English Edition
Dhivehi Edition

ގއ. ވިލިނގިލީގައި ގޭސްފުޅިއަކުން ގޭސް ލީކުވެ، ބާރުގަދަ ގޮވުމެއް ގޮވައި ގެއަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ވިލިނގިލީ ގޯލްޑަންހައުސް ނަމަކަށް ކިޔާ ގޭގައި މި ހާދިސާ ހިގާފައިމިވަނީ މިއަދު މެންދުރަށް ބަދިގޭގައި ކައްކަމުންދިޔަ ވަގުތުގައި އެވެ.

މި ހާދިސާ ހިނގި ވަގުތު އެގޭގައި އަންހެނަކާއި 3 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ތިބިކަމަށް އެގެއިން “އޭއޯ ނިއުސް ” އަށް މައުލޫމާތު ދިން އީމާން ބުނެފައިވެއެވެ. އެމީހާ ބުނީ އެވަގުތު އޭނާ ހުރީ ކައްކަން ކަމަށާއި ކުއްލިއަކަށް ވަރަށް ބާރުގަދަ އަޑެއް އިވުމާއެކު މުޅި ގޭގެ ބިއްލޫރިތައް ތަޅައިގެން ދިޔަކަމަށެވެ.

“އަސްލު ހާދިސާ ހިގަން މެދުވެރިވި ސަބަބެއް ނޭގޭ . އަލިފާނުގެ އެއްވެސް ނުރައްކާތެރިކަމެއް ނުހިނގާ. އެވަގުތު ދަޜިފުޅުވެސް އޮތީ ކޮޓަރީގައި” އީމާން ބުނެފައިވެއެވެ. އޭނާ ބުނީ އެއަޑު އިވުމާއެކު ދުވެފައި ގޮސް އެދުމަތީގައި އޮތް ދަރިފުޅު ގޮވައިގެން ތިރިޔަށް ފައިބާފައި ވާކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ގޮވުން ގޮވަން މެދުވެރިވީ، ބަދިގޭގެ ކަބަޑު ތެރޭގައި ހުރި ގޭސްފުޅިއަކުން ގޭސް ވަރަށް ބޮޑަށް ލީކްވެގެން ކަބަޑުގެ ތެރޭގައި އުފެދުނު ޕްރެޝަރުގެ ސަބަބުންނެވެ. މި ގޮވުމުގެ އަޑު 200 ފޫޓަށް ހުރި ކަމަށާއި އަދި އެ އަޑާއެކު ގެގޭގެ ބިއްލޫރިތައް ތެޅި، ފަންކާގެ ކަވަރުވެސް ނެއްޓުނު ކަމަށް އެގެއިން ވާހަކަ ދެއްކި މީހާ ބުނެފައިވެއެވެ.

ބާރުގަދަ ގޮވުމެއް ގޮވި ނަމަވެސް، އެއްވެސް ވަރަކަށް އެ ގޭގައި އަލިފާން ރޯވެފައެއް ނުވެ އެވެ.

މިހާދިސާ ހިގަން މެދުވެރިވި ސަބަބު ހޯދުމަށް އިތުރަށް ތަހްޤީގު ކުރަމުން އަންނަކަމަށް ޕޮލިސް ކޮންސްޓަބަލް އަލީ މުފީދު ވަނީ ވިދާޅުވެފައެއެވެ.