English Edition
Dhivehi Edition

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދެވިގެން އުޅެނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ތެރެއިން ފްލައިން ސްކޫލު ހިންގާ ފަރާތްތަކަށް ވާގިވެރިވާ ބަޔަކު އުޅޭތީ ކަމަށާއި މިނިސްޓްރީ ތެރެއިން އެމީހުންނަށް ވާގިވެރިވާ ބަޔަކަށް ފިޔަވަޅު އަޅައިދިނުމަށް އައްޑު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ގޮވާލައިފިއެވެ.

ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ އެ ސްކޫލުގެ ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ހުށަހަޅާފައިވާއިރު އަދި މިހާތަނަށް މި މައްސަލައަށް އެއްވެސް ހައްލެއް ލިބިފައެއް ނުވެއެވެ. އަދި ފްލައިން ސްކޫލްގެ މައްސަލަތަކުގެ ވާހަކަ ދައްކާ ދަރިވަރުންނާއި މެދުވެސް ފިޔަވަޅުތައް އަޅަމުން އަންނައިރު މިކަމާއި ގުޅިގެން ފްލައިން ސްކޫލުގެ ދަރިވަރުން އަންނަނީ “އޭއޭއޭ ސްޓޫޑަންޓް ޔުނިއަން” ގެ ނަމުގައި ޓްވީޓާ އެކައުންޓެއް ހަދައި، ދަރިވަރުންނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާފައެވެ.

މި ގޮތުން “އޭއޭއޭ ސްޓޫޑަންޓް ޔުނިއަން”ކޮށްފައިވާ ޓުވިޓެއް ރިޓުވިޓް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ މައްސަލައަކީ މުޅި ގައުމަށް ޖެހިފައި އޮތް މުސީބާތަކަށް ވެއްޖެކަމަށެވެ. ” މި މީހުންނާއި ގުޅިގެން މި މީހުންނަށް ބެކިންދޭ ދިވެހި ބަޔަކަށްވެސް ވާ ސަލާމް. ޓްރާންސްޕޯޓް މިނިސްޓްރީއަށް މިކަން ހައްލު ކޮށްދެވެންވާނެ. މިނިސްޓްރީ ތެރެއިން މި މީހުންނަށް ވާގިވެރިވާ ބަޔަކަށް ފިޔަވަޅު އަޅަން ގޮވާލަން” ރޮޒައިނާގެ ޓުވިޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ދިވެހި ފަސްގަނޑުގައި ތިބެގެން ދިވެހި ކިޔަވާ ކުދިންނަށް މުސީބަތް ޖެއްސުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށެވެ. ” މި މީހުން ބޭރުކޮށްފަ އެހެން ގޮތެއް ހޯދަން އެބަހޭ. ޖެއްސުން ކުރިއަސް ތި އޭއޭއޭ އެއްގެ ކަންތައް މި ދެން ބޮޑުވަރު” ރޮޒައިނާ ވިދާޅުވިއެވެ.

 

ރޮޒައިނާ ކުރެއްވި އިތުރު ޓުވިޓެއްގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއަށް ޓެގް ކުރައްވާ ވިދާޅުވީ ފްލައިން ސްކޫލް ހިންގާ މީހުންގެ ކަންތައްތައް މާ މައްޗަށް ގޮސްގެން އުޅެނީ މިނިސްޓްރީ ތެރެއިން އެމީހުންނަށް ވާގިވެރިވާ ފަރާތެއް ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށްވެސް ރޮޒައިނާ ވަނީ އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ އިއްޔެ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުން ވަނީ އެ ކުދިންނަށް ދިމާވާ ދަތިތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ. އެ ގޮތުން، އެ ކުދިން ވަނީ ސްކޫލްގެ ފީ އެމެރިކާ ޑޮލަރުން ދައްކަން ޖެހުމުން ދިމާވާ ދަތިތަކާއި، ފްލައިންގ ސްކޫލުން އެ ކުދިންނާ މެދު ޢަމަލުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ.

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނާއި ނައިބް ރައީސް ބައްދަލުކުރައްވަވައިފި