English Edition
Dhivehi Edition
ފޮޓޯ/ބީއެމްއެލް

ގައުމީ ބޭންކް، ބީއެމްއެލްއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފި އެވެ.

ބީއެމްއެލް އިން ރޭ ބޭއްވި ހާއްސަ ހަފްލާގައި އެވޯޑު ދީފައިވަނީ ބީއެމްއެލްއަށް 15، 20، 25 އަދި 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. ޖުމުލަ 33 މުވައްޒަފަކަށް އެވޯޑު ލިބިފައިވެ އެވެ. އަގު ވަޒަން ކުރި މުވައްޒަފުންގެ ތެރެއިން ދިގު މުއްދަތަށް ހިދުމަތް ކުރުމުގެ އެވޯޑު ލިބިފައިވަނީ 35 އަހަރުގެ މުއްދަތަށް ހިދުމަތްކޮށްފައިވާ އެ ބޭންކުގެ ހެޑް އޮފް ޕްރޮކިއުމަންޓް މުހައްމަދު އަހުމަދު އަދި ހެޑް އޮފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ހަސަން ޝާމް އަށެވެ. އަދި ބޭންކަށް 25 އަހަރު ހިދުމަތްކޮށްގެން އެވޯޑު ލިބުނީ ސީނިއާ ޕެރަލީގަލް އަބްދުﷲ ސައީދު އަދި ގަމު ބްރާންޗް މެނޭޖަރު ހާނީމާ ނަސީމް އަށެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ އެ ކުންފުނީގައި ހީވާގިކަމާއެކު ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވާފައިވާ ހުރިހާ މުވައްޒަފުން ނަށް ޝުކުރު އަދާކޮށްފަ އެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ދީފައިވާ ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.