English Edition
Dhivehi Edition

ކިނބިހި އެޅުމާ އާފުރުމަކީ އިންސާނުންނަށް އާއްމުކޮށް ދިމާވާ ކަމެކެވެ. ޔަގީނުންވެސް މިދެކަމާއި މެދު އިސްލާމް ދީނުގައިވެސް އިރުޝާދުތައް ހުސްނުވެއެވެ. ކިބިހި އެޅުމަކީ اللَّهُ ތަޢާލާ ލޯބިވެ ވޮޑިގެންވާ ކަމެކެވެ. އަދި އާފުރުމަކީ އެކަލާނގެ ރުހިވޮޑިގެން ނުވާ ކަމެކެވެ. މިކަމަށް އަލި އަޅުވާލާ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުހައްމަދް صلى الله عليه وسلم ހަދީސް ކުރައްވާ ފައިވާ ބަހުގެ މާނައިގައި ވެއެވެ. “ހަަމަކަށަވަރުން ކިނބިހި އެޅުމަކީ اللَّهُ ތަޢާލާ ލޯބިވެ ވޮޑިގެންވާ ކަމެކެވެ. އަދި އާފުރުމަކީ އެކަލާނގެ ރުހިވޮޑި ނުގަންނަވާ ކަމެކެވެ. “

އިލްމްވެރިން ވިދާލުވާ ގޮތުގައި ކިނބިހި އެޅި މީހާ ޙަމްދުކުރުން ސުންނަތް ވެގެން ވަނީވެސް اللَّهُ އެކަމަށް ލޯބިވެ ވޮޑިގަންނަވާ ކަމެއް އޭނާއަށް މިންވަރު ކުރެއްވީމަ އެކަމުގެ ޝުކުރެއްގެެ ގޮތުން ކަމުގައެވެ. ކިނބިހި އެޅިއްޖެ ނަމަ ޙަމްދު ކުރުމަކީ ނަބިއްޔާ މުހައްމަދް صلى الله عليه وسلم ވަރަށް ބޮޑަށް އިރުޝާދު ދެއްވާފައިވާ ކަމެކެވެ. އެހެންކަމުން ކިބިހި އެޅޭ ހިނދު الْحَمْـدُ للهِ (އެންމެހާ ހަމްދު ވަނީ اللَّهُ އަށެވެ) ކިޔުން ވެއެވެ. އަދި ކިބިހި އަޅާ ވަގުތު އެ އަޑުއިވުނު މީހަކުނަމަ ކިނބިހި އަޅާފައި ހަމްދު ކުރި މީހާއަށް ހެޔޮދުޢާ ކުރަންވާނެއެވެ. ދުއާ ކުރުމުގެ އިބާރާތެއް ގޮތުގައި يَرْحَمُـكَ الله ( اللَّهُ ތިބާއަށް ރަޙްމަތް ލައްވާށި) ބުނަންވާނެއެވެ. އަދި އެފަދައިން ބުނުމުން އޭގެ ޖަވާބުގައި ކިިނބިހި އެޅި މީހާ يَهْـديكُـمُ اللهُ وَيُصْـلِحُ بالَـكُم (ތިބާމެންނަށް اللَّهُ ތެދުމަގު ދައްކަވާށިއެވެ. އަދި ތިބާމެންގެ ކަންތައް ޞުލްޙަ ކުރައްވާށިއެވެ) މިހެން ބުނަންވާނެއެވެ.

ކިނބިހި އަޅާފައި ޙަމްދުނުކުރި މީހާއަށް ޙަމްދުކުރުމަށް ހަދާން ކޮށްދިނުމަކީ ހެޔޮކަމުގެ ތެރެއިންވާ ކަމެއް ކަމަށް އިލްމްވެރިން ބުނެއެވެ. ކިނބިހި އަޅާއިރު އަނގަ މަތި ނިވާކުރުމަކީ ސާފުތާހިރު ކަމާއި އެކު އެހެން މީހުންނަށް ކިނބިހީގެ އަސަރުން ބަލިތައް ފެތުރުނަ ނުދިނުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމަށް ޒަމާނީ ގިނަ ޑޮކްޓަރުންވެސް ބުނެއެވެ. ނަމަވެސް މިކަމަކީ އެތައްހާސް އަހަރެއް ކުރިން އުންމަތުގެ މާތް ނަބިއްޔާ މުހައްމަދް صلى الله عليه وسلم އިރުޝާދު ދެއްވާފައިވާ ނަބިއްޔާގެ ސުންނަތުން ސާބިތު ކަމެކެވެ. މާތް اللَّهُ ރުއްސުންލެއްވި އަބޫޙުރެއިރަތުގެފާނު އަރިހުން ރިވާވެގެންވާ ބަސްފުޅެެއްގެ މާނައިގައި ވެއެވެ. “ރަސޫލާ صلى الله عليه وسلم ކިނބިހިފުޅު އަޅުއްވާ ނަމަ އެކަލޭނގެފާނުންގެ އަތްޕުޅު ނުވަތަ ފޭރާންކޮޅު އެކަލޭގެފާނުންގެ އަނގަފުޅުގައި އަޅުއްވައި އަދި އަޑުފުޅު މަޑުކުރައްވައެވެ. “

އެނގޭހެއްޔެވެ! އާފުރުމަކީ ޝައިތާނާ އެކަމާ ވަރަށް އުފާވެ ހޭކަމެކެވެ.އާފުރޭއިރު އަނގަމަތީ އަތްއެޅުމަކީ ރަސޫލާ صلى الله عليه وسلمގެ އިރުޝާދުންވެސް ސާބިތު ކަންކަމެވެ. މިކަމާމެދު ހަދީޘް ކުރައްވާފައިވާ ހަދީޘެއްގެ މާނައިގައި ވެއެވެ. “ތިޔަބައިމީހުންކުރެ މީހަކު އާފުރެނީނަމަ އެމީހަކު އެމީހާގެ އަނގަމަތީގައި ހިފަހައްޓާ ހުށިކަމެވެ. އަތް އަޅާ ހުށިކަމެވެ. އެހެނީ ހަމަ ކަށަވަރުން ޝައިތާނާ ވަދެއެވެ.”

އަބޫ ދާއޫދުގެ 5007 ވަނަ ހަދީޘްގައި އިތުރު އިރުޝާދެއް އާފުރުމާ ބެހޭގޮތުން ދެއްވާފައިވެއެވެ. އެއީ އާފުރޭއިރު “ހާހް ހާހް “ ގެ އަޑު ނުއިއްވުމެވެ. މިކަމަށް އަލިއަޅުއްވާ ގެނެސްފައިވާ ހަދީޘްގެ މާނައިގައި ވެއެވެ. “ ތިޔަބައި މީހުންކުރެ މީހަކު އާފުރެން ދިމާވެއްޖެނަމަ “ހާހް ހާހް” ނުކިޔާށެވެ. އެބަހީ އެފަދަ އަޑު ނުގޮއްވާށެވެ. އެއީ ހަމަކަށަވަރުން ޝައިޠާނާގެ ފަރާތުން ވާކަމެކެވެ. އެސޮރު އެކަމަށް ހޭނެއެވެ”

މި އާރޓިކަލް ކިޔުމަށްފަހު ޔަގީނުންވެސް ކިނބިއްސެއް އެޅޭ ހިނދު މީ اللَّهُތަޢަލާ ލޯބިވެ ވޮޑިގަންނަވާ ކަމެއް ކަމާއި އާފުރުމަކީ ޝައިތާނީ އަމަލެއްކަން ގިނަ މީހުންގެ ހަނދާނުގައި ހުންނާނެ ކަމާމެދު ޝައްކެއް ނުކުރަމެވެ. އެނގިފައިވާ އިލްމެއް ހިއްސާ ކުރުމަކީ އަމިއްލަ ނަފްސަށާއި އެހެން ބަޔަކަށް ކޮއްދެވޭނެ ހެޔޮކަމެކެވެ.

2 ކޮމެންޓް
Lawl
ޑިސެމްބަރު 31, 2020
Hi hello may God bless me and he loves all the humans in the whole world
Addu meeha
ޑިސެމްބަރު 25, 2020
please mention refference of the Hadith of Nabiyya Sahllahllahu Alayhi Wassalam when you copy paste a Hadith