަފުޅު ދައްކަވާފައި ވަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ރޭ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ވަޑައިގެންނެވީ ރޭ އިރާކޮޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މީގެ 15 އަހަރުކުރިން އަޅުގަނޑުމެންނާ ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިޘާގެ ހަނދާންތައް އައުކުރައްވާ، އެ ކަޅު، އަނދިރި، ނާމާން ދުވަހު އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެ ފަރާތްތަކުގެ ޢާއިލާތަކަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދުޢާ ދެންނެވިއެވެ. އަދި، އެ ކާރިޘާއާ ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރިވެތި ނަމޫނާއަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އަޅުގަނޑުމެން މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައެވެ. އަދި، އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، ސުލޫކު ހެޔޮ ދަރިންތަކެއް ބިނާކުރެވޭނީ، އަދި ތަރައްޤީ ހާސިލުކުރެވޭނީ، އަދި އަމާން ޤައުމެއް ކަށަވަރު ކުރެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެން ކަމުގައެވެ.

އެކި ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތުދިނުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމުގައެވެ. ނަމަވެސް، ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުޞަތަކަށް ނުހެދުމަށާއި، އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ދިވެހިރައްޔިތުންނަށް ގޮވައިލެއްވިއެވެ.

މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި، ދިވެހި ހުރިހައި ފަރުދުން ވެސް މިއަދު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް ކަމުގައެވެ. އަދި، އަޚުވަންތަކަށް އިސްކޮށްގެން ނޫނީ، މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވިއެވެ. މި މަސައްކަތްތަކަކީ، އެ މަނިކުފާނު ސިފަކުރައްވާ ގޮތުގައި، ދިވެހި ހުރިހާ ރައްޔިތުންގެ އަޑު އަހާ، އެންމެންގެ ބައިވެރިވުމާއި، އެހީތެރިކަމާއެކު ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެކެވެ. އަދި، އެ ކަން އެ ގޮތަށް ކުރުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްޤީއާ ތަމަންދުން ހޯދައިދިނުމަށް ސަރުކާރުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރަމުންދާ، މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅު ނިންމަވައިލެއްވީ ހެޔޮ ކަންކަމަށް ގޮވައިލާ، އެ ފަދަ ކަންކަމަށް ބާރުއަޅާ ބަޔަކަށްވުމަށް އެންމެން ވެސް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. މި ގޮތުން، ތަރައްޤީއަށް ހުރަސްއެޅޭ ފަދަ އަމަލުތަކުން ދުރުހެލިވެ، އަޅުގަނޑުމެންނަކީ ދިވެހި ދަރިންނަށް ނަމޫނާ ދައްކާ، އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި، ފާގަތި ޤައުމެއް ބިނާކޮށްދޭނެ ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ ބައިވެރިވެ ވަޑައިގަންނަވައެވެ.

ރޭގެ ޖަލްސާގައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވިލިނގިއްޔަށް ލިބުނު ގެއްލުމާއި، އެ ކާރިޘާއާ ގުޅިގެން އެ ރަށުގެ ރައްޔިތުން ދައްކައިދިން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ރޫޙު ދައްކުވައިދޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަންއެއް ދައްކާލާފައެވެ.