English Edition
Dhivehi Edition

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ފައިސަލް ނަސީމް ވަނީ މަތީ ތައުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައިވަނީ އައްޑޫ ފްލައިންގ ސްކޫލްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާކަމަށެވެ، އަދި އެކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާކަން ފައިސަލް ނަސީމްވަނީ ފާހަގަކުރައްވާފައެވެ. އެ މަރުކަޒުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުސަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ފައިސަލް ނަސީމް ވަނީ، އެ މަރުކަޒާއެކު މަޝްވަރާކޮށް އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވާފައެވެ.