English Edition
Dhivehi Edition

މަމްސް އޮފަރިންގް މަމްސް ސަޕޯޓް (މަމްސް) ޖަމިއްޔާެއިން ގދ. ތިނަދޫގައި ވެސް “ޓީ އެންޑް ޓޯލްކް” އިވެންޓް ބާއްވައިފިއެވެ.

މިއަދު ހަވީރު ޑރ. ޢަބްދުޢް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އެހީތެރިކަމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރެވޭނެ ގޮތްތަކުގެ މަޢުލޫމާތު ސެޝަނަކަށް ފަހު މި އިވެންޓުގެ ޓީ ޕާރޓީ ކުރިއަށްދިޔައީ ގދ. ތިނަދޫ ޒިމާމަން ރެސްޓޯރެންޓުގައެވެ. 25 ބައިވެރިންނާއެކު ބޭއްވުނު މި އިވެންޓުގެ ބޭނުމަކީ މައިންނާއި ކުދިންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރެވިގެން ދިޔުމެވެ.

މި އިވެންޓަކީ 2018 ވަނަ އަހަރުން ފެށިގެން “މަމްސް ހައި ޓީ” ގެ ނަމުގައި، މެންޓަލް ހެލްތު އެވެއަރނަސް މަހާއި ގުޅުވައިގެން ބާއްވަމުން އަންނަ އިވެންެޓެކެވެ. މަމްސް ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މައިން އެއް މޭޒެއް ދޮށަށް އެއްވެ ގުޅުން ބަދަހި ކޮށްލަން ދެވޭ މި ފުރުސަތުގައި މިއަހަރުގެ (2020) އިވެންޓަށް ކޮވިޑް-19 އާއި ގުޅިގެން ވަނީ ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން ބޮޑު އެއްވުމެއްގެ ބަދަލުގައި ކުޑަ އެއްވުމަކާ އެކު އިވެންޓް ވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށް ގެންގޮސްފައެވެ.

ގދ. ތިނަދޫގައި މި އިވެންޓް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މަމްސް ޖަމިއްޔާގެ ފަރާތުން ތިނަދޫގައި ހަރަކާތްތެރިވާ މި ޖަމިއްޔާގެ މެމްބަރު ފާތިމަތު އަރޫޝާ ވިދާޅުވީ މިއީ ތިނަދޫގައި މި އިވެންޓް ބޭއްވޭ ދެވަނަ ފަހަރު ކަމަށާއި މި ފަހަރުގެ މި އިވެންޓަށް ޒިމާމަން ރެސްޓޯރެންޓުގެ ފަރާތުން ސްޕޮންސަރ ލިބުން މިއީ އިވެންޓަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ. އަދި އިވެންޓުގައި ހޮސްޕިޓަލުގެ މެންޓަލް ހެލްތުގެ ފޯކަލް ޕޮއިންޓު ޝަހުޒާ ޙުސައިންގެ ފަރާތުން މިފަދަ މަޢުލޫމާތުތަކެއް ލިބިގެން ދިއުން މިއީ މި މުޖުތަމައުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ދެނެގަނެ އެކަކު އަނެކަކަށް އެހީތެރިވާން ލިބުނު ފުރުޞަތެއްކަން މި އިވެންޓްގެ ބައިވެރިން ފާހަގަކުރިއެވެ.

2020 ވަނަ އަހަރަށް އަމާޒުކޮށްގެން ބޭއްވުނު ހަރަކާތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މަމްސް ޖަމިއްޔާގެ ޖެނެރަލް ސެކެޓްރީ ފާތުމަތު ރިޔާސާ ވިދާޅުވީ މި އަހަރު ރާއްޖޭގެ އެކި ރަށްތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބޭއްވުމުގެ އިތުރުން އަންހެނުން ބާރުވެރިކުރުމަށް ވިޔަފާރި އެކްސްޕޯ ތައް ވެސް ބާއްވާފައި ވާނެ ކަމަށެވެ. ހަމައެހެންމެ ދުޅަހެޔޮ ސިއްހަތަކަށް މައިން އަހުލުވެރިކޮށް “ހީޓް” އާއި ގުޅިގެން ފިޓްނަސް ސެޝަންތަކެއް ކުރިއަށް ގެންދިއުމާއި ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތައް ވެސް މިއަހަރު ކުރިއަށް ގެންގޮސްފައި ވާކަން ރިޔާސާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެޑިޔުކޭޝަން ފޯ އޯލް އިވެންޓުގެ ދަށުން ސްމާޓް އެޑިޔުކޭޝަން ފޯ އޯލް “ހޮލޯގޯ” އާއި އެސޯސިއޭޓްވެ ތައާރަފް ކޮށްފައިވާކަން ފާހަގަކޮށް މި ފުރުސަތު ދެވުނު 40 ސްކޫލުގެ ތެރޭގައި ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނިފައި ވާކަމަށް ރިޔާސާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރިޔާސާ ވިދާޅުވީ ކޮވިޑް-19 ރިލީފް ކެމްޕެއިން އިވެންޓްގެ ތެރެއިން ދަތި ހާލުގައި އުޅޭ މައިން ދެނެގަނެ “އެހީ” ޖަމިއްޔާއާއި ގުޅިގެން އެފަދަ އާއިލާތަކަށް އެހީ ދެވުނު ސަތޭކަ އާއިލާ ތެރެއިން ގދ. ތިނަދޫ އިން އެހީ އަށް އެދުނު އާއިލާތަކަށްވެސް ކެއަރ ޕެކޭޖް ހަވާލުކޮށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށާއި ބެކް ޓު ސްކޫލް އިވެންޓްގެ ތެރެއިން ކުދިން ސްކޫލަށް ދާން ބޭނުން ކުރާނެ ޔުނީފޯމް, ދަބަސް އަދި ސްކޫލް ބޫޓް ފަދަ ތަކެތި ގދ.ތިނަދޫ އާއިލާ އަކަށް ފޯރުކޮށްދީފައިވާ ކަން ރިޔާސާ ފާހަގަކުރެއްވިއެވެ.

އަންހެނުން ބާރުވެރި ކުރުމާއެކު މައިންނާއި ދަރިންނަށް ދިމާވާ ނަފްސާނީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި އަންހެނުންނާއި ކުދިންނަށް ބޭއިންސާފުން ދިމާވާ ކަންތައްތައް ދެނެގަނެ ހައްލު ހޯދައިދިނުމުގެ މަޤްސަދުގައި އުފައްދާފައިވާ މަމްސް ޖަމިއްޔާގެ އެޑްމިނުން ރާއްޖޭގެ 95 ރަށެއްގައި ހަރަކާތްތެރިވަމުން ދެއެވެ. މީގެތެރެއިން ގދ އަތޮޅުގެ މަޑަވެލި, ހޯޑެއްދޫ އަދި ނަޑެއެްލާ ގައި މިވަގުތު މި ޖަމިއްޔާގެ އެޑްމިނުން ޙަރަކާތްތެރިވެއެވެ. އަދި މި އަތޮޅުގެ އިތުރު ރަށްތަކަށްވެސް މި ފުރުސަތުތައް ހުޅުވާލެވިފައިވާ ކަން މަމްސް ޖަމިއްޔާއިން މަޢުލޫމާތު ދެއެވެ.