English Edition
Dhivehi Edition

މިސްޓިކް އިވެންޓްގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓިގެ ފޭދޫގައި “ޔުނިޓީހޮލިޑޭ އިވެންޓް” ގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ނައިޓްމާކެޓެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އައްޑޫސިޓީގެ ކުދި ވިޔަފާރި ތަކަށް ޚާއްޞަކޮށްގެން، ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭދޫ ބަނދަރު ސަރަހައްދުގައި ކަމަށް މިސްޓިކް އިން ބުނެއެވެ. އަދި އިވެންޓު ކުރިއަށް ދާނީ ކަނޑައެޅިފައިވާ ތާރީޚުތަކުގައި ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

މި އިވެންޓާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން މިސްޓިކް އިން ބުނީ މި ޔުނިޓީ ހޮލިޑޭ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ކޮންމެ މީހަކަށް ވެސް ލިބޭނެ ކަމަށާއި ޔުނިޓީގައި އެކި ވައްތަރުގެ ވިޔަފާރި ތަކުގެ ސްޓޯލްސް ތަކާއި ލުއިކާނާ އާއި އަތްތެރިމަސައްކަތުގެ ސާމާނާއި ނައިޓްމާކެޓް ސްޓޯލްސް ތައް ބެހެއްޓުމުގެ ފުރުސަތު ލިބިގެން ދާނެކަމަށެވެ. މީގެ އިތުރުން ގޭމް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް އެފަރާތުން ބުނެއެވެ.

މިސްޓިކް އިން ބުނީ ގޭމް ސްޓޯލްސް ތަކުގައި ކުޑަކުދިންނަށް ޚާއްޞަ ކޮށްގެން ގޭމް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށާއި އަދި އަދި ގޭމު ކުޅެގެން ވަނަ އަށްދާ ފަރާތްތަކަށް އިނާމު ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ފުޑް ކޮންޓެސްޓެއް އޮންނާނެ ކަމަށާއި މީގެއިން ވަނަ ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމު ލިބޭނެ ކަމަށެވެ.

މި އިވެންޓުގައި ހޯމްބޭކާސް އަދި ކުދި ވިޔަފާރިތައް ކުރާ މީހުންނަށް ޚާއްޞަ އިސްކަމެއް ދެވޭނެ ކަމަށާއި އެ ފަރާތްތަކުގެ ވިޔަފާރި މުޅި އައްޑޫސިޓީއަށް އިޝްތިހާރު ކުރުމަށް މި އިވެންޓުގެ ތެރެއިން ފުރުސަތު ފަހިވެގެން ދާނެކަމަށް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ސްޓޯލް ބުކް ކުރުމަށާއި އިތުރު މައުލޫމާތު ހޯދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 7641993 އެވެ.