English Edition
Dhivehi Edition

ސަދަން ޓްރާންސްޕޯޓް ލިންކު (އެސްޓީއެލްގެ) ފެރީ އަދި ލޯންޗް ޝެޑިއުލް ދަތުރުތަކަށް މިއަހަރުގެ ރަމަަޟާންމަހާއި ދިމާކޮށް ގެނައި ބަދަލުތައް އާއްމުކޮށްފިއެވެ. އާއްމުންނަށް ފައްސޭހޭވާނެ ފަދަ ގޮތަކަށް ބަލައިގެން މިއަހަރުގެ ރޯދަ މަހު ޝެޑިއުލް އަށް ގެނައި ބަދަލާއެކު ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ޖުމްލަ ހަ ދަތުރު ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ހުޅުމީދޫ އިން ފޭދޫއަށް ހެނދުނު 9 ޖަހާއިރު ފެރީ ދޯނި އޮންނައިރު، ފޭދޫ އިން މީދޫ އަށް 9:30 ގައި އޮންނާނީ ލޯންޗެވެ. މެންދުރު 11 ޖަހާއިރު ހުޅުމީދޫ އިން ފޭދޫ އަށް ދަތުރުކުރާ ލޯންޗެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މެންދުރު ފަހު 14:30 ގައި ފޭދޫ އިން ހުޅުމީދޫ އަށް ދޯނި ފެރީ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހުޅުމީދޫ އިން ފޭދޫއަށް 14:30 ގައި ލޯންޗް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު ފޭދޫ އިން ހުޅުމީދޫ އަށް އެންމެ ފަހު ދަތުރު އޮންނަނީ 15:30 ގައެވެ ހުކުރު ދުވަހު ހުރިހާ ގަޑިތަކެއްގައިވެސް ލޯންޗް ދަތުރު ބާއްވަން ހަމަޖެހިފައިވާއިރު ހުޅުމީދޫ އިން ފޭދޫ އަށް ހެނދުން 10 ޖަހާއިރު އެއް ދަތުރު، ހަވީރު 4 ޖަހާއިރު އެއް ދަތުރު އަދި ރޭގަނޑު 8 ޖަހާއިރު އެއް ދަތުރު ބައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.އެ ދުވަހު ފޭދޫ އިން ހުޅުމީދޫ އަށް 9:30، 16:30 އަދި ރޭގަނޑު 23:00 ގައި ދަތުރުތައް ހަމަޖެހިފައިވާ އިރު ޓިކެޓް ވިއްކަން ފަށާނީ ފުރުމުގެ 30 މިނިޓް ކުރިންނެވެ. ރޯދަ މަހުގެ ޝެޑިއުލް އާއި ބެހޭ ގޮތުން އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން އެސްޓީއެލްގެ ހުޅުމީދޫ މެނޭޖަރ އަޙްމަދު ޝާތިރު ވިދާޅުވީ ޝެޑިއުލް ހަދާފައިވަނީ ރައްޔަތުންނަށް ފައްސޭހަވާނެ ހެން ރަސްމީ ގަޑިތަކަށް ބަލައިގެން ކަމުގައެވެ.” ޝެޑިއުލް ހަދާފައިވަނީ މެޓް އޮފީހާއި،އައިލެންޑް އެވިއޭޝަން އާއި މަޝްވަރާކުރުމަށްފަހު ހުޅުމީދޫ އިން ފޭދޫ އަށް ވަޒީފާއަށް ދާ ފަރާތްތަކަށްވެސް ދަތި ނުވާނެ ގޮތަށް ބަލައިގެން.” ޝާތިރު ވިދާޅުވިއެވެ. އެސްޓިއެލް އިން ދެމުން އަންނަ ހިދުމަތްތަކަކީ އަތޮޅުގެ ހުރިހާ ރައްޔަތުންވެސް ތައުރީފުކުރަމުންދާ ހިދުމަތަކަށްވާ އިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މީ މިހާރު އައްޑޫ ސިޓޫގައިވާ، ރައްޔަތުންނާއި އެންމެ ގުޅިގެން މަސައްކަތް ކުރަމުންދާ މުއައްސަސާއެވެ.