English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގެ ޔޫތު ސެންޓަރުތަކުގައި މަސައްކަތްކުރުމަށް ނަގާފައިވާ ގިނަ އަދަދެއްގެ މުއައްޒަފުންގެ ކޮންޓްރެކްޓް އާ ނުކޮށް ވަޒީފާއިން ވަކިކޮށްފިއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ލިބުނު ގޮތުގައި ޔޫތު ސެންޓަރުތަކުގައި މަސައްކަތް ކުރަމުން ދިޔަ 08 މުއައްޒަފަކުވަނީ ކޮންޓްރެކްޓް އާނުކޮށް ވަޒީފާއިން ވަކިކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މަރަދޫފޭދޫ ޔޫތު ސެންޓަރުގައި މަސައްކަތްކުރާ 04 މުއައްޒަފަކާއި ގަން ޔޫތު ސެންޓަރުގައި މަސައްކަތްކުރާ 04 މުއައްޒަފަކެވެ. މި ގޮތުން މަރަދޫ ފޭދޫ ޔޫތު ސެންޓަރުގެ ތިން ސެކިއުރިޓީއިންކަމަށްވާ މޫސާ ހަލީމް އާއި މޫސާ ފަތްހީ އަދި މުހައްމަދު ސާބިގްގެ އިތުރުން މަރަދޫ ފޭދޫ ފުޓްސަލް ދަނޑު ބަލަހައްޓާ އަބްދުއް ރަހީމް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ،

މީގެ އިތުރުން ގަމު ޔޫތު ސެންޓަރުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މުހައްމަދު ހުސައިން އާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާތިމަތު ނާޒިމާ އާއި ޒުމްބާ އިންސްޓްރެކްޓަރު އައިޝަތު އިބްރާހީމްގެ އިތުރުން ފޭދޫ ފުޓްސަލް ދަނޑު ބަލަހައްޓަމުން ދިޔަ އާމިނަތު މަނިކުފާނުވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުގެ ދަށުން ހިންގަމުންދާ ޔޫތު ސެންޓަރތަކުން މުއައްޒަފުން ވަކިކޮށްފައިވާއިރު މަރަދޫފޭދޫ އޮފީހުން މައުލޫމާތު ދެއްވި ފަރާތުން ވިދާޅުވީ އެ މުއައްޒަފުންނަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ މުއައްޒަފުންކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހު އެމީހުންގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނެކަމަށް ވެސް އެ ފަރާތުންވަނީ ބުނެފައެވެ.

ވަޒީފާއިން ވަކިކުރި ފަރާތަކުން އޭއޯ ނިއުސް އާއި ވާހަކަދައްކަމުން ބުނީ ކޮންޓެރެކްޓް އާ ކުރުމުގެ އިހްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް ގަބޫލުކުރާ ކަމަށާއި މިހާ ދަތި ދުވަސްވަރެއްގައި ކޮންޓްރެކްޓް އާ ނުކޮށް ވަޒީފާއިން ވަކިކޮށްލުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށެވެ.