English Edition
Dhivehi Edition

ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފަރީދީމަގުގެ ވަކި ހިސާބެއް ބަންދުކޮށްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަޑަކަށް 71 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށެވެ.މި އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު ހާމަކުރައްވަމުން ހަމީދު ވިދާޅުވީ ކާރުގެ ތެރެއިން ހޯދިފައި ވަނީ 71 ކިލޯގެ ހެރޮއިން ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ދިމާވާ ގޮންޖެހުންތަކާ އެކުވެސް ރާއްޖެއަށް ޑްރަގް ޓްރެފިކް ކުރުން ހުއްޓުވުމަށް ފުލުހުން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމަށެވެ.

Image
މިއަދު ފުލުހުން އަތުލައިގަތް މަސްތުވާތަކެތި

މި މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މިތަކެތި ހުރީ 2 ގޯންޏާއި 2 ސޫޓް ކޭހުގައި ކަމަށެވެ.

މައުލޫމާތު ލިބުނު ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ފުލުހުން ކަނޑުމަތިން ފާރަލަމުން އައި އެއްޗެއްސެވެ. އެ އެއްޗެހި މާލެ އަށް ބާލައި ކާރަށް އަރުވާފައި ދުއްވަން ފެށިތަނުން އެ ކާރު ފުލުހުން ހުއްޓުވީ މިއަދު މެންދުރެއްހާ އިރުކަމަށް މައުލޫމާތު ލިބެއެވެ.