English Edition
Dhivehi Edition
05 މާރިޗު 2020ގައި ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގެ ގދ. ތިނަދޫ ޖަލްސާގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

ސަރުކާރު ހިންގާ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިއުލާންކޮށްފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ އެސްޖީގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 23 ޑިސެންބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ޔުނިވާރސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައި ވުން ހިމެނެއެވެ.

އެ މަޤާމަށް ހޮވޭ ފަރާތެއްގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީގެ އެސްޖީ ކަމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދޭ ސިޓީއާއި ވަނަވަރު ހުށަހަޅަންޖެހޭނީ އެ ޕާޓީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށެވެ.

އެމްޑީޕީ އަށް އެސްޖީ އަކު ހޯދަން އިއުލާންކޮށްފައި މިވަނީ އެ މަޤާމުގައި ހުންނެވި އަނަސް ޢަބްދުލް ސައްތާރު, ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވައި, އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެގޮތުން އަނަސް ވަނީ ޖެނުއަރީ 31ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީން މާލޭގެ މިހާރުގެ މާޔަރު ޝިފާ މުޙައްމަދު އަދި ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ބަލިކުރައްވައިފަ އެވެ.

އަނަސް އެ މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރެއްވި އަފްޝާން ލަތީފު ވަނީ އަލަށް އެކުލަވާލާފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ޢައްޔަނުކުރައްވައިފައެވެ. އަފްޝާން އަކީ އެލްޖީއޭގެ ބޯޑުގެ ސީއީއޯ އެވެ.

ޓެގު