English Edition
Dhivehi Edition

އެހެންނަމަވެސް އިމްޖާދަށް އެދުވަހެއް ނުފެނުނެވެ. ކޯސް ނިންމާފައި އެނބުރި ރާއްޖެ އައި ގޮތަށް އައިޝާ ދިޔައީ އައިޝާގެ ތިމާގެ ދައްތައެއްގެ ގެއަށެވެ. އިމްޖާދުގެ ގެއަށް ދާން އައިޝާ ބޭނުންނުވީއެވެ. ސަބަބަކީ ކޮބައިތޯ ބެލުމަށް އިމްޖާދު ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އައިޝާގެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ވައިބަރ މެސެޖަކުން އައިޝާ، އިމްޖާދަށް އެންގީ އޭނާ ދެން އިމްޖާދާއެކު އުޅެން ބޭނުން ނޫންކަމަށެވެ. އަދި އޭނާ ލޯބިވާ އެހެން މީހަކު ހުރިކަމަށާއި ވީހާ އަވަހަކަށް ވަރިކޮށް ދިނުން އެދޭ ކަމަށެވެ.

މި މެސެޖާއެކު އިމްޖާދުގެ ދުނިޔެ އެފުށް މިފުށަން ޖެހުނެވެ. ދެކެމުން ދިޔަ ހަޔާތުގެ އުފާވެރި ގަނޑުވަރު އަނިޔާވެރިއަތަކުން ފުނޑުފުނޑުކޮށްލި މަންޒަރު ދެކެން ހަދާނެ ގޮތެއް ނޭނގިފައި އިމްޖާދަށް ހުރެވުނެވެ. އެތަައް ބުރަ މަސައްކަތް ކޮށް ހޯދިހާ ފައިސާ ޚަރަދުކޮށް ލޯބިވާ އަނބިމީހާއަށް ހޯދައިދިން އުފާ، ނާޖާއިޒް ގޮތުގައި ބޭނުންކުރީތީ ރުޅިގަދަވިއެވެ. އިމްޖާދުގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު އަލަތު ލޯބިން ލިބުނު ހިތްދަތި ފިލާވަޅުން އަންހެނުންގެ މަތިން ފޫހިވިއެވެ. ނަމަވެސް ކުޅިފަސް ގެއްލި ދުނިޔެއިން މޮޔަވާހިސާބަށް ހާލަތު ދިއުމުގެ ކުރިން އޭނާ އަމިއްލައަށް ނަފްސުކޮންޓްރޯލް ކުރިއެވެ. ހެއްދެވި ފަރާތުން ހިތްވަރާއި މަދަދަށް އެދުނެވެ. އެފަދަ ރަޙުމް ކުޑަ ބޭވަފާތެރި އަންހެނަކަށް އާދޭސް ކުރަން ބޭނުން ނުވިއެވެ. އެފަދަ މީހަކަށްޓަކައި ހިތްދަތިވެ މޮޅިން މޮޅިސާލުލައިގެން ހިތާމަކުރަން އޮންނަންވެސް އިމްޖާދު ބޭނުމެއް ނުވިއެވެ. އިމްޖާދުވެސް ބޭނުންވީ ބަދަލު ހިފާށެވެ. އެއީ ހިފުން ހައްގު ބަދަލެއްކަމަށް އޭނާގެ ހިތާއި ނަފްސުވެސް ބުނެދިނެވެ.

“އަަައިޝާ ވަރިވާން ބޭނުމިއްޔާ މިހާރުވެސް މިހިރީ ވަރިކުރަން ތައްޔާރަށް. ކޯޓަށް މައްސަލަ ހުށަހަޅާ” އިމްޖާދު އައިޝާއަށް ފޮނުވީ ކުރު އެހެނަސް މާނަފުން މެސެޖެކެވެ.

އިމްޖާދުގެ މެސެޖާއެކު އައިޝާ ކޯޓަށް ވަރިވާން ބޭނުންވެގެން މައްސަލަހުށަހެޅިއެވެ. އައިޝާ ހީކުރީ އިމްޖާދަކީ އޭނާ ބޭނުންގޮތަކަށް ހައްލައިލެވޭނެ ކުޑަކުއްޖެއް ކަމަށެވެ. އަދި ހަމަ ބުނާއިރަށް ވަރިކުރަން ވެސް ތައްޔާރަށް ހުރީތީވެ އައިޝާ ހުރީ ހިތްހަމަ ޖެހިފައެވެ. އޭނާއަށް ކަންތައްތައް ކުރެވުނު ގޮތާމެދު ކުޑަވެސް އެއްޗެއް ހިތަކަށް ނާރައެވެ. އެހެނަސް ކޯޓުގައި އިމްޖާދު ހުށަހެޅި ޝަރުޠާއެކު އައިޝާ ދެކެމުން ދިޔަ ހުވަފެން އަވާމެންދުރަކަށް ބަދަލުވިއެވެ. އިމްޖާދު ބޭނުންވީ އޭނާ އައިޝާގެ 3 އަހަރު ދުވަހުގެ ކިޔެވުމަށް ޚަރަދު ކުރި ފައިސާ އަނބުރާ ދެއްކުމަށެވެ. ވަރިކުރާނީ ޝަރުތު ފުރިހަމަ ކުރުމުން ކަމަށް އިމްޖާދު ބުންޏެވެ. އަދި ހެކީގެ ގޮތުގައި އިމްޖާދު ކޮންމެ މަހަކު އައިޝާއަށް ފޮނުވިހާ ފައިސާގެ ތަފްސީލުތައް ބޭންކް ޑޮކިއުމެންޓްސް ތަކާއެކު ކޯޓަށް ހުށަހެޅިއެވެ. ކޯޓުގައި އިމްޖާދު ބުނީ އައިޝާ އޭނާއާއި ކައިވެނިކުރީ މަކަރުން ކަމަށާއި އެއީ އޭނާގެ ފައިސާ ޚަރަދުކޮށްގެން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ކަމަށެވެ. އަދި ކިޔަވައި ނިމިގެން އައިސް ވަގުތުން ވަރިވާން ބޭނުންވުން އޭގެ ހެއްކަކަށް ފުދޭކަމަށެވެ. އެހެންކަމުން އިމްޖާދުގެ އަތުން ބޭކާރުގޮތުގައި ޚަރަދުވި 3 ލައްކަ ދިވެހި ރުފިޔާ ދައްކައި ނިމުމާއެކު އައިޝާއަކީ އޭނާގެ އަންބެއް ނޫންކަމަށް ނިންމާނެ ކަމަށެވެ.

އިމްޖާދުގެ މި ނިންމުމާއެކު އައިޝާ ހާސްވެ ކަންބޮޑުވިއެވެ. އޭނާގެ އަތަކު އިމްޖާދަށް ދައްކާނެ ފައިސާއެއްނެތެވެ. އަދި އޭނާ މިހާރު ރައްޓެހިވެގެން އުޅޭ މީހާއަކީވެސް އާދައިގެ ވަޒީފާއެއްގައި އުޅޭ މީހެއްކަމުން އެހާގިނަ ފައިސާ ހޯދާނެ ގޮތެއް ނޭނގުނެވެ. ކިޔަވައިގެން އައިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވާތީވެ އަދި ވަޒީފާގަނޑެއްވެސް އަތުގައިނުމެ ނެތްމެއެވެ.

އައިޝާ އިމްޖާދަށް ގުޅޭތޯ ލައްކަ މަސައްކަތް ކުރިއެވެ. އިމްޖާދަށް ގުޅައިގެން ވާހަކަ ދައްކައިގެން ނަމަވެސް މި ފައިސާ ދައްކަން ނުޖެހޭނެ ގޮތެއްވޭތޯއެވެ. ނަމަވެސް އޭނާގެ އެއްވެސް ކޯލަކަށް އަދި މެސެޖަކަށް ވެސް އިމްޖާދު ޖަވާބެއް ނުދެއެވެ. އިމްޖާދު ހުރީ އޭނާގެ ގޮތުގައެވެ.

ދޭތެރެ ދޭތެރެއިން އެމީހުންގެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދެއެވެ. އައިޝާގެ ފަރާތުން ވަކީލަކުވެސް ހުށަހެޅިއެވެ. އިމްޖާދު އައިޝާއަށް ޚަރަދުކުރި ފައިސާއަކީ އޭނާގެ ހަލާލު އަނބިމީހާއަށް ހޭދަކުރި ފައިސާކަމަށާއި އެއީ އަނބުރާ ދެއްކުމަށް ޝަރުތުކޮށްގެން ޚަރަދުކުރި އެއްޗެއް ނޫންކަމަށް ހެދޭތޯ ލައްކަ ގިނަގޮތްގޮތަށް ވާހަކަ ދެއްކިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކުރި ލިބެނީ އިމްޖާދުގެ ކޮޅަށެވެ.

“އެއީ އަހަރެން ފައިސާ ބޭނުންވެގެން ފައިސާގެ ދަހިވެތިކަމުގައި ކުރަން ބޭނުންވި ކަމެއް ނޫން. އަހަރެން ބޭނުންވީ އައިޝާއަށް ފިލާވަޅެއް ދޭން. އައިޝާ އަމިއްލަ އަށް މާފަށް އެދިގެން އަލުން އެކީގައި ދިރިއުޅެން ބޭނުުންވިޔަސް އަހަރެން އެފުރުސަތެއް ވެސް ނުދޭނަން” އިމްޖާދު ބުންޏެވެ.

އިމްޖާދުގެ އެވާހަކަތައް އަޑުއަހަން ކިއާރާ އިނީ ބަސްހުއްޓިފައެވެ. ދުނިޔޭގައި ހާދަހާ ތަފާތު ވައްތަރުގެ މަކަރުވެރިން އުޅެޔޭ ކިއާރާގެ ހިތަށް އެރިއެވެ.

“ދެން..ދެންމެ އައިޝާ ފޯނު ކުރީ ކީއްވެ…؟ ކިއާރާ އަހާލިއެވެ.

“ބުނީ ފައިސާގެ ކަންތައްތައް ހަމަޖެހިއްޖެޔޯ..ކޯޓު މެދުވެރިކޮށް އަހަރެން ބޭނުންކަންތައްތައް ނިންމާނަމޭ. ކިހިނެއްކަމެއްވެސް ނޭނގެ ފައިސާ ހޯދީ. އަހަރެން އެ އެއް ބަލާކަށްވެސް ބޭނުމެއް ނޫން” އިމްޖާދު ބުންޏެވެ.

“އެހެންވީމާ ދެން އެކަން އެ ނިމުނީއެއްނު. ކަންބޮޑުވާކަށް ދެނެއް ނުޖެހޭނެއެއްނުދޯ. އިމްޖާދު މީގެ ކުޑައިރުކޮޅެއް ކުރިން ބުނިއެއްޗެއް ހަނދާންވޭތަ” ކިއާރާ ބޭނުންވީ އިމްޖާދުގެ އަތުގައި ހިފާލުމަށެވެ. އަނދިރީގެ ތެރޭގައިވެސް އޭނާގެ ދޮން އަތުގައި ހުރި ކަޅުކުލަގަދަ އިސްތަށިތަކުގެ ތަރުތީބު އެނގޭހައިވެއެވެ.

“ކޮންވާހަކައެއް؟” ކުރިން ދެއްކި އެއްވެސް ވާހަކައެއް މިހާރު އިމްޖާދުގެ ހަނދާނުގައި ނެތްކަހަލައެވެ.

” ބައެއްފަހަރު ތިމާގެ އަތުން އެއްޗެއް ބީވެގެންދާނީ އެއަށްވުރެ މާރަނގަޅު އެއްޗެއް ތިމާއަށް ލިބުމަށް ތަގްދީރުގައި އޮތީމައޭ ބުނީމެއްނު.. ” ކިއާރާ ހިނިތުންވެލިއެވެ.

“ހޫމްމް….”މިފަހަރު އިމްޖާދު ކިއާރާއަށް ބަލާލީ އުއްމީދާއެކުގައެވެ. އޭނާގެ އަތުން އައިޝާ ބީވެގެން ދިޔަނަމަވެސް ކިއާރާ އޭނާގެ ޙަޔާތަށް އައުމަކީ އޭނާގެހިތުގެ އެދުމަކަށް ކުއްލިއަކަށް ވެގެން އެދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ހިތް ތަފާތުގޮތަަކަށް ވިންދުޖަހަން ފެށީ ކިއާރާ، ކަޅިޖަހާނުލައި އޭނާއާ ދިމާއަށް ބަލަން ހުއްޓައެވެ. ފަނޑު އަނދިރިކަމުގެ ތެރޭގައި ޕޫލްގެ ފެންގަނޑުން ފެންނަން ހުރި ނޫކުލައިގެ އަލީގެ ތެރެއިން ކިއާރާ ފެންނަގޮތް ވަރަށް ރީއްޗެވެ. އޭނާ އަޅައިގެން ހުރި ހެދުމާއި ހަށިގަނޑާއި ގުޅެއެވެ.

“އޭއި….ކިހިނެއްވީ…..؟” އިމްޖާދު އޭނައާއި ދިމާއަށް ބަލަހައްޓައިގެން ގަނޑުވެފައި ހުރިތަން ފެނުމުން ކިއާރާ ލަދުގަތެވެ.

“ކަމެއް ނުވޭ..!” ކުޑަ ހިނިތުންވެލުމަކާއެކު އިމްޖާދު ބުނެލިއެވެ.

“އަަހަރެން ބުނީ ދޮގުވާހަކައެއްތަ..؟ އަމިއްލަ ނަފްސާ ސުވާލުކޮށްބަލަ..ހަމަ ގައިމުވެސް އައިޝާ އަހަރެންގެ ހަޔާތުން ދިޔައީތީ ދެރައެއް ނުވަން. ކިއާރާ ވެސް ތިހިރީއެއްނު” ސަމާސާ ރާގަކަށް އިމްޖާދު ބުނެލި ޖުމުލައަކީ ހަގީގަތުގައިވެސް އޭނާ ކިއާރާއަށް އަޑުއިއްވަން ބޭނުންވި ޖުމުލައެކެވެ.

“ހެހެ…ބަލަ އަދި އަހަރެން ހުހެއް ނުވެޔޭ…މީހެއްގެ އިއްދައިގައި މިހިރީ” ކިއާރާވެސް އިމްޖާދުގެ ސަމާސާގައި ބައިވެރިވިއެވެ. ނަމަވެސް އިމްޖާދުގެ ކޮންމެ ޖުމުލައެއް އުފާވެރިކަމުގެ މިޔުޒިކަކަށް ވެގެން އޭނާގެ ސިކުނޑީގެ ނާރުތަކާ ކުޅެމުންދާކަން އޭނާއަށް އެނގެއެވެ.

“ވާހަކައިގައި ތިއްބާ ގަޑިން ވީއިރެއްވެސް ނޭނގުނު ދޯ. މާދަމާ ހެނދުނު ހޭަލަން ޖެހޭނެއެއްނު..ހިނގާދޯ ދަމާ” އިމްޖާދު ބުނެލިއެވެ.

“އާން އެބުނާހެން…1 ޖަހައި ބޮޑުވެއްޖެ” ކިއާރާވެސް ގޮނޑިން ތެދުވިއެވެ. އެވަގުތު އޭނާގެ އުސް ފައިވާނަށް ފައިން އެރުނު ގޮތަކުން އަރިއަޅާލިއެވެ. ނުވެއްޓި ސަލާމަތްވީ އިމްޖާދުގެ އެހީތެރިކަމާއެކުގައެވެ. އެވަގުތު ދެމީހުންގެ ނަޒަރު ސީދާވިއެވެ. ބުނަން ނޭނގޭފަދަ އިހްސާސްތަކެއް ކުރެވިގެން ދިޔަ ސިކުންތެއްގެ ވަގުތުކޮޅަކަށް ފަހު ދެމީހުން ދުރަށް ޖެހިލިއެވެ.

“ސޮރީ..ފައިވާން އަރިއަޅާލީ” ކިއާރާ ބުނެލިއެވެ.

“އާނ. އަދިވެސް ދެތިން ފުޓޫ ހުރި އުސް އެއްޗަކަށް އެރޭތޯ ބަލާ” ހެމުން ހެމުން އިމްޖާދު ބުނެލިއެވެ.

ހެމުން ހެމުން މަޖާވާހަކައިގައި ތިބެގެން އެމީހުންގެ ރޫމާ ދިމާއަށް ދިޔައިރު ކުރިން ފެންނަމުން ދިޔަ މަންޒަރަށް ވުރެ މިހާރު މިތަނުގެ މަންޒަރު އިތުރަށް ރީއްޗޭ ދެމީހުންގެ ހިތަށް ވެސް އެރިއެވެ. ނޭގި ތިއްބޭ ނޭނގޭ އުފާވެރިކަމެއް ދެމީހުންގެ ހިއްސުތަކަށް ވެސް ވަނީ ކުރުވާފައެވެ. އެތަނުން ތެދުވެގެން އަންނަން ބޭނުން ނުވިޔަސް ހިތާ ދެކޮޅަށް ދެމީހުން ވެސް އައީ އެއީ ކުރަން ޖެހޭ ކަމަކަށް ވާތީއެވެ.

“އަހަންނަށް ފަތިހު ހޭނުލެވިދާނެ. ވޭކަޕް ކޯލެއް ދޭންވީނު” އިމްޖާދު ބޭނުންވީ ނުސީދާކޮށް ކިއާރާގެ ނަމްބަރު ހޯދުމަށެވެ.

“ތީ އެއްވެސް ކަމެއްނޫން…ނަމްބަރު ކިޔާލާ….” ޖީބުގައި އޮތް ހުދުކުލައިގެ ތުނިތުނި އައިފޯން ނަގަމުން ކިއާރާ ބުނެލިއެވެ.

“ކިއާރާގެ ނަމްބަރު ކިޔާ..މިސްކޯލެއް ދޭނަން” އިމްޖާދު ސިކުނޑީގެ ބޭނުންކޮށްލިއެވެ.

ކިއާރާ އޭނާގެ ނަމްބަރު ކިޔައިދިނުމުން އިމްޖާދުގެ ފޯނުން އެނަމްބަރަށް ޑައިލް ކޮށްލިއެވެ. ކިއާރާގެ އަތުގައި އޮތް ފޯނު އެވަގުތު ރިންގުވިއެވެ.

“އޯކޭ..ގުޅާނަން އިނގޭ. ގުޑްނައިޓް” އެހެން ބުނެލުމަށްފަހު ރީތި ހިނިތުންވުމެއް އިމްޖާދަށް ހަދިޔާކޮށްލަމުން ކިއާރާ އޭނާގެ ރޫމަށް ގޮސް ނިމިއްޖެއެވެ. ކުޑައިރުކޮޅަކަށް ގަނޑުވެފައި ކަހަލަ ގޮތަކަށް އިމްޖާދު އޭނާގެ ރޫމުގެ ކުރިމަތީގައި ހުއްޓެވެ. މިހާރު އޭނާގެ ހިތް ވިންދުޖަހަމުން ދަނީ ޓީނޭޖް އުމުރުގެ ކުއްޖެއްގެ ހިތްފަދައިންނެވެ. އޭނާގެ ހިއްސުތަކާއި ނާރުތަކަށް ވެރިވެފައި ހުރީ އާދަޔާ ޚިލާފު މަސްތެކެވެ. ކުއްލިއަކަށް މިހާއަވަހަށް މިބަދަލު އަންނަން ޖެހުނު ސަބަބާ މެދު އޭނާ ކުޑަކޮށް ވިސްނާލިއެވެ. ނަމަވެސް ކިއާރާގެ ނަން ފިޔަވައި އެއްވެް އެއްޗެއް އޭނާގެ ވިސްނުމަކަށް ނައެވެ.

ރޫމަށް ވަދެ ކުޑަކޮށް ތާޒާވެލުމަށްފަހު އެނދުގެ މަޑު ގޮދަޑިތެރެއަށް އޭނާ ވެއްޓިގަތެވެ. އޭސީ ފުލް ކޮށްލަމުން ބާލީހުގައި ބައްދާލިއެވެ. އެއާއެކު އޭނަގެ ޚިޔާލީ ތަސްވީރަށް ކިއާރާގެ ރީތި ސޫރަ ފެނުނެވެ. ކުރިމަތީގައި އިނދެގެން ކިއާރާ ހީނލުމުން ފެންނަ އަޑިކޮޅުގެ ރީތިކަން އިހްސާސްވިއެވެ.

އެނދުގެ ކައިރީގައި ސައިޑް ޓޭބަލް މަތީގައި އޮތް އޭނާގެ ފޯނު ނަގައި ކިއާރާގެ ނަމްބަރު ބަލައިލިއެވެ. އަދި ނިދުމުގެ ކުރިން އެންމެ މެސެޖެއް ކޮށްލިއަސް އޯކޭ ވާނެ ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

-ނުނިމޭ-