English Edition
Dhivehi Edition

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު (އެމް.އެސް.އެސް.) އިން އިންޑިއާގެ ތޫތުކުޑި އާއި އައްޑޫ އަދި ހުވަދުއަތޮޅާއި ދެމެދު ސީދާ ދަތުރު ފެށޭ ފުރަތަމަ ކާގޯ ފެރީ “އެމް.ވީ. ބޮންތި 2″ މިއަދު ތިނަދޫއަށް ދާނެ ކަމަށް އެމް.އެސް.އެސް. އިން ބުނެފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު (އެމް.އެސް.އެސް.) އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި “އެމް.ވީ. ބޮންތި 2″ 22 ޑިސެންބަރުގައި ތިނަދޫއަށް ބަނދަރުކުރާނެ ކަމަށް ލަފާކުރެވޭ ކަން ވަނީ ހާމަކޮށްފައެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގެ މީޑިއާ އިން ވަނީ މިކަން އޭ.އޯ. ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

އެމް.އެސް.އެސް އިން އަލަށް ފެށި ޝިޕިންގ ޚިދުމަތުގައި ތިނަދޫއަށް “އެމް.ވީ. ބޮންތި 2″ ކުރާ ފުރަތަމަ ދަތުރުގެ ނިންމާލުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ތިނަދޫ އެސް.ޓީ.އޯ ސަރަހައްދު ބަނދަރުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ރަސްމިއްޔާތުގައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިންގެ އިތުރުން އެކިއެކި މިނިސްޓަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ވަނީ އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދެއްވާފައެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނި (އެމް އެސް އެސް) އިން އިންޑިއާގެ ތޫތުކުޑި އާއި އައްޑޫ އަދި ގދ. ތިނަދޫ އާއި ދެމެދު ޝިޕިންގ ޚިދުމަތް ފެށުމާއެކު ގދ. އަތޮޅުން ލިބެން ހުންނަ ބައެއް މުދަލުގެ އަގު ހެޔޮ ވާނެކަމަށް މި އަތޮޅުގެ ވިޔަފާރިވެރިން ދެކެއެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ދިވެހި ކުންފުންޏެއް މެދުވެރިކޮށް ގެނެވޭނެ މަގު ފަހިކޮށް ދިނުމުގެ މަގްސަދުގައި އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.