English Edition
Dhivehi Edition

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ގޮތުން، އެވިޑް ކޮލެޖު ތިނަދޫ ކެމްޕަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ކުރުމުއްދަތުގެ “ކަސްޓަމަރ ކެއަރ ޓްރެއިނިންގ” ތަމްރީނު ޕްރޮގްރާމް ހޮސްޕިޓަލުގެ 25 މުވައްޒަފަކު ފުރިހަމަކޮށްފިއެވެ.

ޙިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކާއި މުޢާމަލާތު ކުރާނެ ގޮތްތަކާއި، އެ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި އަމަލުކުރާނެ ގޮތްތަކުގެ ހުނަރު ތަރައްޤީކުރުމުގެ މަޤްސަދުގައި، މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އެވިޑް ކޮލެޖާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމުގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ އަޙްމަދު ސަޢޫދު އޭ.އޯ ނިއުސް އަށް މަޢުލޫމާތު ދެއްވިއެވެ. މި ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައި ދެއްވީ އެވިޑް ކޮލެޖް ގެ ޑެޕިއުޓީ ވައިސް ރެކްޓަރ ފަޔާޒް ހަސަން، އެކަޑަމިކް މެނޭޖަރ ޝަޒިއްޔާ އަހްމަދު، ލެކްޗަރަރ ޝައިސްތާ އަލީ އަދި ސީނިއާރ ލެކްޗަރަރ މަރިޔަމް ނިޔާފެވެ.

“ކަސްޓަމަރ ކެއަރ ޓްރެއިނިންގ” ތަމްރީނު ޕްރޮގުރާމުގައި އެ ހޮސްޕިޓަލުގެ އެކި ޑިޕާރޓްމަންޓް ތަކުން ޖުމްލަ 25 މުވައްޒަފުން ބައިވެރިވެފައިވާއިރު 5 ދުވަހަށް ބަހާލައިގެން 16 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

މި ތަމްރީނު ޕްރޮގުރާމުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު އަދަށްވުރެ ރަނގަޅުވެގެން ދާނެ ކަމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކަށް އަބަދުވެސް ފުރުސަތު ހޯދައި ދިނުމަކީ ހޮސްޕިޓަލުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ކަމުގައި އަހްމަދު ވަނީ ވިދާޅުވެފައެވެ. މިގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ.) ތިނަދޫ ކެމްޕަހާއި ގުޅިގެން މުވައްޒަފުންނަށް އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވެމުންދާ ކަން އަޙްމަދު ފާހަގަކުރެއްވިއެވެ.

ހޮސްޕިޓަލުން އެންމެ ބޮޑު ސަމާލުކަމެއް ދެމުންގެންދާ ކަސްޓަމަރ ކެއަރ ރަނގަޅުކުރުމަށް ހޮސްޕިޓަލުގެ ފްރަންޓް ލައިނާއި އެހެނިހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެ ދާއިރާއިން ކުރު މުއްދަތުގެ ތަމްރީނުތަކެއް ދިނުމަކީ ހޮސްޕިޓަލުގެ މައިގަނޑު އެއް އަމާޒު ކަމަށާއި މި އަހަރުގެ މިހާތަނަށް ޖުމްލަ 88 މުވައްޒަފެއް އެކި ދާއިރާތަކުން ތަމްރީނު ކުރެވިފައިވާނެ ކަމަށް އަހްމަދު ވިދާޅުވިއެވެ.