English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު”ގެ މި އަހަރުގެ ފަހު ކުއާޓަރުން ހޮވުނު އެންމެ ރަނގަޅު 10 ޕްރޮޖެކްޓްގެ ތެރޭގައި ގދ. އަތޮޅުގެ ހޯނޑެއްދޫ ގައި ނޭޗަރ ޕާކެއް ތަރައްގީ ކުރުމާއި ގދ. ގައްދޫ ގައި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިއްޖެއެވެ.

މި މަސައްކަތް ކުރުމަށް ޕްރޮޖެކްޓް ލިބިފައިވަނީ، އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ހިންގާ ‘އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު’ގެ ދަށުން 2020 ވަނަ އަހަރުގެ ފަހު ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ތެރޭގައި ހިމެނިގެން ކަމަށް ބީއެމް އެލް އިން ބުނެއެވެ.
މި ދެޕްރޮޖެކްޓްގެ އިތުރުން ކޮމިއުނިޓީފަންޑުގެ އެހީ ދިނުމަށް ހަމަޖެހުނު އިތުރު ޕްރޮޖެކްޓް ތަކުގެ ތެރޭގައި

1. ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން –- އިބްރާހިމް ނިޝާމް އަހުމަދު

2. ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން –- ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަރސް

3. ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން –- ވެސްޓް ވިންގްސް އޭދަފުށި

4. ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން – ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯރޓްސް އެސޯސިއޭޝަން (ކީސާ)

5. ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން –- ޗިލްޑްރަން އޮފް މޯލްޑިވްސް

6. އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން – ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން

7. އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން –- އާދަމް އަފްސަލް

8. ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން – ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް

“އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މިފަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެންދިޔަ. ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ކަރުދާހަށް ގެންނަވައި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ.” ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީ.އެމް.އެލްއިން މައުލޫމާތުދެއެވެ.